ފާއިތުވެގެން މިދާ ދިހަވަރަކަށް އަހަރުދުވަހުގެ ތެރޭގައި އެންމެ ފުރަތަމަ ފަހަރު އިނގިރޭސި ވިލާތާއި ޗައިނާއާއި ދެގައުމުގެ ގުޅުން ރަނގަޅު ކުރެވިދާނެމަގެއް ހޯދުމުގެ އުންމީދުގައި ބޮޑުވަޒީޒު ރިޝީ ސުނަކް ޗައިނާގެ ރައީސް ޒީ ޖިންޕިން އާއެކު ޖީ -20 ސަމިޓްގެތެރޭން ބާއްވަން ތާވަލްކުރި ބައްދަލުވުން އަތަށް ގޮވައިފިއެވެ. މިއީ ބޭޖިންއާއި ދޭތެރޭ ކުރާ މުޢާމަލާތުގައި ހުޅަނގުގެ ލީޑަރުންގެ ވިސްނުން ހުރިގޮތް ދެނެގަތުމަކީ ޗައިނާއަށް އެހާ މުހިންމު ކަމެއްނޫންކަން އަންގައިދޭ ރަނގަޅު ފިލާވަޅެކެވެ.
އެހެންނަމަވެސް ލަންޑަންގެ ޑައުނިންގ ސްޓްރީޓް 10 ނަންބަރުން ބުނަނީ އެ ބައްދަލުވުން ނުބޭއްވުނީ އަންގާރަ ދުވަހުގެ ރޭ ޕޮލޭންޑަށް ދެވުނު މިސައިލް ޙަމަލާއާއި ގުޅިގެން އިނގިރޭސި ވިލާތުގެ އެދުމުގެ މަތިން ޗައިނާއިން ކެންސަލްކުރީ ކަމުގައެވެ. ޙަގީގަތަކީ ކޮބައިކަމުގައި ވިޔަސް ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދު އާއިއެކު ބާއްވަން އުޅުނު ބައްދަލުވުން ނުބޭއްވުނު ކަމުގެ ލަދުވެތިކަން ދުނިޔޭގެ ލީޑަރުންނާއި އަދި އަމިއްލަ ގައުމުގައި އެ ބައްދަލުވުން ބޭއްވުމަށް ދެކޮޅު ހަދަމުން ގެންދިޔަ ރައްޔިތުންގެ ކުރިމަތީގައި ރިޝީ ސުނަކްގެ ވަރަށް ބޮޑު އަގުވެއްޓުމަކަށް ނޫނީ ނުވާނެއެވެ. އެހެންވީމާ މިހާރު ޗައިނާއާއި ދޭތެރޭ އޭނާގެ ވިސްނުންވެސް އޮތީ އޮޅުމެއްގެ ތެރޭގައި ކަމުގައި ކޮމެމންޓޭޓަރުން ބުނަމުން އެބަގެންދެއެވެ.
ޔޫކޭގެ ކުރީގެ ޕީއެމް. ޓޮރީގެ އިންތިޚާބީ ދުވަސްވަރު ޗައިނާއަކީ އަހަރެމެންނަށް އޮތް އެންމެ ބޮޑު ނުރައްކަލޭ ބުނަމުން ގެންދިއުމުގެ އިތުރުން ޔޫ. ކޭ. ގައި ހުރި ޗައިނާގެ ތިރީހަކަށް މުއައްސަސާ ބަންދުކުރާނެކަމަށް މިފަހރުގެ އިންތިޚާބުގައި ރިޝީ ސުނަކް ގެންދިޔައީ ކަރުދާސް ބަހަމުންނެވެ.
ޗައިނާގެ ނުލަފާކަން އަހަރެމެންނަށް މިހާރު ފުދި އިތުރު ވެއްޖޭ ބުނުން ކަހަލަ އެތައް ވާހަކައެއް އޭނާ ދެއްކެވިއެވެ. އެހެންނަމަވެސް ބާލީގައި ބާއްވަން އުޅުނު ބައްދަލު ވުމާބެހޭ ތާވަލް ރޭވިގެންދިޔައިރު އިނގިރޭސީންގެ ޚާރިޖީ ސިޔާސަތުގެ ލިއެކިއުންތަކުގައި ޗައިނާގެ ނުރައްކާތެރިކަން އެއީ ވާދަވެރިކަމަށް ތަރުޖަމާ ކުރެވިފައިވެއެވެ. އަދި އޭނާ ދެއްކެވި ވާހަކަފުޅުތަކަކީ ޖިއޯޕޮލިޓިކަލް ޑިޕްލޯމެސީގެ ވައްތަރެއް ކަމުގައިވެސް ވަނީ ވެފައެވެ.
އިނގިރޭސި ވިލާތުގެ ޗާންސެލަރަކަށް ރިޝީ ސުނަކް ހުންނެވި ދުވަސްވަރު ޔޫ. ކޭ. އާއި ޗައިނާގެ އިގްތިސާދީ އަދި މާލީ ވާހަކަތަކުގެ ސަމިޓް 2019 ވަނައަހަރު މެދުވެރިވި ހޮންކޮންގުގެ ކުރިމަތިލުން ތަކާ ގުޅިގެން މަޑުކޮށްލަން ރިޝީ ސުނަކް އެންގި ހަނދާން ނެތި އަލުން ގުޅުންތައް ރަނގަޅުކުރަން ދިއްކޮށްލި އަތުގައި މިފެނުނީ ތަފާލެއް ޖެހިތަނެވެ.
ޗައިނާގެ ކޮމިއުނިސްޓް ޕާރޓީގެ ޗެއަރމަން މާއޯ ރަތް ފޮތުން ރިޝީ ސުނަކް ދަސްކުރައްވަންޖެހޭ ފިލާވަޅެއް އެބަ އޮތްކަމުގައި ބުނެފިއެވެ. އެއީ:
“ ދުޝްމަނާއަކީ ދުޝްމަނެއްގެ ގޮތުގައި އެއްފަރާތްކުރާށެވެ. އެކަމަކު އޭނާއާއިދޭތެރޭ ޚަބަރުދާރުވުމަށް ފަރުވާކުޑަނުކުރާށެވެ.“