ޕާކިސްތާނުގެ ސިފައިންގެ ވެރިޔަކަށް ލެފްޓިނެންޓް ޖެނެރަލް އާސިމް މުނީރު އައްޔަން ކުރައްވައިފިއެވެ. މިހާރުގެ ސިފައިންގެ ވެރިޔާ ޖެނެރަލް ބަޖްވާ އެ މަގާމުގައި 6 އަހަރުގެ ޚިދުމަތަށްފަހު މި މަހުގެ ފަހުކޮޅު ރިޓަޔަރ ކުރައްވާނެއެވެ. ލެފްޓިނެންޓް ޖެނެރަލް އާސިމް މުނީރަކީ މީގެ ކުރިން ބޮޑުވަޒީރު އިމްރާން ޚާންގެ ދުވަސްވަރު ޕާކިސްތާނުގެ ޖާސޫސީ އިދާރާގެ ވެރިކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. މުނީރަކީ ކީރިތި ގުރުއާންވެސް ހިތުދަސް ބޭފުޅެކެވެ.
ޕާކިސްތާނުގެ ސިފައިންގެ ވެރިޔާގެ މަގާމު ބަދަލުވެގެން މިދަނީ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނުގެ ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި ސިފައިންގެ ބޮޑު ދައުރެއް އޮތްކަމަށް އޭނާ ތުޙުމަތު ކުރައްވަމުން ގެންދަވާ ދަނިވަޅެއްގައެވެ.
އެހެންނަމަވެސް ޖެނެރަލް ބަޖްވާ ވިދާޅުވަނީ އިމްރާން ޚާންގެ ވެރިކަން ނިމިގެންދިޔައީ އެމެރިކާގެ ރޭވުމެއްގެ ދަށުންކަމަށް އިމްރާން ޚާން ވިދާޅުވަމުން ގެންދަވަނީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށްގެނެއް ނޫނެވެ. އަދި ކުރިއަށް އޮތް ތަނުގައި ސަރުކާރު ހިންގުމުގައި ސިފައިންގެ އެއްވެސް ދައުރެއް ނޯންނާނެ ކަމުގައެވެ. އެހެންނަމަވެސް ޕާކިސްތާނުގެ ނިއުކްލިއަރ އަސްކަރިއްޔާއިން ސަރުކާރު ހިންގުމުގައި ނުފޫޒުފޯރުވުމުގެ ވަރަށް ބޮޑު ދައުރެއް އަދާކުރުން އެއީ އާންމު ވާހަކައެކެވެ. އެފަދަ ފަނާކުރަނިވި ހަތިޔާރު ސަލާމަތްކަމާއި އެކު ބެލެހެއްޓުމުގެ ޒިންމާ ސިފައިން އަބަދުވެސް އަދާކުރަން ޖެހެއެވެ.
އަވަސް އިންތިޚާބަކަށް ގޮވާލަމުން އިމްރާން ޚާނަށް ތާއީދުކުރާ މީހުން ކުރަމުންގެންދާ މުޒާހަރާ ކުރިއަށް ގެންދާނެކަމަށް އިމްރާން ޚާން ގެންދަވަނީ ވިދާޅުވަމުންނެވެ. މާދަމާ ރާވަލް ޕިންޑީގައި އޮންނަ ބޮޑު މުޒާހަރާގައި އިމްރާން ޚާން ބައިވެރިވެ ވަޑައިގަންނަވާނޭކަމަށް ވަނީ ޢިއުލާންކޮށްފައެވެ.