ސެންފްރާންސިސްކޯ ސަރަޙައްދަށް ކުރަމުންގެންދާ ވިއްސާރަ

Loading

Facebook
Twitter
WhatsApp
San Francisco flood news

މިއަހަރުގެ ފަހުދިހައިން ފެށިގެން އެމެރިކާގެ ކެލފޯނިޔާގެ ސަރަޙައްދުތަކަށް ކުރަމުންގެންދާ ވިއްސާރައާއި ފިނީގެ ތޫފާންތަކުގައި މުޅިއެ ސަރަޙައްދު އެކަމުން ލުޔެއްހޯދުމަށް ހެދޭނެގޮތް ހުސްވެފައިވާ ދަނޑިވަޅެއްގައި އަނެއް ބިރުވެރި ތޫފާނު ކުރިމަތި ވަމުން އަންނަކަމަށް މޫސުމާބެހޭ އިދާރާތަކުން އިންޒާރުދޭން ފަށައިފިއެވެ.

އެ އިދާރާތަކުން ބުނަމުން ގެންދަނީ އަންގާރަދުވަހުގެ ރެއާއި ބުދަދުވަހު މިތޫފާނުގެ ބާރު ގަދަވެގެން ދާއިރު މެދުވެރިވާނެ ފެންބޮޑުވުމުގައި އިންސާނުންގެ ފުރާނައަށް ގެއްލުން ލިބޭނެކަމަށެވެ. ކުރުގޮތަކަށް ބުނާނަމަ މިއީ ފާއިތުވެގެންދިޔަ އެތައް އަހަރެއްގައި މިހާފުޅާ ސަރަޙައްދަކަށް އޭގެ ގެއްލުމާއި ކުރިމަތިލާން ޖެހިފައި ނުވާފަދަ ބިރުވެރި ތޫފާނެކެވެ.

މިތޫފާނުން ލިބޭނެކަމަށް އިންޒާރު ދީފައިވާ ގެއްލުންތަކުގެ ތެރޭގައި އެތައް ހިސާބެއްގައި މަގުތަކުގައި ފެންބޮޑުވުމާއި ވެލިފަރުބަދަތައް ފައިބައި މަގުތައް ހަލާކުވުމާއި ބިޔަގަސްތައް ބިމުން ލުހެލުމާއި ކަރަންޓްލައިންތައް ހަލާކުވެގެން ދިއުން ހިމެނެއެވެ.

އަދި މި އިންޒާރާ ދޭތެރޭ ފަރުވާކުޑަ ނުކުރުމަށް މޫސުމާބެހޭ އިދާރާތަކުން އިލްތިމާސް ކުރެއެވެ.

ބުރާސްފަތި ދުވަހާހަމަޔަށް ދާއިރު 10 އިންޗީގެ ވާރޭ ވެހޭނެކަމަށާއި ގަޑިއަކު 50 މޭލަށްވުރެން ބާރަށް ވައިޖެހޭނެ ކަމަށްވެސް އެ އިންޒާރުގައި ބުނެފައިވެއެވެ. ސެންފްރާންސިސްކޯގެ ތާރީޚުގައިވެސް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ މިއަހަރު ފެށުނު ދުވަސްތަކުގައެވެ. އެއީ 5.4 އިންޗީގެ ވާރޭއެވެ.

މި ވެހުނުވާރެއާއި އަދި ކުރިއަށް އޮތް ތޫފާނުގެ ވާރެއާއެކުވެސް އެ ސަރަޙައްދަށް ފާއިތުވެގެން ދިޔަ ތިން އަހަރުދުވަހު މެދުވެރިވެފައިވާ ހަނަފަސްކަން ބަދަލުވެގެން ހިނގައިދާނެ ކަމަކަށް ނުބެލެވެއެވެ.  

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް