ދަ ހިންދޫ ބިއުރޯ ބެންގަލޫރުން މަޢުލޫމާތު ހާމަކޮށްފައިވާ ގޮތުގައި އިންޑިޔާގެ ކަރުނާޓަކާ ސްޓޭޓުގައި ދީނީ މިނިވަންކަން މަނާކޮށްފައިވާ އަދި އެންމެ ގިނަ ފާޑުކިއުންތައް އަމާޒުވެފައިވާ 2020 ގައި ފާސްކުރި މަޝްހޫރު “ ދީންބަދަލު ކުރުން މަނާކުރާ “ ގާނޫނުން ދީނީ މިނިވަންކަން ނިގުޅައިގަންނަ މާއްދާތައް އުވާލަން މިހާރުގެ ސްޓޭޓް ސަރުކާރުން ނިންމައިފިއެވެ.
އަދި އެ ސްޓޭޓުގެ 72000 ސްކޫލުގެ ގްރޭޑް 6 އިން 10 އަށް ކަންނަޑާ ބަހާއި އަދި ސޯޝަލް ސްޓަޑީޒްގެ މާއްދާތައް ކިޔަވާދޭ ފޮތްތަކުގައި ހިންދޫތުވާ ފަލްސަފާ ތަޢާރުފްކޮށް އެ އައިޑިއޮލޮޖީއަށް ބާރުއަޅާފައިހުރި ވީ ޑީ ސަވަރްކާރުގެ ފިލާވަޅުތަކާއި އާރް އެސް އެސް ގެ ފައުންޑަރ ކޭ ބީ ހެޖްވަރުގެ ފިލާވަޅުތައްވެސް އުވާލަން މިހާރުގެ ކޮންގްރެސް ގެ މެޖޯރިޓި ސަރުކާރުން މިދިޔަ ބްރާސްފަތި ދުވަހު ވަނީ ނިންމާފައެވެ.
އޭގެ ބަދަލުގައި ބީ ޖޭ ޕީ ސަރުކާރުގެ ދުވަސްވަރު އެ ގްރޭޑުތަކުގައި ކިޔަވާ ދިނުން ހުއްޓުވާފައިވާ ސާވިތުރީ ބާއީ އާއި އަމްބެޑްކާރާއި ޖަވާހިރުލާލް ނެހުރޫގެ ފިލާވަޅުތައް އަލުން ތަޢާރުފް ކުރަންވެސް ވަނީ ނިންމާފައެވެ.
މި ވިސްނުމުގައި ގެންނަންޖެހޭ 45 ބަދަލެއް ފާހަގަކޮށް ތަޖްރިބާކާރުންގެ 5 ބޭފުޅެއްގެ މައްޗަށް އެކުލެވޭ ޓީމަކުން މިހާރު ވަނީ ސަރުކާރަށް އެ ލަފާތަށް ހުށައަޅާފައެވެ.
ކޮންގްރެސްގެ މެޖޯރިޓީ ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގެ ސްޓޭޓް ލޯ އެންޑް ޕާލަމެންޓަރީ އެފެއާޒް ގެ ވަޒީރު އެޗް. ކޭ. ޕާޓިލް ވިދާޅުވީ ދީނީ މިނިވަންކަން މަނާކުރާ ގާނޫނުގެ އިތުރުން ދަނޑުވެރިކަމުގެ އުފެއްދުންތައް މާރކެޓް ކުރުމުގެ ގާނޫނަށް ދަނޑުވެރިން ރޮއިރޮއި ތިއްބާ 2020 ގައި ބޮޑުވަޒީރު މޯދީގެ ބީ ޖޭ ޕީ އިން ގެނެސްފައިވާ ބަދަލުތައްވެސް އުވާލަން ނިންމާފައިވާ ކަމަށެވެ.
ކޮންގްރެސްއަށް ނިސްބަތްވެ ވަޑައިގަންނަވާ ކުރީގެ އިދިކޮޅު ލީޑަރު އަދި މިހާރުގެ ޗީފް މިނިސްޓަރ ސިއްދަރަމައިއާ އަކީ ފެށުނީއްސުރެންވެސް އެ ގާނުތަކާއި ބަދަލުތަކަށް ވަރުގަދައަށް އިދިކޮޅު ހައްދަވަމުން ގެންދެވި ބޭފުޅެކެވެ. އަދި ކޮންގްރެސްގެ ސަރުކާރެއްގައި ރައްޔިތުންނާއި އިދިކޮޅު އެގާނޫނުތައް ބަދަލުކުރައްވާނެ ކަމަށް ކެމްޕޭނު ދުވަސްވަރުގައިވެސް ވައުދު ކުރައްވަމުން ގެންދެވިއެވެ.
ސަރުކާރުގެ މި ވިސްނުމަށް ކަރްނާޓަކާގެ ސިވިލް ސޮސައިޓީ އޯގަނައިޒޭޝަން ބަހުތުވާ ކަރްނާޓަކާ އިންނާއި އަދި ބެންގަލޫރުގެ އިސްފާދިރީ ޕީޓަރ މަޗާޑޯ ވެސް ވަނީ މަރްޙަބާ ކިޔާފައެވެ.
އަދި އެ ގާނޫނަކީ ބައިމަދު މުޖުތަމާއަށް ގޯނާކޮށް އުނދަގޫ ކުރުމުގެ މަގްސަދުގައި ހަދާފައިވާ ގާނޫނުތަކެއް ކަމަށާއި އެއީ ގާނޫނު އަސާސީން ފުރުސަތުވެސް ލިބިދޭ ގާނޫނުތަކެއް ނޫން ކަމަށެވެ. މިހާރުވެސް އެ ގާނޫނުތަކުގެ މައްސަލަ ކޯޓުގައި ހިނގަމުން އެބަދެއެވެ.
އެ ގާނޫނު އުފަން ކުރުވާފައިވަނީ ކަރުނާޓަކާ ސްޓޭޓުގައި ބީ ޖޭ ޕީ އިން ވެރިކަން ކުރަމުން ގެންދިޔަ ދުވަސްވަރުގައެވެ. ބީ ޖޭ ޕީ ގެ ލީޑަރުން ބުނަމުން ގެންދަނީ އެ ގާނޫނުތައް އުވާލައިފިނަމަ މުޅި ސްޓޭޓުގައި އިދިކޮޅު ޙަރަކާތްތައް ހިންގޭނެ ކަމަށެވެ.
އަދި ޓިއްޕޫ ސުލްތާނާއި އައުރެންގްޒޭބަށް ފަޚުރުވެރި މަގާމުތައް ލިބިދޭގޮތަށް ފޮތްތައް ލިޔާނެކަމަށްބުނެ ކޮންގެރެސް ސަރުކާރަށް ފާޑުކިއުންވެސް ގެންދަނީ އަމާޒުކުރަމުންނެވެ.
3 Responses
ހެޔޮވިސްނޭ ސިޔާސީ ބޭފުޅުން ކަންތައް ކުރައްވާނީ މިގޮތަށް. ކުރާ ހުވަޔާ ވައުދު ކޮންމެގޮތެއްގައިވެސް ހިފާއްޓަން މަސައްކަތްކުރާނެ. އަހަރެމެންގެ ރާއްޖޭގައި ގާނޫނު އަސާސީގައްޔާއި ގާނޫނުތަކުގައި ހުރި ރައްޔިތުންނަށް ބޭނުންނުވާ މާއްދާ ތަކުގެ ވާހަކަ މީޑިޔާތަކުގައި ހާމަކުރަމުންގެންދާއިރުވެސް ސިޔާސީ ބޭފުޅުންނަށް ފެންނަ ކަމަކަށް އަޑުއިވޭ ކަމަކަށް ނުވޭ.
ޓިއްޕޫ ސުލްތާނާއި އައުރެންގްޒޭބް ބޭނުންފުޅުވިގޮތަށް ސިޔާސަތު ތަންފީޒު ކުރެއްވި ނަމަ މިއަދި އިންޑިއާ ސުޕަރޕަވަރަކަށް ވާން ކުރާނެ މަސައްކަތެއް ނޯންނާނެއެވެ. އިންޑިއާ އޮންނާނީ ނަންބަރު 1 ގެ ސުޕަރޕަވަރުގެ މަގާމުގައެވެ. އެކަމަކު އޭރުވެސް އަދި މިހާރުވެސް ހުޅަނގުގެ އަވާގައި އިންޑިއާގެ އަސްލު ސަގާފަތާއި އާދަކާދައަށް ބިނާކޮށް ސިޔާސަތު ރާވާނެ ފުރުސަތު އޮތީ ނައްތާލާފައެވެ. ދުވަހެއް ދުވަހަކަށް އިންޑިއާއިންވެސް ފެންނަނީ އެމީހުންގެ ރިވެތި މާޒީން އިބްރަތް ހާސިލުކުރުމުގެ ބަދަލުގައި ހުޅަނގުގެ ގޮތްތަކަށް ތަރުހީބު ދެމުންގެންދާތަނެވެ. އިންޑިއާއަކީ ތަފާތު އެތައް ނަސްލަކާއި ވަންހައަކާއި ދަރިފަސްކޮޅަކާއި ދީނަކާއި މަޒުހަބެއްގެ ބަޔަކު އަޚްވަންތަކަމާއެކު ދިރިއުޅެމުން ގެންދިޔަ ގައުމެއްކަން މާޒީގެ ތާރީޚުން ހެކި ލިބިދެއެވެ.
ކޮންގްރެސް ޕާޓީ އަލުން ވެރިކަމަށް އައުމުން އަނެއްކާވެސް އިންޑިޔާ ހަމަޔަކަށް އެޅޭނީ. އެހެނަސް ކޮންމެ ޕާޓީއެއް ވެރިކަން ކުރިޔަސް ދެން ރާއްޖެއަކުން އިންޑިޔާގެ މިލިޓަރީއެއް ނުބޭލޭނެއެވެ. އެމީހުންގެ މައި އައްޑާއަކަށް އައްޑޫއެވަނީ ހަދާފައެވެ.