ރޮއިޓާރސް އިން ޚަބަރު ދީފައިވާގޮތުގައި އިސްރާއީލަކުން އަރަބިގައުމުތަކުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކޮށް ނުދެވޭނެކަމަށް ހަމާސްގެ ލީޑަރ އިސްމާއީލް ހަނިއްޔާ ވިދާޅުވެއްޖެއެވެ.
ޑިޕްލޯމެޓިކް އެއްބަސްވުމްތަކެއް ގާއިމް ކުރެވިދާނެއެވެ. އެކަމަކު އަމިއްލަ ގައުމު ދިފާއުކުރުމުގެ ގާބިލުކަން ލިބިފައި ނެތް ބަޔަކަށް އެހެން ގައުމެއްގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކޮށްދޭނީ ކިހިނެއް ހެއްޔެވެ ؟ ހަނިއްޔާ ވިދާޅުވިއެވެ.
މިހާތަނަށް ހަމާސްއިން އިސްރާއީލަށް ދީފައިވާ އެންމެ ވަރުގަދަ ޙަމަލާއާއި ގުޅިގެން ވާހަކަފުޅު ދައްކަވަމުން އިސްމާއީލް ހަނިއްޔާ އިތުރަށް ވިދާޅުވީ އަރަބިގައުމުތަކުން އިސްރާއީލާއެކު ވަމުންދާ އެއްބަސްވުން ތަކުން ފަލަސްތީނުގެ މައްސަލައަށް އެއްވެސް ރަނގަޅު ޙައްލެއް ނުލިބޭނެކަމަށާއި ހަމާސްގެ ޙަމަލާތައް ހުޅަނގު އައްސޭރިއާއި ބައިތުލް މަގްދިސްގައި ދިރިއުޅެމުންގެންދާ ޔަހޫދީންނާ ހަމަޔަށް ފުޅާ ކުރައްވާނެކަމަށެވެ.
އެމެރިކާގެ ބާރުއެޅުމާއެކު ސަޢޫދީ އެރޭބިޔާއިން އިސްރާއީލާއެކު އެއްބަސްވުމަކަށް އައުމަށް ކުރަމުންގެންދާ މަޝްވަރާތަކަށް ފަލަސްތީނުގެ ހުރިހާ ޖަމާއަތަކުންވެސް ގެންދަނީ ނުރުހުން ފާޅުކުރަމުންނެވެ.
މިމައްސަލާގައި ގައުމާ މުޚާތަބުކޮށް ނަތަންޔާހޫ ވިދާޅުވެފައިވަނީ ހަމާސްއިން ފެށި މި ހަނގުރާމަ އަހަރެމެންގެ އީމާންކަމާއި އަހަރެމެންގެ ބައިވެރިންގެ އެއްބާރު ލުމާއެކު އަހަރެމެން ކާމިޔާބު ކުރާނަމެވެ. މިކަމަށް ވަގުތު ނަގާނެއެވެ.
އަހަރެންގެ ގައުމުގެ ރައްޔިތުންނޭވެ! މިއަދު ހެނދުނު ( 7 އޮކްޓޯބަރ 2023 ) ހަމާސް އިން އަހަރެމެންގެ ސަރަހައްދުތަކަށް ވަދެގަނެ ހޮނިހިރު ދުވަހުގެ ހުރުމަތް ކަނޑައި އެތައް ބަޔަކު މަރާލައިފިއެވެ. އެކަމަކު އަހަރެމެން މި ހަނގުރާމަ ކާމިޔާބީ އާއެކު ނިންމާނަމެވެ.
އިސްރާއީލާއި ހަމާސް އާއި ދެމެދު އުފެދިގެން މިއުޅޭ ހަމަނުޖެހުން ސުލްހޙަވެރިގޮތުގައި ޙައްލުކުރަން އެހީތެރިކަން ފޯރުކޮށް ދިނުމުގައި ތުރުކީ އަބަދުވެސް ތައްޔާރަށް އޮތްކަމަށް އުރުދުޣާން ވަނީ ހާމަކުރައްވާފައެވެ.