ސަޢޫދީއެރޭބިޔާގެ ޚާރިޖީވަޒީރުގެ ދައުވަތަކަށް އެއްދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ބުރާސްފަތިދުވަހު ރިޔާޒަށް ވަޑައިގެން އުޅުއްވާ އީރާނުގެ ޚާރިޖީ ވަޒީރު ހުސައިން ޢަބްދުއްލާ އަން ގެ ދަތުރުފުޅުގެ މުއްދަތު އިތުރު ކުރައްވައި ޖިއްދާގައި ވަލީއަޙްދު މުޙައްމަދު ބިން ސަލްމާނާއި ބައްދަލު ކުރައްވައިފިއެވެ. ދެބޭފުޅުންގެ ބައްދަލު ކުރެއްވުމުގައި ދެގައުމުގެ ގުޅުން އިތުރަށް ދިރާސާ ކުރައްވައި ކުރިއަށް އޮތްތަނުކައި ދެގައުމަށް ފައިދާކުރަނިވި ގޮތުގައި ކުރެވިދާނެ ކަންތައްތަކާއި އޭގެ އިތުރުން ސަރަޙައްދީ އަދި ބައިނަލް އަގްވާމީ މައްސަލަތަކުގައި މަޝްވަރާކުރެއްވިކަމަށް ސަޢޫދީ އެރޭބިޔާގެ ޚާރިޖިއްޔާއާއި ޙަވާލާދީ އެކްސް ( ކުރީގެ ޓްވިޓަރ ) އިން ހާމަކޮށްފައިވެއެވެ.
އީރާނުގެ ރަސްމީ ނޫސް އިރްނާއިން ބުނެފައިވާ ގޮތުގައި އެދެބޭފުޅުންގެ ބައްދަލުކުރެއްވުމަކީ އީރާނުގެ ސީނިއަރ ބޭފުޅަކު 37 އަހަރުފުޅުގެ މުޙައްމަދު ބިން ސަލްމާނާއި އެންމެފުރަތަމަ ބައްދަލު ކުރެއްވުމެވެ.
ދޮޅުގަޑިއިރަށް ދެމިގެންދިޔަ ބައްދަލުކުރެއްވުމަކީ ދެގައުމުގެ ސަލާމަތާއި އަދި ގުޅުމާއިމެދު ވަރަށް އެކުވެރި ވެއްޓެއްގައި މަޝްވަރާ ކުރެވުނު ބައްދަލު ކުރެއްވުމެއްކަމުގައި އީރާނުގެ ޚާރިޖީ ވަޒީރު ސިފަކުރެއްވިއެވެ. ސަރަޙައްދުގެ ކުރިއެރުމާއި ތަރައްގީއަށް އެންމެބޮޑަށް ބޭނުންވެފައި ވަނީ ތަފާތުތަކާއި ދޭތެރޭގައިވެސް ވާހަކަދައްކައިގެން ސުލްޙަވެރި ކަމާއެކު ކުރިއަށް ދިއުންކަމުގައި އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވި ކަމަށް އެގަމުގެ ޚާރިޖިއްޔާއިން މަޢުލޫމާތު ހާމަކޮށްފައި ވެއެވެ.
ސަޢޫދީ އެރޭބިޔާގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްޚާނާއި އެކު އީރާނުގެ ޚާރިޖީވަޒީރު މީޑިއާއާ ބައްދަލު ކުރައްވައި ވިދާޅުވީ ވާހަކަދެކެވި މަޝްވަރާތަކާއި ދެގައުމުގެ ގުޅުން ކުރިއަށްދަނީ އެންމެ ބޭނުންތެރި ގޮތުގައި ކަމަށެވެ.
އަދި އެމަނިކުފާނަށްފަހު ސަޢޫދީ އެރޭބިޔާގެ ރަސްގެފާނު ސަލްމާނު ބިން އަބްދުލް އަޒީޒުގެ ދައުވަތަކަށް އީރާނުގެ ރައީސް އިބްރާހިމް ރައީސީ ވަޑައިގަންނަވަން ހަމަޖެހިފައި ވާކަމަށެވެ. އެހެންނަމަވެސް ރައީސީ ވަޑައިގަންނަވާ ތާރީޚް އަދި ވިދާޅެއް ނުވެއެވެ.
އީރާނުގެ ޚާރިޖީ ވަޒީރު އަރިހުގައި ސަޢޫދީ އެރޭބިޔާއަށް އީރާނުން ކަނޑައަޅުއްވާފައިވާ ސަފީރު ޢަލީ ރިޒާ އިނާޔަތީ ބައިވެރިވެ ވަޑައިގެން ނެވިއެވެ.
އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވީ މި ބައްދަލުވުމުގެ ސަބަބުން ދެގައުމުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރު ކުރެވިފައިވާ ކަމަށާއި އަދި މުޅި އިސްލާމީ އުންމަތަށް ހެޔޮގޮތް ތަކެއް މެދުވެރިވުމަށް މަގުއަލިވެގެން ދާނެކަމަށެވެ.