ފިލައިގެން ރާއްޖެއިން ބޭރަށް ދާން ނޫޅުއްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
އަލްހާން މިހެން ވިދާޅުވީ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވަނިކޮށެވެ.
އަލްހާންގެ ޕާސްޕޯޓު ހިފެހެއްޓީ ކިންގްސް ކެޕިޓަލްސް ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑުން އާންމުކޮށް ހުޅުވާލައިގެން ރާއްޖޭގައި މާލީ ސެކިއުރިޓީޒްގެ ގާނޫނާއި ގަވާއިދާއި އުސޫލުތަކާ ޚިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތައާރަފުކޮށް އިންވެސްޓަރުންނަށް މަންފާ ލިބޭނެކަމަށް ދައްކައި މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި އެ ފައިސާ ލޯންޑާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެންނެވެ.
“……މީނާ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފިނަމަ މި މައްސަލައިގެ ތަހުގީގަށް ހުރަސްއެޅިދާނެކަމަށް ގަބޫލުކުރެވޭތީ.“ މަޑުކުރުވަން ބޭނުންވާ ސަބަބުކަމަށް ކްރިމިނަލް ކޯޓުން މި މަހުގެ 23 ވަނަ ދުވަހު ނެރުނު ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރުގައިވެއެވެ.
ފިލައިގެން ގޮސް ރާއްޖެއިން ބޭރުގައި ދިރިއުޅެވޭވަރުގެ މާލީ ތަނަވަސްކަން އޭނާގެ ކިބައިގާ ހުރުމުން ރާއްޖެއިން ފުރައިގެން ދިއުމުގެ ފުރުސަތު އޮތްއިރު އެނބުރި ނައިސްދާނެކަމަށް ބެލެވޭކަމަށް ވެސް އެ އަމުރުގައިވެއެވެ.
ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ހިއްސާ ކުރައްވަމުން ކުރެއްވި ޓުވީޓެއްގައި އަލްހާން ވިދާޅުވީ މި މައްސަލައަކީ ފުލުހުންގެ މުއައްސަސާއަށް ވާނުވާ ނޭނގި އޮވެ ކުރިއަށް ގެންދާ މައްސަލައެއް ކަމަށާއި ބޭންކް އޮފް މޯލްޑިވްސްއިން ކިންގްސް ކެޕިޓަލް ހޯލްޑިންގްސްގެ ވިޔަފާރި ގާނޫނާ ޚިލާފަށް ހުއްޓުވިކަން ޝަރީއަތަށް އޮތީ ސާބިތުވެފައި ކަމަށެވެ.
“މި މައްސަލައަކީ މަނިޓަރީ އޮތޯރިޓީން އަންނި ބުނެގެން އަލީ ހާޝިމް އަންގައިގެން ފުލުހުންގެ މުއައްސަސާ އަށް ވާނުވާ ނޭނގި އޮވެ ހިންގާ ތަހުގީގެއް.“ އަލްހާން ވިދާޅުވިއެވެ.
ތަހުގީގު ކުރާތާ ދެއަހަރު ވަނީކަން ފާހަގަކުރައްވަމުން އަލްހާން ވަނީ “އަޅުގަނޑު ފިލައިގެން ފުރައިގެން ދާކަށް ނޫޅެން“ ކަމަށާއި “ނުވެސް ދާނަން“ ކަމަށް ވިދާޅުވެފައެވެ.