ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒުގެ ކެންޑިޑެސީ މާދަމާ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވަން ނިންމަވާފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ޢަބްދުލްޤައްޔޫމަށް ކުރިމަތިނުލެއްވޭ ހާލަތެއްގައި ”ބެކަޕް ކެންޑިޑޭޓެއް” ގެ ގޮތުގައި ޕީއެންސީގެ ފަރާތުން ކެންޑިޑޭޓަކު ނެރުމަށް ނިންމައި އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ މެންބަރުންގެ މެދުގައި ނެގި ވޯޓުން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ކަމަށް އިންތިޚާބުވެވަޑައިގެންނެވީ މުޢިއްޒެވެ.
މުޢިއްޒު މިހާރު ވަނީ އޭނާގެ ރަނިންގމޭޓެއްގެ ގޮތުގައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް (ސެމްބެ) ހަމަޖައްސަވައިފައެވެ.
ނަމަވެސް އޭގެފަހުން އިިވިގެން ދިޔައީ މުޢިއްޒަކީ ޕްލޭން ސީ ކަމަށާއި ޕްލޭން ބީ އަކީ ޔާމީނަށް ސްޕްރީމް ކޯޓުން ކާމިޔާބު ނުވެއްޖެ ހާލަތެއްގައި ޕީޕީއެމްއިން ކެންޑިޑޭޓަކު ނެރުމަށެވެ.
ަރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އީސީން ނިންމި ނިންމުން ބަދަލުކުރަންޖެހޭ ސަބަބެއް ނެތްކަމަށް ސްޕްރީމް ކޯޓުން މިއަދު ވަނީ ކަނޑައަޅައިފައެވެ. އެ ނިންމުމާއެކު ޔާމީން އެންގެވީ ޕީޕީއެމްއިން އިންތިޚާބު ބޮއިކޮޓް ކުރުމަށެވެ. ނަމަވެސް ޕީޕީއެމް/ޕީއެންސީގެ ސެނެޓަރުންގެ މެދުގައި ނެގި ވޯޓުން ފާސްވީ އިންތިޚާބު ބޮއިކޮޓް ނުކުރުމަށެވެ. ނަމަވެސް އެ ނިންމުން ގަބޫލު ނުކުރައްވާކަމަށް ޔާމީން މިރޭ އަންގަވާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ޕީޕީއެމްއިން ކެންޑިޑޭޓަކު ނެރޭނެތޯ ނުވަތަ ޕްލޭން ބީއަކީ މުޢިއްޒު ކަމެއް ވެސް އެ ޕާޓީން އަދި ހާމައެއް ނުކުރެއެވެ.
ޔާމީންގެ އެންގެވުމާ ގުޅިގެން ލީޑާޝިޕުން މިރޭ ކޮންމެ ގޮތަކަށް ނިންމި ނަމަވެސް މުޢިއްޒުގެ ކެންޑިޑެސީ ފޯމު މާދަމާ ހުށަހަޅަން ނިންމާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
One Response
ސާބަހޭ މުއިއްޱު! ޔާމީނަކާ ޔާމީނެއް! ލީޑަރުން ގޮތްނިންމަން ބައިތިއްބާށެވެ. މުއިއްޒު ފޯރމް ހުށައަޅާށެވެ. އަހަރުމެން ދެން ތިޔަ ޔާމީނުގެ ޗަރުކޭހެއް ބަލާކަށެއް ނުތިބޭނަމެވެ. ޖަމީލުމެންގެ ބެރަށް ނަށައިގެން ވީކަމެއްނެތެވެ.