ޖީއެމްއާރްގެ ބަދަލު އިންޑިއާއިން ނަގަމުން އެދަނީ “ޕަޕެޓަކު ގޮނޑީގައި ބަައިންދާފައި“ ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ޖޭއެމްސީ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ރޭ ފެށުމާ ގުޅިގެން އެކަމަށް ޢިޝާރަތްކުރައްވައި ކުރެއްވި ޓުވީޓެއްގައި ސަޢީދު ވިދާޅުވީ ހަނިމާދުއަކީ އިންޑިއާގެ މަސްލަހަތަށް ބޮޑުކުރާ ތަނެއް ކަމަށާއި ޖީއެމްއާރްގެ ބަދަލު މި ނަގަނީ ޕަޕެޓަކު ގޮނޑީގައި ބަައިންދާފައި ކަމަށެވެ. އަދި ދިވެހިންގެ އެންމެ އިސްވެރިއަކު ވެރިކަމުގެ ދަހިވެތިކަމުގައި މި ހާލަތަށް ވެއްޓުނު ޒަމާނެއް އައިސްފައިވޭތޯ ވެސް ސަޢީދު ސުވާލު ކުރެއްވިއެވެ.
“ދިވެހިންގެ އެންމެ އިސްވެރިއަކު ވެރިކަމުގެ ދަހީގައި މި ހާލަތަށް ވެއްޓުނު ޒަމާނެއް އައިސްފަވޭބާ. ހަނިމާދުއަކީ އިންޑިއާގެ މަސްލަހަތަށް ބޮޑުކުރާ ތަނެއް. ހާލަތާ ނުބައްދަލު ބިޔަ ދަރަނި، ލޯނު. ދައްކާނީ ދިވެހި ދައުލަތް. ޖީއެމްއާރްގެ ބަދަލު މި ނަގަނީ ޕަޕެޓަކު [ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް] ގޮނޑީގައި ބަައިންދާފައި.“ މެންބަރު ވިދާޅުވިއެވެ.
އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެއަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ހިންގާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުއާ ގުޅިގެން ސަޢީދު ކުރިން ވިދާޅުވީ އެ އުފައްދަނީ ޖީއެމްއާރްގެ އަނެއް ހިޔަނި ކަމަށެވެ.
“ހަނިމާދޫގަ ވެގެން މިއުޅޭ ގޮތަކީ އިންޑިއާއަށް އެތަން ދޭންވެގެން އެ އުޅެނީ. ޖީއެމްއާރް އަނެއް ހިޔަނި މި އުފައްދަނީ“ ސަޢީދު ވިދާޅުވެފައިވެއެވެ.
އިންޑިއާގެ ޖީއެމްއާރް ކުންފުންޏަށް ދިގު މުއްދަތަކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ދިނީ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައެވެ. ޖީއެމްއާރާއެކު ގާއިމުކުރި އެއްބަސްވުން ސަރުކާރުން ބާޠިލުކުރީ ރައީސް ނަޝީދު އިސްތިއުފާ ދެއްވި ފަހުން 2012 ވަނަ އަހަރުގެ ނޮވެމްބަރު 27 ވަނަ ދުވަހުއެވެ.
ނަޝީދުގެ ވެރިކަމުގައި ޖީއެމްއާރަށް އެއާޕޯޓު ދިނީ 78 މިލިއަން ޑޮލަރުގެ ބަދަލުގައިކަމަށް އެ މަނިކުފާނުގެ ކެބިނެޓުގައި ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި ޑރ.އާމިނަތު ޒުލްފާ ދާދިފަހުން ވަނީ ތުހުމަތު ކުރައްވާފައެވެ. ނަމަވެސް އޭރު ނަޝީދު ވިދާޅުވެފައިވަނީ
އެއާޕޯޓު ތަރައްޤީކުރަން އިންޑިއާގެ ޖީއެމްއާރާއި ހަވާލުކުރެއްވީ ރާއްޖޭގެ އިގުތިސާދު ދެގުނަ ކުރުމުގެ ނިޔަތުގައި ކަމަށެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި އިންޑިއާގެ ޖީއެމްއާރަށް އެއާޕޯޓު ވިއްކައިލައްވަން އުޅުއްވި ހިސާބުން އެކަމާ ދެކޮޅު ހައްދަވައި އެންމެ ކުރިން ނުކުމެވަޑައިގެންނެވި އެއް ބޭފުޅަކީ އޭރު ރައްޔިތުންގެ މަޖިލީހުގައި މުލަކު އަތޮޅު ދާއިރާ ތަމްސީލު ކުރެއްވި ރައީސް ޔާމީން ޢަބްދުލްޤައްޔޫމެވެ.