ގިނަ އަދަދެއްގެ ދިވެހިންނާއެކު އެއްޖިންސުން ގުޅުން ހިންގައިފައިވާ ބަންގްލަދޭޝް ރައްޔިތެއްކަމށްވާ އަލަމްގީރަށް ދައުލަތުން އުފުލާފައިވާ އޮރިޔާ ކާޑުހެދުމުގެ 40 ދައުވާ އަށް ވެސް އޭނާ އިއުތިރާފްވެއްޖެއެވެ.
އަލަމް ގީރަށް ދައުވާކޮށްފައި ވަނީ ގާނޫނުލް އުގޫބާތުގެ ދަށުން އޮރިޔާން ކާޑު ހެދުމުގެ ކުށުގެ 40 ދައުވާކަމަށެވެ.
އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ކްރިމިނަލް ކޯޓުގައި އިއްޔެ ބޭއްވީ ސިއްރުކޮށެވެ. އެ އަޑު އެހުމުގައި އަލަމްގީރު އޭނާގެ މަށްޗަށް އުފުލާފައިވާ އޮރިޔާން ކާޑް ހެދުމުގެ 40 ދައުވާ އަށް ވެސް އިއުތިރާފުވެފައެވެ.
އޮރިޔާން ކާޑް ހެދުމުގެ ދައުވާއަށް އަލަމްގިރި އިއުތިރާފް ވެފައިވާއިރު އޭނާ އަންނަނީ އެއް ޖިންސުން ޖިންސީ ގުޅުން ހިންގި ކަމުގެ ކުށް ސާބިތުވެ ހަތް މަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.
އަލަމްގީރު އާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައާއި ގުޅިގެން ތިން ދިވެއްސެއްގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފައެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ކޮށްކޯފުޅު އަދި ގާނޫނީ ވަކީލް އަހްމަދު ނާޒިމް އަބްދުއްސައްތާރާއި ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް)ގެ އިތުރުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތްކުރި އަބްދުއްރަހްމާން ރަފީއުއެވެ.
މި މައްސަލައިގައި ނާޒިމް ސައްތާރަށް ތިން މަހާއި 26 ދުވަހަށް ގޭގައި ބަންދުކުރުމަށް ހުކުމްކޮށްފައި ވާއިރު ރާފިއުއަށް އިއްވާފައިވަނީ އެއް އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.