މި މަހުގެ 09 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓު ކަރުދާހުގައި ފާހަގަ ޖެހޭނީ ކަޅު ނުވަތަ ނޫކުލައިގެ ގަލަމަކުން އެކަނިކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފިއެވެ.
އީސީން މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާޢީލް ޙަބީބް ވިދާޅުވީ ވޯޓުގެ ސިއްރުކަން ގެއްލިދާނެ ހާލަތްތަކެއް ކަމަށް ބުނެ ބައެއް ޕާޓީތަކުން ހުށަހަޅާފައިވާ މައްސަލަތަކާބެހޭ ގޮތުން ކޮމިޝަންގެ ގާނޫނީ ޓީމާއެކު އިއްޔެ ބައްދަލުވުމެއް ބާއްވައިފައިވާ ކަމަށެވެ.
އިންތިޚާބުތަކާބެހޭ ގާނޫނާއި ގަވާއިދުގައި އޮންނަނީ ވޯޓުލާން ދާ މީހަކަށް ވޯޓުލާ މަރުކަޒަށް ވެއްދޭނީ އާދައިގެ ގަލަމެއް އެކަނި ކަމަށެވެ.
އެހެންކަމުން އާދައިގެ ގަލަމެއް ކަމަށް ބަލައިގަންނާނީ ކޮންކަހަލަ ގަލަމެއްކަން ކޮމިޝަނުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ޙަބީބް ވިދާޅުވިއެވެ.
ކޮމިޝަނުން އިއްޔެ ފާސްކުރި ކަންކަން:
ފާހަގަޖަހަން އަމިއްލަ ގަލަމެއް ގެންދާ ކަމުގައިވާނަމަ ކަޅު ނުވަތަ ނޫކުލައިގެ ގަލަމަކަށް ވުން. އެ ނޫން ކުލައަކުން ފާހަގަ ޖަހައިފިނަމަ އެއީ ބާތިލު ވޯޓެއް ކަމަށް ބަލާނެ .
ވޯޓު ކަރުދާހުގައި ޖަހާ ފާހަގައަކީ އެންމެ ފާހަގައެއް ކަމުގައިވުން. ކަރުދާހުގައި އިތުރު އެއްވެސް ކުރެހުމެއް ކުރަހާފައިވާނަމަ އެއީ ބާތިލު ވޯޓެއް ކަމަށް ބަލާނެ.
ވޯޓުލާ ބޫތު ހުންނާނީ ފާހަގަ ޖަހާ މީހާ ފުރަގަހުން އީސީގެ މޮނިޓަރުންނަށް ފެންނަ ގޮތަށް. އެއީ ވޯޓުގެ ސިއްރުކަން ގެއްލުވާލުމަށްޓަކައި ފޮޓޯ ނެގުމާއި ޑަބަލް ވޯޓު އެޅިޔަނުދިނުމަށް.
ވޯޓުލާން އަމިއްލަ ގަލަމެއް ގެންދިޔުމުގެ ފުރުސަތު އޮތް ނަމަވެސް ވޯޓުލާ މަރުކަޒުގައި ގަލަން ލިބެން ހުންނާނެ ކަމަށް ޙަބީބް ވިދާޅުވިއެވެ.