ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ކަނޑައަޅާފައިވާ ސިއްޚީ ކުއްލި ނުރައްކަލުގެ ހާލަތުގައި ޕެންޝަން އަށް އެދި ފޯމު ހުށަނޭޅި ދާ ދުވަސްތަކަށް ވެސް އަސާސީ ޕެންޝަނުންވާ ފައިސާ ދޭ ގޮތަށް ނިންމައި އަސާސީ ޕެންޝަން ދިނުމުގެ ގަވާއިދު އިސްލާހު ކޮށްފި އެެވެ.
އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަން ދިނުމުގެ ގަވާއިދު އިސްލާހުކޮށް މިއަދު ވަނީ ގެޒެޓް ކޮށްފަ އެވެ.
މި އިސްލާހުގައި ވާގޮތުން އާންމު ސިއްޚަތުގެ ކުއްލިނުރައްކަލުގެ ހާލަތު އިއުލާން ކުރި ދުވަސް ކަމަށްވާ މާޗް 12 އިން ފެށިގެން އެ ހާލަތު އުވައިލާ ފަހުން 30 ދުވަސްވަން ހަމަވާތާރީޚަށް އަސާސީ ޕެންޝަން ހައްގުވާ އުމުރު ފުރޭ ފަރާތްތަކުގެ ތެރެއިން އަސާސީ ޕެންޝަން ލިބުމަށް އެދި ފޯމް ހުށަހެޅިފައިނުވާ ފަރާތްތަކުން، އެ ހާލަތު އުވައިލާ ތާރީޚުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި އަސާސީ ޕެންޝަނަށް އެދި ފޯމް ހުށަހަޅައިފިނަމަ އެފަރާތަކަށް އަސާސީ ޕެންޝަން ހައްގުވާ އުމުރު ފެށުނު މަހުން ފެށިގެން އަސާސީ ޕެންޝަންގެ ފައިސާ ޖަމާކުރެވޭނެ އެވެ.
އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަން ދިނުމުގެ ގަވާއިދުގައި ކުރިން އޮތްގޮތުން އަސާސީ ޕެންޝަންނުގެ ފައިސާ ޖަމާކޮށްދޭނީ އަސާސީ ޕެންޝަނުގެ އުމުރު ހަމަވުމަށްފަހު ޕެންޝަނަށް އެދޭ ފޯމް ހުށަހެޅުމުންނެވެ.
އެ ގަވާއިދުގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުން ޕެންޝަނަށް އެދި ފޯމް ހުށަހަޅާއިރު އުމުރު ހަމަވެ ފާއިތުވާ މަސްތަކުގެ ތެރެއިން ޕެންޝަން ފައިސާ ޖަމާކޮށްދޭނީ އެއް އަހަރުގެ މުއްދަތަށެވެ. މިހާރު ގެނެސްފައިވާ އިސްލަހަކީ މި މާއްދާއަށް އިތުރުކުރި އިސްލާހެކެވެ.
އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަން ދިނުމުގެ ގަވާއިދުގައި ގެނައި އިސްލާހުގައި ވާގޮތުން މާޗް 12 އިން ފެށިގެން އިއުލާންކޮށްފައިވާ އާންމު ސިއްޚަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވައިލުމުން، މި މާއްދާގެ ދަށުން ޝަރުތު ހަމަވާ މުއްދަތުތައް ބަޔާންކޮށް ޕެންޝަން އޮފީހުން އާންމުކޮށް އިއުލާން ކުރަންވާނެ ކަމަށް ވެސް މި އިސްލާހުގައި ބުނެފައިވެ އެވެ.