އިންޑިއާގައި ތިބި ކެނެޑާގެ ޑިޕްލޮމެޓުންގެ ޑިޕްލޮމެޓިކް އިމްތިޔާޒު ފިލުވައިލާނެ ކަމަށްބުނެ އިންޑިއާއިން ދިން އިންޒާރާއި ގުޅިގެން ނިއުދިއްލީގައި ތިބި ކެނެޑާގެ 41 ޑިޕްލޮމެޓުން އަނބުރާ ކެނެޑާއަށް ގެންގޮސްފައިވާކަމަށް ކެނެޑާގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ އިންޒާރު އައިސްފައިވަނީ ކެނެޑާގައި ހުރި ސީކް ސެޕަރޭޓިސްޓެއް ގަތުލުކުރުމާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި ޖެހުނު މައްސަލައަކާއި ގުޅިގެންނެވެ.
ޚާރިޖީ ވަޒީރު މެލާނީ ޖޯލީ ބުރާސްފަތި ދުވަހު ވިދާޅުވީ އިންޑިއާގައި ތިބި ކެނެޑާގެ 62 ޑިޕްލޮމެޓުންގެ ތެރެއިން 41 ޑިޕްލޮމެޓުން އިންޑިއާއިން މިހާރު ނުކުމެފައިވާ ކަމަށާއި، އެފަރާތްތަކުގެ ބެލުމުގެ ދަށުގައި އެ ގައުމުގައި ތިބި ޑިޕެންޑެންޓުން ވެސް އަނބުރާ ގެނެސްފައިވާނެކަމަށެވެ. އޭނާ ވިދާޅުވީ އިންޑިއާގައި މިހާރު ތިބި 21 ޑިޕްލޮމެޓުން މިކަމުން އިސްތިސްނާ ކޮށްފައިވާނެ ކަމަށާއި، އެ ފަރާތްތަކުން އިންޑިއާގައި މަޑުކުރާނެ ކަމަށެވެ.
”ވަކި ގައުމެއްގެ ރައްޔިތަކަށްވީތީ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލުމަކީ ބައިނަލްއަޤްވާމީ ގާނޫނާއި ޚިލާފުކަމެއް. އަދި ޖެނީވާ ކޮންވެންޝަނުން ނިންމާފައިވާ ޑިޕްލޮމެޓިކް ގުޅުންތަކުގެ ގަވާއިދުތަކާއި ސީދާ ޚިލާފުވާކަމެއް. އެފަދަ ކަންކަން ކުރާނެކަމަށް ބުނެ އިންޒާރު ދިނުމަކީ ހަމަޖެހޭ އުސޫލެއް ނޫން. މައްސަލަތައް ވާނީ ބޮޑު.“ ޖޯލީ ވިދާޅުވިއެވެ.
ކެނެޑާގެ އިމިގްރޭޝަނާއި ބެހޭ ވަޒީރު، މާކް މިލާ ވިދާޅުވެފައިވާ ގޮތުގައި، 2022 ވަނަ އަހަރު ކެނެޑާގައި ވަޒަންވެރިންގެ ގޮތުގައި، ބިދޭސީ މަސައްކަތްތެރިންގެ ގޮތުގައި، އަދި ކިޔަވާ ކުދީންގެ ގޮތުގައި ގައުމުން ބޭރުން އެންމެ ގިނައިން ވަޒަންވެރިވަނީ އިންޑިއާ ރައްޔިތުންނެވެ. އަދި އިންޑިއާއިން އިމްތިޔާޒު ނައްތައިލަން ނިންމި ނިންމުމުގެ ސަބަބުން އިންޑިއާގައި މަސައްކަތްކުރާ ކެނެޑާ ރައްޔިތުންގެ އަދަދު ބޮޑުތަނުން މަދުކުރާނެ ކަމަށާއި، އޭގެ ސަބަބުން ވިސާއާއި ވޯކް ޕާމިޓުގެ ކަންކަމަށް ބުރޫއު އަރާނެކަމަށް ގަބޫލުކުރާ ކަމަށެވެ.