ގދ.ގައްދޫ އެއާޕޯޓު ތަރައްގީކޮށް އެ ރަށުގައި ހޮސްޕިޓަލެއް ތަރައްގީކުރައްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ފުވައްމުލަކު ސިޓީއަށް އިއްޔެ ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މިއަދު ގދ.އަތޮޅަށް ވަޑައިގެން ގައްދުއަށް ޒިޔާރަތް ކުރައްވައި ސަޕޯޓަރުންނާ މުޚާޠަބު ކުރައްވައިި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ހަދަން ފަށައި ނުނިމިހުރި ރިސޯޓްތަކުގެ މަސައްކަތް ހަލުވިކޮށް އިތުރު ރިސޯޓުތަކެއް ތަރައްގީކޮށް މި ސަރަހައްދުގައި ޓޫރިޒަމް ފުޅާކުރުމަކީ އިގްތިސާދީ ޕްލޭންގައި ހިމެނިފައިވާ ކަމެއް ކަމަށެވެ.
އެގޮތުން ގައްދޫއަކީ ފާހަގަކޮށްލެވޭ ސަރފިން ޕޮއިންޓެއްގެ ގޮތުގައި, ސަރފިން ޓޫރިޒަމް ރަށެއްގެ ގޮތުގައި ފުޅާކޮށް އޭގެ ނަފާ އ ރަށުގެ ރައްޔިތުންނަށް ކުރާ ކަމަކަށް ހަދައިދެއްވާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ.މުޢިއްޒު ވަނީ އެވޭލާ ޒަމާނުއްސުރެ ގައްދޫގެ ބައެއްގޮތުގައި އޮންނަ ގަމަކީ އެ ރަށުގެ ރައްޔިތިންގެ ތަނެއްގެ ގޮތުގައި ކަނޑައަޅުއްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
“އަދި އޭގެ ނަފާ މިއަތޮޅުގެ ހުރިހާ ރައްޔިތުންނަށް ލިބޭގޮތަށް ބައްޓަންކުރެވިގެން ކުރިއަށް ދާނީ, އުމްރާނީ އިގްތިސާދީ އަދި ޒުވާނުންގެ އުއްމީދުތައް ފުރިހަމަވެގެންދާ ތަނެއްގެ ގޮތުގައި“ މުޢިއްޒު ވިދާޅުވިއެވެ.
ގައްދޫގެ ރައްޔިތުން އެންމެ މުހިންމުކަމެއްގެ ގޮތުގައި ފާހަގަ ކުރަނީ ސިއްހީ ދާއިރާއިން ހޮސްޕިޓަލެއްގެ މަސައްކަތް ކަމަށާއި އެ ހޮސްޕިޓަލްގެ މަސައްކަތް ހަގީގަތަކަށް ހަދައިދެއްވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން މުޢިއްޒު ވިދާޅުވީ އެއާޕޯޓުގެ އެންމެ އަސާސީ ކަންތައްތައްވެސް އެހެރީ ނުކުރެވި ކަމަށާއި ގައްދޫގެ ރައްޔިތުންގެ އުންމީދާ ގުޅިފައިވާ އެއާޕޯޓް “އަޅުގަނޑުމެންގެ ސަރުކާރެއްގައި އިތުރަށް ފުރިހަމަކޮށް ތަރައްގީކޮއްދޭނަން“ ކަމަށެވެ.