އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިޚާބުގައި ވޯޓުލުމަށް ބަހައްޓާފައި ހުރި ވޯޓު ފޮށިތައް ފަޅައި ހަމަނުޖެހުން ހިންގާ މީހުންނާމެދު ޕާޓީގެ ތެރެއިން އެޅެން ހުރި ފިޔަވަޅު އަޅާނެކަމަށް އެމްޑީޕީން ދެންމެ ބުނެފިއެވެ.
ބައެއް ރަށްރަށުގައި ހުރި ވޯޓު ފޮށިތައް ފަޅާލައި ކަރުދާސްތައް ވީދައިލާފައި ވަނިކޮށް އެމްޑީޕީން ދެންމެ ކުރި ޓުވީޓެއްގައި ވަނީ ދެ ކެންޑިޑޭޓުންނަށާއި ޕާޓީގެ މެންބަރުންނަށް އިލްތިމާސެއް ކޮށްފައެވެ.
އެމްޑީޕީން ބުނީ ވޯޓުލާ މަރުކަޒުތަކުގައި ހުރި ވޯޓު ފޮށިތައް ފަޅައި އެކިވަރުގެ ގެއްލުންތައް ދިނުމުގެ އެއްވެސް ހަރަކާތެއް ނުހިންގުމަށް އިންތިޚާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ޓީމުތަކަށާއި އެންމެހާ މެމްބަރުންނަށް އިލްތިމާސްކުރާ ކަމަށެވެ.
އަދި މިފަދަ ގެއްލުންތައް ޕާޓީއަށް ދޭ މެންބަރުންނާމެދު ޕާޓީގެ ތެރެއިން އެޅެން ހުރި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ވެސް ދިނެވެ.
އެމްޑީޕީން ވަނީ އިންތިޚާބު ކުރިއަށް ގެންދިއުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެކަމުގެ ޔަޤީންކަން ވެސް ދީފައެވެ.