ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ އަރިސްބޭފުޅަކު ކަމުގައިވާ ތަހްރީކޭ އިންސާފް ސިޔާސީ ޕާރޓީގެ ޗީފް އޮފް ސްޓާފް ޝާހްބާޒް ގިލް ހައްޔަރު ކޮށްފިއެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ ސިފައިން ލައްވާ ސިފައިންގެ އިސް ބޭފުޅުންނާ ދެކޮޅަށް އުދުވާން ރޭވުމުގެ ތުޙުމަތު ގައެވެ. އެހެންނަމަވެސް އެ ޕާރޓީންނާއި އަދި އިމްރާންގެ އަމިއްލަ ހައިސިއްޔަތުންވެސް ފުލުހުންގެ އެވާހަކަތައް ދޮގުކުރެއެވެ. އަދި ޝަހްބާޒް ހައްޔަރުކުރުން ކުށްވެރި ކުރިއެވެ.
އިމްރާންގެ ޕާރޓީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެއީ ހައްޔަރުކުރުމެއް ނޫންކަމަށާއި ވަގަށްނެގުމެއް ކަމުގައެވެ. އަދި އެއްވެސް ގައުމެއްގެ ޑިމޮކްރެސީގައި ސިޔާސީ ގޮތުން ވާދަވެރިން ވަގަށްނެގުން ކަހަލަ ލަދުވެތި ކަންތައް މިގޮތަށް ކުރޭތޯ ސުވާލުކޮށްފައި ވެއެވެ. އަދި މިއީ ބިދޭސީ ބާރަކާ ގުޅިގެން އުފައްދާފައިވާ ސަރުކާރެއްގެ ކުރިމަތީގައި އިސްދަށަށް ޖެއްސުމުގެ އަމަލެއް ކަމުގައެވެ.
ޝާހްބާޒު ހައްޔަރު ކުރެވިފައި މިވަނީ އެ ގައުމުގެ އޭ.އާރ.ވައި. ޗެނަލްގައި ގައުމުގެ ސިޔާސީ ވެށި އޮތް ގޮތުގެ މައްޗަށާއި އަދި ސިފައިންގެ ބްރިގޭޑިއަރުންގެ ފެންވަރުގައިވެސް ސިފައިންގެ އެންމެ މަތިން ކުރިއަސް ޣައިރު ގާނޫނީ އަމުރުތަކަށް ތަބާނުވުމަށް އެދި ވާހަކަ ދައްކާފައި ވަނިކޮށެވެ. އަދި އެވާހަކައިގާ ސިފައިންގެ ބްރިގޭޑިއަރ ލެވެލްގެ ބޭފުޅުންވެސް ތަހްރީކޭ އިންސާފު ޕާރޓީއަށް ތާއީދު ކުރައްވާކަމަށާއި އިދިކޮޅަށް ތިއްބެވީ ހަމައެކަނި ބައެއް ޖެނެރަލުން ކަމަށް ވެސް ވިދާޅުވިއެވެ.
އޭނާ މިގޮތަށް ވާހަކަދެއްކި ސަބަބެއް މިހާތަނަށް އަދި ސާފު ނުވެއެވެ. އޭނާގެ ވާހަކަތަކާގުޅިގެން ޕާކިސްތާނުގެ މިހާރުގެ ސަރުކާރުންވެސް ހައިރާންވުން ފާޅުކޮށްފައިވެއެވެ. އޭ. އާރ. ވައި ޗެނަލަކީ ޢާންމުގޮތެއްގައި އިމްރާން ޚާނަށް ތާއީދުކުރުމާއިއެކު ޕާކިސްތާނުގެ ބާރުގަދަ މިލިޓްރީއަށާއި މިހާރުގެ ސަރުކާރަށް ވަރަށް ގިނައިން ފާޑުކިޔަމުންގެންދާ ޗެނަލެކެވެ.
ޕާކިސްތާނުގެ މީޑިއާގެ ގާނޫނީ ބެލެނިވެރިޔާގެ އޮފީހުން މިހާރު ވަނީ އޭ. އާރ. ވައި. ޗެނަލްގެ ފޮނުވުންތައް ވަގުތީގޮތުން މެދުކަނޑާލުމަށާއި ރުޅިވެރިކަން އުފެދޭފަދަ ވާހަކަތައް ފެތުރި ސަބަބު ބަޔާންކޮށްދިނުމަށް އަންގާފައެވެ.
ޝާހްބާޒް ގިލް ހައްޔަރު ކުރެވިފައިވަނީ ސިފައިންނާއި ރައްޔިތުންވެސް ބޭނުންކޮށްގެން ޕާކިސްތާނުގެ އަސްކަރިއްޔާގެ އިސް ބޭފުޅުންނާދެކޮޅުވެރިވުމަށް ބާރުއަޅާ ވިސްނުންތަކެއް ފާޅުކޮށްފައިވާތީ އެއީ ބަޣާވަތްކުރުން ކަމުގައި ބަލާފައި ކަމަށް ޕާކިސްތާނުގެ ދާޚިލީ ވަޒީރު ރާނާ ސަނާއު ވިދާޅުވެފައިވެއެވެ. އަދި އިމްރާން ޚާން މަސައްކަތް ކުރައްވަމުންގެންދަވަނީ ސިފައިންގެ ތެރޭގައި ބައިބައިވުން އުފެއްދުމަށް ކަމުގައެވެ.
މިފަހަކަށް އައިސް ބޭއްވޭ ޕާރޓިގެ އެއްވުން ތަކުގައި ވާހަކަދައްކަވަމުން ވަރަށް ގިނަފަހަރު ސިފައިންގެ ވެރިޔާ ޖެނެރަލް ގަމަރް ޖާވީދު ބައިވާ އަށް އަމާޒުކުރައްވައި ވޯޝިންގްޓަނާ ގުޅިވަޑައިގެން އެނާގެ ސަރުކާރު ވައްޓާލުމުގައި ބައިވެރިވި ކަމަށް ވިދާޅުވެފައި ވެއެވެ. އެހެންނަމަވެސް އެމެރިކާއިންނާއި އަދި އަސްކަރިއްޔާވެސް މިކަން ދޮގުކުރެއެވެ.
މިއަދު ( ބުދަ ދުވަސް ) ގެ ވަގުތެއްގައި ޝާހްބާޒް ގިލް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރެވޭނެއެވެ. ބެލެވޭގޮތުގައި ކަފާލަތުގެ ދަށުން އޭނާމިނިވަންކުރަން އޭނާގެ ގާނޫނީ ވަކީލުން މަސައްކަތް ކުރާނެއެވެ. ޕާކިސްތާނުގެ ގާނޫނުގެ ދަށުން ޝާހްބާޒުގެ މައްސަލަ ސާބިތުކުރެވިއްޖެނަމަ މަރުގެ އަދަބު ދެވިދާނެއެވެ.
One Response
ހެޔޮލަފާ މީހުންގެ ފުރުސަތު ހަނިކޮށްގެންނޫނީ ނުބައި ނުލަފާ މީހުންގެ ފުރުސަތު ފުޅާނުކުރެވޭނެއެވެ. އަހަރެމެން މުސްލިމް ގައުމުތަކުގެ ރައްޔިތުންނަކީ ގައުމުތައް ހިންގަން ހަވާލުކުރެވޭ މީހުންގެ ކުރިމަތީގައި ރާޒުވާކުޅިބޯޑެއްގެ މަނާތަކެއް ފަދަ ބައެކެވެ.