ހުންގަދަވެގެން ހއ ހޯރަފުށީ ސިއްހީ މަރުކަޒަށް ޑޮކްޓަރަށް ދައްކަން ގެންދިޔަ އެއް އަހަރުގެ ތުއްތު ދަރިފުޅަށް ފަރުވާދޭން ދެކޮޅު ހަދައި ނިދަން ބޭނުންވި ޑޮކްޓަރަކީ އާންމު ގޮތެއްގައި ވެސް ސިއްހީ މަރުކަޒުގައި ނިދާ މީހެއް ކަން ހާމަވެއްޖެއެވެ.
މި މައްސަލަ ފެންމަތިވީ ބައްޕައަކު އޭނާގެ އެއް އަހަރުގެ ދަރިފުޅު ހުން ގަދަ ވެގެން ޑޮކްޓަރަށް ދައްކަން ދޮޅު ގަޑިއިރެއްހާއިރު މަޑުކުރުމަށް ފަހު ނަންބަރު ޖެހުމުން ނިދަން ކަމަށް ބުނެ ފަރުވާދޭން ޑޮކްޓަރު އިންކާރު ކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިއްޔެ ކުރި ޕޯސްޓަކާއެކުެއެވެ.
އަދި އެ ޕޯސްޓްުގައި އިތުރަށް ބުނެފައިވަނީ އެ ކުއްޖާއަށް ފަރުވާދޭން ފެށުނުއިރު ތިން ގަޑިއިރު ވެފައިވާ ކަމަށެވެ. އެއީ ވެސް ނަރުސް ކުދިންގެ ސަބަބުން ކަމަށް އެ ކުއްޖާގެ ބައްޕަ ބުނެފައިވެއެވެ.
މި ޕޯސްޓާ ގުޅިގެން ގިނަ ބަޔަކު އެ ޑޮކްޓަރު ވަޒީފާއިން ވަކިކުރުމަށް ގޮވާލަމުން ދިޔައުމާ ގުޅިގެން އެކި ދުވަސްވަރު މަތިން އާންމުން ނަގާފައިވާ ފޮޓޯތައްވެސް އާންމުން ޝެއާކުރަން ފެށިއެވެ.
މި ފޮޓޯތަކުން ފެންނަނީ އެކި ދުވަސްތަކުގައި ޑޮކްޓަރުގެ މޭޒުމަތީގައި ބޯއަޅައިގެން އޮވެ ނިދާފައި އޮންނަ މަންޒަރެވެ. އަދި އެއް ފޮޓޯއަކުން ޑޮކްޓަރަށް ދައްކަން ގޮސް ހުރި އުމުރުން ދުވަސްވީ ފިރިހެނެއް ބަލިމީހާ އިށީންނަން ހާއްސަކޮށްފައި ހުންނަ ގޮޑީގައި އިށީދެގެން އިން އިރު ޑޮކްޓަރު މޭޒުމަތީގައި ބޯޖަހައިގެން ނިދާފައި އޮންނަ މަންޒަރު ފެނެއެވެ.

ސަންދާނަށް މައުލޫމާތު ދިން ހޯރަފުށީ މީހުން ބުނި ގޮތުގައި އެ ޑޮކްޓަރަކީ އާންމުގޮތެއްގައި ވެސް ބަލިމީހުން ބެލުމަށް ފަރުވާ ކުޑަ މީހެއް ކަމަށާ ޑޮކްޓަރު ނިދުމުގެ މައްސަ އަކީ ވަރަށް އާންމު މައްސައެއްކަމަށެވެ. ނަމަވެސް އެ މައްސައަށް ހައްލުގެނައުމަށް ސިއްހީ މަރުކަޒު ވަނީ ނުކުޅެދިފައި ކަމަށް ވެސް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
މި މައްސަލަ އާއި ގުޅިގެން ހެލްތު ސެންޓަރުން މިއަދު ބުނީ ނައިގީރިއާ އަށް ނިސްބަތްވާ އެ ޑޮކްޓަރަކީ މީގެ ދެ މަހެއްހާ ދުވަސް ކުރިން ގެނައި ޑޮކްތަރެއް ކަމަށާ ޑޮކްޓަރުގެ އަމަލުތަކާ ގުޅިގެން ގިނަ ޝަކުވާތަކެއް އެ ސެންޓަރަށް ލިބިފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ޑޮކްޓަރަށް ނޯޓިސް ވެސް ދީފައިވާނެކަމަށް ވެސް ހެލްތު ސެންޓަރުން މައުލޫމާތު ދެއެވެ. ހެލްތު ސެންޓަރުން ބުނީ ޑޮކްޓަރާ ގުޅޭ މައްސަލަތައް އިތުރަށް ގޯސް ވުމާ ގުޅިގެން އޭނަ ވަކިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ވެސް މިހާރު ކުރަން ފަށާފައިވާ ކަމަށާ އެގޮތުން މި މައްސަލަ ހެލްތު މިނިސްޓްރީ އަށް ވެސް އެންގިފައިވާ ކަމަށް ވެސް ސިއްހީ މަރުކަޒުން ބުނެއެވެ.