މާލެ ސަރަހައްދުން ދިވެއްސަކު ހިމަބިއްސަށް (މީސްލްސް)
ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) މިއަދު ބުނެފިއެވެ.
އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނީ މި މަހުގެ 25 ގައި މާލެ ސަރަހައްދުން ދިވެއްސަކު ހިމަބިއްސަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އޭނާއަށް ބަލިޖެހިފައިވަނީ ރާއްޖެއިން ބޭރުން ކަމަށެވެ.
އެޗްޕީއޭއިން ބުނީ ބަލިޖެހުނު ފަރާތުގެ ސިއްހީ ހާލަތު ހުރި ގޮތުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާއިރު އޭނާގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށެވެ.
އޭނާއަކީ މީސްލްސް ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ މީހެއް ކަމަށް އެޗްޕީއޭއިން ބުންޏެވެ.
މި ބަލީގެ ކޭސްއެއް ފެނުމުން އަމަލުކުރަން ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން ކޮންޓެކްޓުން ދެނެގަތުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
އެޗްޕީއޭއިން ބުނީ ބަލިޖެހުނު ފަރާތުގެ ބައެއް ކޮންޓެކްޓުންނަށް އެކަން އަންގައި އޭގެތެރެއިން ވެކްސިން ފުރިހަމަނުވާ ފަރާތްތަކަށް ވެކްސިންދިނުން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
ރާއްޖެއިން ނައްތާލެވިފައިވާ ހިމަބިއްސަށް މިދިޔަ އޭޕްރީލްމަހުގެ 03 ވަނަ ދުވަހު އައްޑޫން ވެސް ކުއްޖަކު ޕޮޒިޓިވްވިއެވެ.