ރޮއިޓާސް ޚަބަރު ދީފައިވާ ގޮތުގައި 1650 ކިލޯމީޓަރަށް ދަތުރުކުރާނެ ދުރުރާސްތާ ކްރޫޒް މިސައިލް އީރާނުން އުފައްދައިފިއެވެ. އީރާނުގެ އިންގިލާބީ ސިފައިންގެ ކޮމާންޑަރު މިދިޔަ ހުކުރު ދުވަހު ވަނީ މިކަން ކަށަވަރު ކޮށްދެއްވާފައި ވެއެވެ.
މިއީ ރަޝިޔާއިން މިހާރުވެސް ޔޫކްރެއިން ހަނގުރާމައިގާ އީރާނުގެ ޑްރޯން ބޭނުންކުރަމުން ގެންދާތީ މިކަމާހުރެ އެމެރިކާއާއި ހުޅަނގުގެ ކަންބޮޑުވުން އިތުރުވާނެ ކަމާމެދު ޝައްކެއްވެސް ނެތެވެ.
ޚައިބަރ ޝޭކަންގެ ނަންދެވިފައިވާ މިސައިލް ދައްކާލުމުގެ ރަސްމިއްޔާތުގައި އީރާނުގެ އާރމްޑް ފޯސަސްގެ ޗީފް އޮފް ސްޓަފް އާއި އިންގިލާބީ ސިފައިންގެ އެއިރޯސްޕޭސް ފޯސްގެ އެންމެ އިސްވެރިޔާ އަމީރުޢަލީ ހާޖީޒާދާ ބައިވެރިވެ ވަޑާއިގަތެވެ. އެހެންނަމަވެސް އެއީ ކޮންތަނެއްގައި ބޭއްވި ދައްކާލުމެއްކަން ހާމައެއް ނުކުރެއެވެ. ގައުމީ ޓެލެވިޒަނުގައި ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ މިއީ 1650 ކިލޯމީޓަރުގެ ދުރުރާސްތާ މިސައިލްގެ އިތުރުވުމެކެވެ.
އިންގިލާބީ ސިފައިންގެ އެއިރޯސްޕޭސް ފޯސްގެ އެންމެ އިސްވެރިޔާ އަމީރުޢަލީ ހާޖީޒާދާ ތަކްރާރުކޮށް ވިދާޅުވީ އިރާނުގެ ސިފައިންގެ ކުރީގެ ވެރިޔާ މަރާލުމުގެ ބަދަލު އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ކިބައިން ހިއްޕަވާނެކަމަށެވެ.2020 ވަނައަހަރު އެމެރިކާއިން ދިން ޑްރޯން ޙަމަލާއެއްގައި އީރާނުގެ މިލިޓަރީ ކޮމާންޑަރ ގާސިމް ސުލައިމާނީ އަވަހާރަ ކޮށްލުމާއިގުޅިގެން އިރާގުގައިތިބިއެމެރިކާގެ ލަޝްކަރުތަކަށް އަމާޒުކޮށް އީރާނުން ފޮނުވި ބެލިސްޓިކް މިސައިލް ޙަމަލާގައި ނިކަމެތި ފައުޖީން މަރަން އަހަރެމެން ބޭނުން ނުވީކަމަށްވެސް އޭނާވިދާޅުވިއެވެ.
އިރާދަކުރެއްވިއްޔާ ސުލައިމާނީގެ މަރުގެ ބަދަލު ކުރީގެ ރައީސް ޓްރަމްޕް އާއި ޚާރިޖީވަޒީރު މައިކް ޕޮމްޕިއޯ އަދި އެޙަމަލާއަށް އަމުރުކުރި ކޮމާންޑަރުގެ ކިބައިން އަހަރެމެން ހިފާނަމެވެ. މީގެ ކުރިންވެސް އީރާނުގެ ވެރިން މިމޭރުމުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
އީރާނުގެ މިސައިލް ޕްރޮގްރާމާއި ޚާއްސަކޮށް ބެލިސްޓިކް މިސައިލް ޕްރޮގްރާމް ކުރިޔަށް ގެންދަނީ އެމެރިކާއާއި ހުޅަނގުގެ ގައުމުތަކަށް ގޮން ޖަހާފައެވެ. އީރާނުން އަބަދުވެސް ބުނަމުން ގެންދަނީ އެއީ ގައުމު ދިފާޢު ކުރުމުގެ ބައެއް ކަމަށެވެ.
އިރާނުން ބުނާގޮތުގައި ޔޫކްރެއިން ހަނގުރާމައިގެ ކުރިން އީރާނުން ރަޝިޔާއަށް ޑްރޯން ފޯރުކޮށްދީފައި ވާނެއެވެ. ޕަވަރ ސްޓޭޝަން ތަކަށާއި މަދަނީ ތަންތަނަށް ޙަމަލާ ދިނުމުގައި ރަޝިޔާއިން އީރާނުގެ އެ ޑްރޯންތަކުގެ ބޭނުން ކުރަމުން ގެންދެއެވެ.
އީރާނުން ހައިޕަރސޯނިކް ބެލިސްޓިކް މިސައިލް އުފައްދައިފިކަމަށް ހަޖީޒާދާ އަށް ޙަވާލާދީ ރިޕޯރޓްތައް ހާމަކުރުމާއި ގުޅިގެން މިދިޔަ އަހަރު ނޮވެމްބަރު މަހުގެތެރޭގައި އެމެރިކާއިން ވަނީ ޝައްކު އުފައްދާފައެވެ.

އީރާނުން ބުނާގޮތުގައި އިޒްރޭލުން އީރާނަށް ޙަމަލާއެއް ދީފިނަމަ އިޒްރާޢީލް މެދުއިރުމަތީގެ ޗާޓުން ނައްތާލެވޭނެއެވެ.