ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކުގައި ހިމެނޭ ފައިސާގެ ތެރެއިން މިހާތަނަށް 20 މިލިއަން ރުފިޔާ އަނބުރާ ހޯދުމަށް އެ ކުންފުންޏަށް އަންގާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފައިވާއިރު, އެ ފައިސާއަކީ 2018 ނޮވެމްބަރު މަހުގެ ކުރިން ހިންގާފައިވާ 4 މުއާމަލާތަކާ ގުޅޭ ފައިސާކަމަށް ފެނަކައިން މިއަދު ބުނެފިއެވެ.
އޭސީސީއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މި ވަގުތު ވެސް ފެނަކައާ ގުޅޭ 75 މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށެވެ.
އެ މައްސަލަތަކުގެ ތެރޭގައި ކުންފުނި ހިންގުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި, ހޯދައިދިނުމާ ގުޅޭ މައްސަލަތަކާއި, އުސޫލުތަކުގެ ބޭރުން އެކި މީހުންނަށް ވަޒީފާ ހަމަޖައްސާފައިވާކަމުގެ ތުހުމަތުތަކުގެ މައްސަލަތަކާއި, ކުންފުނީގެ ޕްރޮކިއުމަންޓު އުސޫލުތަކާ ޚިލާފުވުމުގެ މައްސަލަތަކާއި, ކުންފުނިން ފައިސާ ދޫކުރުމާ ގުޅޭ ގޮތުން އެކަށައަޅާފައިވާ އުސޫލުތަކާ ޚިލާފަށް ފައިސާ ދޫކުރުމުގެ ތުހުމަތުތަކުގެ މައްސަލަތައް ހިމެނޭ ކަމަށް އޭސީސީއިން ބުންޏެވެ.
“މިހާތަނަށް ފެނަކައާ ގުޅޭ ގޮތުން އެކި މައްސަލަތައް ތަހުގީގު ކުރުމަށްފަހު، އެ މައްސަލަތަކާ ގުޅިގެން، އެ މައްސަލަތަކުގައި ހިމެނޭ ފައިސާގެ ތެރެއިން 20،504،491.54 (ވިހި މިލިޔަން ފައްސަތޭކަ ހަތަރު ހާސް ހަތަރު ސަތޭކަ ނުވަދިހަ އެއް ރުފިޔާ ފަންސާސް ހަތަރު ލާރި) އަނބުރާ ހޯދުމަށް އެ ކުންފުންޏަށް އޭސީސީން ވަނީ އަންގާފައި.“ އޭސީސީއިން ބުންޏެވެ.
ފެނަކައިން ނެރުނު ބަޔާނެއްގައި ބުނީ ބަލަމުންދާ މައްސަލަތަކުގެ އަދަދު ކަމަށް ބަޔާންކޮށްފައިވާ ތަފާސްހިސާބަކީ 2012 ވަނަ އަހަރު އެ ކުންފުނި ވުޖޫދު ކުރެވުނު ދުވަހުން ފެށިގެން މިއަދާ ހަމައަށް ހުރި އަދަދު ކަމަށެވެ. އަދި ހޯދުމަށް އަންގާފައިވާ 20 މިލިޔަން ރުފިޔާ އަކީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ކުރިން ހިންގާފައިވާ 4 މުއާމަލާތަކާ ގުޅޭ ފައިސާ ކަމަށެވެ.
“ހޯދަން އެންގި 20،504،491.54 ރުފިޔާއަކީ 2011 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރުގެ ނިޔަލަށް ކުންފުނިން ހިންގާފައިވާ ޖުމްލަ 04 މުއާމަލާތަކާ ގުޅިގެން ހޯދުމަށް އަންގާފައިވާ ފައިސާ.“
އޭގެތެރޭގައި ހިމެނެނީ:
ސަދަން ޔުޓިލިޓީޒް ލިމިޓެޑްގެ ކުރީގެ ފައިނޭންސް ޑިރެކްޓަރަކު ކިޔަވަން ދިއުމަށް ކުންފުނީގެ އެއިރުގެ މެނޭޖިންގ ޑިރެކްޓަރު މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކުންފުނީގެ ބަޖެޓުން ދޫކޮށްފައިވާ ކަމަށް ބުނެވޭ 240،000.00 ރުފިޔާ.
2015 ވަނަ އަހަރުގެ ތެރޭގައި އަމިއްލަ ކުންފުންޏަކުން ކޮށްފައިވާ މުއާމަލާތްތަކަކާ ގުޅިގެން ކުންފުނީގެ ޕްރޮކިއުމަންޓް ޕޮލިސީއާ އެއްގޮތަށް އުނިކުރަންޖެހޭ ޖޫރިމަނާ ފައިސާ އުނިނުކޮށް އެ ފަރާތަށް ފައިސާ ދައްކާފައިވާތީ ކުންފުންޏަށް ލިބުނު ގެއްލުމަށް ވާ 1،017،170.44 ރުފިޔާ.
2016 ވަނަ އަހަރު ކުންފުންޏަށް ބޭނުންވާ ޑޮލަރު ގަތުމަށް އަމިއްލަ ކުންފުންޏަކާ އެކު ކުރެވުނު މުއާމަލާތުގައި ކުންފުންޏަށް ލިބެންޖެހޭ 17،857،979.10 ރުފިޔާ.
2017 ވަނަ އަހަރު ކުންފުންޏަށް ބޭނުންވާ ބިލިންގ ސޮފްޓްވެއަރ ހޯދުމަށް އަމިއްލަ ކުންފުންޏަކާއެކު ކޮށްފައިވާ މުއާމަލާތްތުގައި ކުންފުންޏަށް ގެއްލިފައިވާ 1،389،342.00 ރުފިޔާ.
![]()
