މިދިޔަ ހޮނިހިރުދުވަހު ހަމާސް ގެ ހަނގުރާމަވެރިން އެކިދިމަދިމާލުން އިސްރާއީލުގެ ތެރެއަށް ވަދެގަނެ ކުއްލިއަކަށް ދިން ޙަމަލާތަކަކީ އީރާނުގެ ރިވޮލިއުޝަނަރީ ގާރޑް ކޯޕަރޭޝަނާއިއެކު މަޝްވަރާ ކުރުމަށްފަހު ހުއްދަލިބިގެން ކުރިއަށް ގެންދާ ޙަމަލާތަކެއް ކަމުގައި ޙަމާސް އާއި ޙިޒްބުއްލާހް ޖަމާއަތުގެ 2 ބޭފުޅަކު ވޯލް ސްޓްރީޓް ޖާރނަލް އަށް ކިޔާދީފިއެވެ.
އެ ބޭފުޅުން ވިދާޅު ވެފައިވަނީ މިދިޔަ ހަފްތާގެ ހޯމަ ދުވަހު އީރާނުގެ އޮފިޝަލުންނާއެކު ބޭރޫތުގައި ބޭއްވުނު ބައްދަލު ވުމުގައި ޙަމަލާތަކައިގެން ކުރިއަށް ދިއުމުގެ އިޒުނަ އޮތީ ލިބިފައި ކަމަށެވެ.
މި ޚަބަރާ ގުޅިގެން އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކަން ވިދާޅުވެފައިވަނީ ހަމާސް އިން އިސްރާއީލަށް ދިން ޙަމަލާތަކުގައި އީރާނުން ބައިވެރިވެފައިވާ ކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް ލިބިފައިނުވާކަމަށާއި އެހެންނަމަވެސް އީރާނަކީ މެދުއިރުމަތީގައި އެމެރިކާއިން ކަނޑައަޅާފައިވާ ޓެރަރިސްޓް ޖަމާއަތްތަކާއިއެކު ވަރަށް ގާތް ގުޅުމެއް އޮންނަ ގައުމެއްކަން އެނގިވަޑައި ގަންނަވާ ކަމަށެވެ.
ވޯލްސްޓްރީޓް ޖާރނަލްގެ ޚަބަރާގުޅިގެން ޙަމާސްގެ ވަރަށް އިސް އޮފިޝަލަކު ކަމުގައިވާ މަޙްމޫދު މިރްދާވީ ވިދާޅުވީ ހަމާސްގެ ޙަމަލާތަކަކީ ފަލަސްތީނާއި ޙަމާސްގެ ނިންމުމެއްކަމަށާއި އީރާނުގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ.ވޯލްސްޓްރީޓްގެ ޚަބަރު ގެނެސްދީފައިވަނީ މުސްލިމް އުންމަތް އެކުގައި އިސްރާއީލާ ދެކޮޅަށް ތެދުވުމަށް އީރާނުގެ ރައީސް ގޮވާލެއްވިތާ ކުޑަ އިރުކޮޅެއް ފަހުންނެވެ.
މިދިޔަ އާދީއްތަ ދުވަހު އީރާނުގެ ރައީސް އިބްރާހިމް ރައީސީ ވަނީ ޙަމާސްގެ ލީޑަރުންނަށް ފޯނުން ގުޅުއްވައި އެ ޙަމަލާތަކާ މެދު އެމަނިކުފާނު ރުހިވަޑައިގަންނަވާކަން ހާމަކުރައްވާ ފައެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ޙަމާސްއަށާއި އިސްލާމިކް ޖިހާދު އަދި ލެބަބަނަންއާއި ސީރިޔާއަށާއި އިރާގަށް ތައުރީފް ކުރައްވާފައި ވެއެވެ. ރައީސީގެ ފޯން ކޯލާގުޅިގެން ޔޫރަޕިއަން ޔުނިއަނުން ގެންދަނީ އީރާނަށް ރުޅިގަނޑު ބާލަމުންނެވެ.
އަދި އަސީރުން ބަދަލުކުރުމަށޭ ކިޔައިގެން އެމެރިކާގެ ބާރުން ހިފާއްޓާފައިހުރި އީރާނުގެ ފައިސާގެ ތެރެއިން ބައެއް ދޫކުރި މައްސަލަ މީގެތެރެއަށް ވައްދައިގެން ރައީސް ޖޯ ބައިޑަނަށްވެސް ކުރުދޮށިން ދެމުންނެވެ.
ޙަމާސްގެ ޙަމަލާތަކާއި ގުޅިގެން ދެން އެންމެ ބޮޑަށް ޕްރެޝަރާ ކުރިމަތިލާން ޖެހިފައިވަނީ އެމެރިކާގެ ކެޕިޓްލް ހިލް އިންނެވެ. އެތަނުގައި މެދުއިރުމަތީގެ ސިޔާސަތާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ޚާރިޖީ ވަޒީރު ބްލިންކަން ވިދާޅުވެފައިވަނީ ހަމާސްގެ ޙަމަލާތަކުގެ މަގްސަދަކީ ސަޢޫދީ އެރޭބިޔާއާއި އިސްރާއީލް ސުލްޙަކުރުވަން އެމެރިކާއިން ކުރަމުންގެންދާ މަސައްކަތް ފަނިކޮށްލުން ކަމަށް ދެކިވަޑައި ގަންނަވާ ކަމަށެވެ.
މިޙަމަލާތަކާއި ގުޅިގެން ސަޢޫދީ އެރޭބިޔާގެ ޚާރިޖިއްޔާއިން ބުނެފައިވަނީ އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން ތިބުން ގަބޫލޫ ނުކުރެވޭނެ ކަމަށާއި މިއީ އަޅުވެތިކަމުގައި ތިބެން ޖެހިފައިވާ ބަޔަކު އެމީހުންގެ މިނިވަން ކަމަށްޓަކައި ކުރިއަށް އޮތްތަނުގައިވެސް އަޅަމުން ގެންދާނެ ފިޔަވަޅުތަކެއް ކަން ގަބޫލުކުރަން ޖެހޭނެ ކަމަށެވެ.
އިސްރާއީލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ޖަރުމަނުން ބަލަންޖެހިފައިވާ ދަނބިދަރިއެއްކަން ސިފަކުރައްވައި ހޮލޯކާސްޓްގެ ނަން ނުގެނެސް ޖަރުމަނުގެ ޗާންސެލަރ ވިދާޅުވެފައިވަނީ އިސްރާއީލުގެ ސަލާމަތާއިރައްކާތެރި ކަމަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަމަށެވެ.
އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ “ އަހަރެންގެ ރިޔާސަތެއްގައި ނަމަ އިސްރާއީލަށް ޙަމަލާދިނުން ލާހިކު ކުޅަދާނައެއް ނުވާނެ ކަމަށާއި އަދި ހަމަ އެމިންގަނޑުން ޔޫކްރެއިނަށް އަރާގަތުމަށް ރަޝިޔާއަށް ފުރުސަތުވެސް ނުލިބޭނެ ކަމަށެވެ.
ޔޫރަޕިއަން ޔޫނިއަންގެ ގިނަ ގައުމުތަކުގެ ވެރީ މިމޭރުމުން އިޒްރާއީލަށް ސަޕޯޓްކޮށް ވާހަކަ ދެއްކެވި ނަމަވެސް ހުރިހާގައުމެއްގެ ޢާންމުރައްޔަތުން ދަނީ ފަލަސްތީނުގެ ބިމުގައި ފަލަސްތީނުގެ ދައުލަތެއް އޮންނަން ޖެހޭނެކަމަށް ބުނެ މަގުތަކުގައި މުޒާހަރާ ކުރަމުންނެވެ.
2 Responses
އީރާނުވަރެއް ހަމަ ނެތް!
ޗެޗެންޔާގެ ރައީސް ވިދާޅުވެއްޖެ އޭނާގެ އާމީން ގާޒާއަށް ވަދެ ހަނގުރާމާގައި އިޒުރޭލާ ދެކޮޅަށް ބައިވެރިވާން ބޭނުން ކަމަށް. ވަރަށް ނުރައްކާ ފައްތަރަކަށް ދުނިޔެ ގޮސްދާނެއެވެ! ރައްކާވެ ތިބިއްޔާ ދަތުރެވެ.