މެދުއިރުމަތީގެ ގައުމުތަކުން އިސްރާއީލާއެކު ގުޅުން ބަދަހިކުރުން އާންމުކަމަކަށް!

Loading

Facebook
Twitter
WhatsApp

މެދުއިރުމަތީގެ ގައުމުތަކުން އިސްރާއީލާއެކު ގުޅުން ބާއްވައި އެ ގުޅުން ބަދަހިކުރުމަކީ އާންމުކަމަކަށް އަދި އާދައަކަށް މިހާރު މިވަނީ ހަދާފައެވެ. އޮކްޓޫބަރު 2023 ގެ ނިޔަލަށް އެތައް ގައުމަކުން އިސްރާއީލާއެކު ގުޅުންތައް އާލާކޮށްފައިވާއިރު، އެހެން ބައެއް ގައުމުތަކުން މިހާރު ވެސް އިސްރާއީލާއެކު ގުޅުން ބަދަހިކުރުމުގެ މަޝްވަރާތަކާއިގެން ދަނީ ކުރިއަށެވެ. 

އެގޮތުން، 1979 ވަނަ އަހަރު އިސްރާއީލުން މިޞްރާއި އާންމުކޮށް ގުޅުން ބަދަހިކޮށްފައިވާއިރު، އެކުވެރި އަރަބި އިމާރާތުންނާއި، ބަހްރޭނުންނާއި، ސޫދާން އަދި މޮރޮކޯއިން އިސްރާއީލާއި ގުޅުންތައް އާލާކުރީ 2020 ވަނަ އަހަރުގައެވެ. މީގެއިތުރުން، އިސްރާއީލާއެކު މިފަދަ މަޝްވަރާތަކެއް ކުރަމުންދާ ގައުމުތަކުގެ ތެރޭގައި ސައުދީ އަރަބިއާއާއި، އޮމާނާއި، ޤަތަރާއި، ކުވެއިތު އަދި ލުބުނާނު ހިމެނެއެވެ. 

އަރަބި ގައުމުތަކުން އިސްރާއީލާއެކު ރަހުމަތްތެރި ގުޅުންތަކެއް ބާއްވަމުން ދަނީ އިރާނުން ނިއުކްލިއަރ ހަތިޔާރު ގެންގުޅޭ މައްސަލައާ ގުޅިގެން ސަރަހައްދީ މަސްލަހަތަށްޓަކައި ކަމަށް ގަބޫލުކުރެވޭއިރު، މި ރަހުމަތްތެރިކަމުގެ ފަހަތުގައި އިޤްތިޞާދީ މަސްލަހަތާއި އަދި ޓެކްނޮލޮޖީއާއި ގުޅޭ މަސްލަހަތުތަކެއް ވެސް ހިމެނެއެވެ. އެހެންނަމަވެސް، މި އެއްބަސްވުންތަކާއި މަޝްވަރާތަކުން އިސްރާއީލް-ފަލަސްތީނު މައްސަލައަށް ކުރާނީ ކޮންކަހަލަ އަސަރުތަކެއްކަން އަދި ސާފެއްނުވެއެވެ. 

ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި، އަރަބި ގައުމުތަކާއެކު އިސްރާއީލުން ބާއްވާ ގުޅުންތަކުގެ ސަބަބުން ފަލަސްތީނާއެކު ސުލްހައިގެ މަޝްވަރާތައް ފެށުމަށް އިސްރާއީލަށް މަޖުބޫރުވެގެންދާނެއެވެ. އަދި އޭގެ ސަބަބުން އިސްރާއީލާއި ފަލަސްތީނަކީ ފަލަސްތީނުގެ ދެ ސްޓޭޓުކަމަށް ނިންމައި، މި މައްސަލައަށް ހައްލެއް އަތުވުމުގެ މަގު ފަހިވެގެންދާނެއެވެ. 

އަނެއް ބަޔަކު ގަބޫލުކުރަނީ، އަރަބި ގައުމުތަކުގެ މި ނިންމުންތަކުގެ ސަބަބުން އިސްރާއީލުގެ ސަރަހައްދީ އެކުވެރީން އިތުރުވުމާއެކު، ފަލަސްތީން-އިސްރާއީލް މައްސަލައިގެ ހަގީގީ އަސާސަށް ބަހުސްކުރުމުގެ ފުރުސަތު ގެއްލި ފަލަސްތީނުގެ ރައްޔިތުން އެދޭ ކަންކަން ހާސިލުކުރުމުގެ މަސައްކަތަށް ހުރަސްއެޅޭނެ ނިންމުންތަކެއް ކަމަށެވެ. 

އިސްރާއީލާއެކު ގުޅުންތައް އާލާކޮށް ބަދަހިކުރުމުގެ އެއްބަސްވުންތައް ނަފީކޮށް، އެ ގައުމުތަކުގެ މި އަމަލުތައް ފަލަސްތީނުގެ ސަރުކާރު ހިންގުމާއި ހަވާލުވެ ތިބި އިސްވެރީން ކުށްވެރިކޮށް ބުނެފައިވަނީ، މިއީ ފަލަސްތީނުގެ ހައްޤުތަކާއި އުންމީދުތަކަށް އެ ގައުމުތަކުން ފުރަގަސްދީ ގައްދާރުވުން ކަމުގައެވެ. 

ގާޒާގައި އޮންނަ ހަމާސްއާއި އިސްރާއީލާ ދެމެދު މިހާރު ކުރިއަށްދާ ކުރިމަތިލުންތަކުން މި އެއްބުސްވުންތަކުގެ ސަބަބުން މެދުއިރުމައްޗަށް ގެނެސްދިން ސުލްހަ މަސަލަސްކަމަކީ އަދި ރައްކާތެރިކަމަކީ ކޮބައިކަމާއިމެދު ސުވާލު އުފެދެއެވެ. 

ހަމާސް އިން އިސްރާއީލަށް ދިން ހަމަލާއަކީ އިސްރާއީލުން ބިނާކުރަމުންދިޔަ ގުޅުންތައް ހަލާކުކޮށްލައި، ސައުދީ އަރަބިއާއާއި ކުރަމުންދިޔަ މަޝްވަރާތައް ހުއްޓުމަކަށް ގެނައުމަށް ރާވައިގެން ދިން ހަމަލާއެއްކަމަށް ކަމާބެހޭ މާހިރުން ދެކެއެވެ. އަދި މިކަމުގެ ފަހަތުގައި ވަނީ އިރާނުކަމަށް ނުވަތަ އެންމެ ކުޑަމިނުން މިކަމުގެ ފަހަތުގައި އިރާނުގެ ކޮންމެވެސް އަތެއް ވާކަމަށް ވެސް އެ ފަރާތްތަކުން ގަބޫލުކުރެއެވެ. 

އިރާނާއި ސައުދީ އަރަބިއާއަކީ ސަރަހައްދީ ދުޝްމިނުކަމެއް އޮންނަ ދެގައުމެވެ. އަދި އިރާނާއި އިސްރާއީލަކީ ފިކުރީ ދުޝްމިނުކަމެއް އޮންނަ ދެގައުމެވެ. މީގެއިތުރުން، ހަމާސްއާއި ގާޒާގައި އޮންނަ އެހެނިހެން އަސްކަރީ ޖަމިއްޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭކަމުގެ ތުހުމަތުތަށް އިރާނުގެ މައްޗަށް ވަނީ ކުރެވިފައެވެ. 

އެހެންކަމުން، ސައުދީ އަރަބިއާއާއި އިސްރާއީލާއި ދެމެދު ގުޅުންތައް އާލާވެގެން ދިޔުމަކީ އިރާނުގެ މަސްލަހަތު ނެގެހެއްޓުމަށް އޮތް ހުރަހެއްކަމަށާއި، މެދުއިރުމަތީގެ ސަރަހައްދުގައި އެގައުމުގެ ނުފޫޒު ކުޑަވެގެން ހިނގައިދާނެކަމުގެ ބިރުއޮތް ކަމެއްކަމަށް އިރާނަށް ގަބޫލުކުރެވުމާއެކު، ފަހަރުގައި ހަމާސް މެދުވެރިކޮށް ފަލަސްތީނަށްޓަކައި އަރަބި އަދި މުސްލިމް ދުނިޔޭގައި އޮތް ހަމްދަރުދީއާއި ތާއީދު ދައްކާލުމަށް އިރާނުން ނިންމީކަމަށް ވެދާނެއެވެ. އެހެންނަމަވެސް، މިއީ ކިހާވަރެއްގެ ހަގީގަތެއް ހުރި ނަޒަރިއްޔާއެއްކަން އެނގޭނެ ގޮތެއް ނެތެވެ. އަދި މިހާރު ކުރިއަށް މިދާ ކުރިމަތިލުންތަކަށް މަގުފަހިކުރުވި އެހެން އެތައް ބައިވަރު ސަބަބުތަކެއް ހުރެދާނެއެވެ. 

މައްސަލައަކީ ވެސް އަދި ކުރިމަތިލުންތަކަކީ ވެސް މިވަގުތު ކުރިއަށްދާ ކަންކަން ކަމަށްވުމާއެކު، ނަތީޖާ ނުކުންނާނީ ކޮން ގޮތަކަށް ކަމެއް ބުނާކަށް ނޭނގެއެވެ. އަދި ވަކި އެއްޗެއް ގަބޫލުކުރަން އެނގޭނީ އިތުރު މައުލޫމާތާއި ހެކި ފާޅުވަމުން ދާވަރަކުންނެވެ. އެހެންނަމަވެސް، ގަބޫލުކުރެވެން އޮތް އެއް ހަގީގަތަކީ، ހަމާސްއިން ހާސިލްކުރަން ބޭނުންވި ސިޔާސީ ލަނޑުދަނޑި އެމީހުން މިހާރު ހާސިލްކޮށްފައިވާ ކަމެވެ.  

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް