ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) “އަތުލުމަކީ“ ކުރައްވާން އޮތް ބޮޑު މަސައްކަތް ކަމަށާއި އެކަން ކުރައްވާނެ ކަމަށް އެ ޕާޓީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބްގެ ކެމްޕޭނަށް ބޮޑުތިލަދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ ދިއްދުއަށް ވަޑައިގެން ސަޕޯޓަރުންނާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ސަރުކާރާއި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިޚާބުގައި އިލްޔާސް ހުންނަވާނެ ކަމަށެވެ. އެއީ ކުރައްވާން ހުރި މަސައްކަތްތަކުގެ ތެރެއިން ކުޑަ މަސައްކަތެއް ކަމަށާއި ބޮޑު މަސައްކަތަކީ އެމްޑީޕީ އަތުލުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“އެމްޑީޕީ މެންބަރުންނަށް އަދި ޑިމޮކްރެޓުންގެ މެންބަރުންނަށް ދަންނަވަން އިރާދަކުރެއްވިއްޔާ ސެޕްޓެމްބަރު 9 ގަ އިލްޔާސް ލަބީބް ދެވަނަ ބުރުގައި ހުންނަވާނެ. މީކީއެއް އަޅުގަނޑުގެ ހިތުގައި ޝައްކު ހިނގާކަމެއް ނޫން. އެއީ އަޅުގަނޑުގެ މަސައްކަތުން ކުޑަ މަސައްކަތެއް.“ ރައީސް ނަޝީދު ވިދާޅުވިއެވެ.
“ބޮޑު މަސައްކަތަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އަތުލުން. އެ ކަންތައް ވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑު ކޮށް ނިންމާނަން.“
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ އުންމީދުތަކެއް ދޫކޮށެއް ނުލެވޭނެ ކަމަށާއި އަބަދުވެސް ނިޔަތް ގަނެ ކުރާން އުޅުނު މަސައްކަތަކީ ރައްޔިތުންނަށް މަންފާހުރި ސިޔާސަތުތަކެއް ރާއްޖޭގައި ތަންފީޒުކުރަމުން ދިއުން ކަމަށެވެ.
ދަ ޑިމޮކްރެޓްސް އުފެއްދެވުމުގެ މަސައްކަތް ކުރައްވަމުން ގެންދެވި ދުވަސްވަރު ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމްޑީޕީން ވަކިވެވަޑައިނުގެން މަޑުކުރައްވަނީ ޕާޓީ އަތުލުމުގެ ބޭނުމުގައި ކަމަށެވެ.
“އަޅުގަނޑު އެމްޑީޕީ ދޫކޮށްލުމާއި ނުކޮށްލުން ބިނާވެފައި މި އޮންނަނީ އަޅުގަނޑަށް ވަރަށް ބޮޑު އިތުބާރެއް އެބައޮތް ސެޕްޓެމްބަރު 9 ގެ ފަހުން ރައީސުލްޖުމްހޫރިއްޔާގެ ކަސްތޮޅުގައި ނޯންނާނެ.“ އެމްޑީޕީން ވަކިވެވަޑައިގަންނަވާނެތޯ ނޫސްވެރިން ތަކުރާރުކޮށް ސުވާލު ކުރުމުން ޖޫންމަހުގެ 19 ވަނަ ދުވަހު ރައީސް ނަޝީދު ވިދާޅުވިއެެވެ.
ނަމަވެސް އޭގެ ދެތިން ދުވަސް ފަހުން ޖޫންމަހުގެ 21 ވަނަ ދުވަހު އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި މިވަގުތު ކަންކަން ހިނގަމުންދާ ގޮތަށް ބަލާއިރު, އެމްޑީޕީގައި ހުންނެވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިނުގަންނަވާތީ ޕާޓީން ވަކިވެވަޑައިގަންނަވާ ކަމަށެވެ. އެއަށްފަހު ޑިމޮކްރެޓްސްގެ ޖަލްސާތަކާއި ބައްދަލުވުންތަކުގައި ވިދާޅުވަމުން ގެންދެވީ އެމްޑީޕީ “ރޫޅައިލާނަން“ ކަމަށެވެ.
2 Responses
އެމްޑީޕީ އަށް މީހަކު ޖޮއިން ކޮށްލުމަކީ އެހާ ބޮޑުކަމެއްތޯ.
ބަރާބަރު މިފަރު ފަހަތުން 1ވަނަ ދަނޑިދެމުންކޮސްރރޮޓިސް އަށްލިބޭނެ