މިނިސްޓްރީ ފިޝަރީޒް އިން ބުނާގޮތުގައި މަސް ކިރުވާ އުޅަނދުތަކާއި އަދި މަސްވެރިންނަށް އައިސް ވިއްކާ ޕްލާންޓުތައް އޮޕަރޭޓް ކުރުމާއި ގުޅޭ ލައިސެންސް ދިނުމާއި ބެހޭ ޤަވާއިދެއް އެކުލަވާލެވި ގެޒެޓްކޮށްފިއެވެ.
ގެޒެޓް ކުރެވުނު މި ގަވާއިދަށް ކިޔާނީ، މަސްވެރިކަމާ ގުޅުންހުރި ޙަރަކާތްތަކަށް ލައިސަންސް ދިނުމާ ގުޅޭ ގަވާއިދެވެ. މި ޤަވާއިދުގެ މަޤުސަދަކީ، މަސްވެރިކަމާ ގުޅުންހުރި ޙަރަކާތްތަކަށް ހުއްދަ ނުވަތަ ލައިސަންސް ދިނުމުގެ އުސޫލުތައް ކަނޑައަޅައި އެ ޙަރަކާތްތައް ރާވައި ހިންގައި ބެލެހެއްޓުމުގައި ގެންގުޅެންޖެހޭ އުސޫލުތައް ބަޔާންކުރުން ކަމަށް ބުނެފާވެއެވެ.
ތިން ބާވަތެއްގެ ޙަރަކާތް މިވާޢިދުގެ ދަށުން ހިންގޭނީ އެކަމަށް ބޭނުންވާ ލައިސެންސް ފިޝަރީޒް މިނިސްޓްރީން ނަގައިގެންނެވެ. މިގޮތުން ގަވާޢިދުގެ ދަށުން މަސްކިރުވާ ބޯޓުތައް ނުވަތަ ކަލެކްޓަރ އުޅަނދުތަކާއި، އެކްސްޕޯޓް ކުރުމަށް ނުވަތަ އެއް ބަނދަރުން އަނެއް ބަނދަރަށް ގެންދިއުމަށް ބޭނުން ކުރާ ކެރިއަރ ނުވަތަ ރީފާރ ވެސެލްސްއަދި މަސްވެރިންނަށް އައިސް ވިއްކާ ޕްލާންޓް އޮޕަރޭޓް ކުރެވޭނީ ޤަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން ލައިސެންސް އެއް އޮވެގެންނެވެ.
މި ޤަވާދުގެ ދަށުން ލައިސެންސް ދޭނީ 3 އަހަރު ދުވަހުގެ މުއްދަތަށެވެ. އަދި ޤަވާއިދުގެ ދަށުން ލައިސެންސް ދޭނީ މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑަށް ޝަރުތު ހަމަވާ އުޅަނދުތަކަށެވެ. މީގެ އިތުރުން ޤަވާއިދުގެ ތެރެއިން، އުޅަނދުތަކުން މަސް ކިރުވާ މިންވަރު އަދި އައިސް ޕްލާންޓުން އައިސް ވިއްކާ މިންވަރު މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ރެކޯޑު ކުރެވި މިނިސްޓްރީއަށް ޤަވާއިދުން ރިޕޯޓު ކުރަން ޖެހޭނެއެވެ.
އުޅަނދުތަކަށް ލައިސެންސް ފީއެއްގެ ގޮތުގައި 3000ރުފިޔާދައްކަން ޖެހޭއިރު އައިސް ޕްލާންޓު އޮޕަރޭޓް ކުރުމުގެ ލައިސެންސްއަށް ދޭން ޖެހެނީ 500ރުފިޔާ އެވެ.
މަސްވެރިކަމާއި ގުޅޭ ޙަރަކާތްތައް ލައިސެންސްއެއް ނަގައިގެން ކުރިއަށް ގެންދިއުމަށް މިނިސްޓްރީން ކަނޑައެޅި އިރު، މިކަމުގެ ސަބަބުން މަސް ކިރުވުމާއި މަސްވެރިންނަށް އައިސް ވިއްކުމާއި ބެހޭ ރެކޯޑުތައް އެއް ނިޒާމެއްގެ ތެރެއިން ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެހިގެން ދާނެކަމަށް ބުނެފާވެއެވެ.