ދުވާފަރު ޚިޔާނާތް: މައްސަލަ އޭސީސީއަށް

Loading

Facebook
Twitter
WhatsApp

 ރ. ދުވާފަރު ކައުންސިލްގެ މެމްބަރުންނާއި އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ މެމްބަރުން ހިންގި ކަމަށް އެލްޖީއޭއިން ހާމަކޮށްފައިވާ ބޮޑު ހިޔާނާތުގެ މައްސަލަ އޭސީއަށް ހުށަހަޅައިފިއެވެ.

އެ ހިޔާނާތުގެ މައްސަލަ އޭސީސީއަށް ހުށަހެޅީ ކައުންސިލްގެ ބެލެނިވެރި ފަރާތް އެލްޖީއޭއިންނެވެ.

އެލްޖީއޭއިން ތުހުމަތުކުރާގޮތުގައި ދުވާފަރު ކައުންސިލުގެ ބައެއް މެންބަރުންނާއި އެ އިދާރާގެ ބައެއް މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް ވާނުވާ ނޭނގޭ ގޮތަށް އެ ކައުންސިލުގެ ބަޖެޓުން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ޖަމާކޮށްފައެވެ.

މި މައްސަލައާއި ގުޅިގެން އޭސީސީން ބުނީ މައްސަލަ ދިރާސާކުރަމުން އަންނަ ކަމަށެވެ.

އެލްޖީއޭއިން ބުނެފައިވަނީ ދުވާފަރުކައުންސިލުން އަމަލުކުރަމުން އަންނަނީ  ލާމަރުކަޒީ ގާނޫނާއި، އެގާނޫނުގެ ދަށުން އެލްޖީއޭއިން އާންމުކޮށްފައިވާ އުސޫލުތަކާއި މާލިއްޔަތު ގާނޫނާއި، މާލިއްޔަތު ގަވާއިދާއި އަދިވެސް އެހެނިހެން ކަންކަމާ ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ނޫންކަމަށެވެ.

އެގޮތުން ކައުންސިލަރުންގެ ޒިންމާތަކާއި، ވާޖިބުތައް އަދާކުރުމުގައި، ފަރުވާ ކުޑަކުރާ ކަމަށާއި، ކައުންސިލުން ބަލަހައްޓަންޖެހޭ އެއްވެސް ލިޔެކިޔުމެއް ގާނޫނުތަކާއި، ގަވާއިދުތަކާ އެއްގޮތަށް ބަލަހައްޓަމުން ނުގެންދާކަމަށް ވެސް އެލްޖީއޭއިން ބުނެއެވެ.

މީގެ އިތުރުން ދައުލަތުގެ މާލިއްޔަތު ގަވާއިދާ ޚިލާފަށް ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނާއި ކައުންސިލް އިދާރާގެ މުވައްޒަފުންގެ އަމިއްލަ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރުމާއި، ނަގުދު ފައިސާ އިން އެއްވެސް ހުއްދައެއް އަދި ލިޔެކިޔުމެއް ނެތި މުވައްޒަފުންނަށް ގިނަ އަދަދެއްގެ ފައިސާ ހަވާލުކޮށްފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އެންމެ ގިނަ ފައިސާ ލިބުނު ކަމަށް އެ ރިޕޯޓުން ދައްކަނީ ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު އަލިފުޅަށެވެ. ލިޔެކިޔުމުން މާ ގިނަ ތަފްސީލެއް ފެންނަން ނެތަސް ޖުމުލަ 711،617ރ. އޭނާގެ އެކައުންޓަށް ޖަމާވެފައިވާ ކަމަށް ރިޕޯޓުން ދައްކަ އެވެ.

ކައުންސިލް މެމްބަރު މުހައްމަދު ޝާމަށް 447،837ރ. އާއި ކައުންސިލްގެ ނައިބު ރައީސް އިޒްމީލް އަހުމަދަށް ވެސް 252،048ރ. ލިބިފައިވާކަން ރިޕޯޓުން އެނގެ އެވެ. އަދި ކައުންސިލް މެމްބަރު މުހައްމަދު ޒުހުދާ އާދަމަށް 181،666ރ. އާއި ކައުންސިލް މެމްބަރު މުހައްމަދު ނާސިހަށް ވެސް 165،200ރ. ޖަމާވެފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެ އެވެ.

ލައްކަ އަށް ވުރެ ގިނަ ރުފިޔާ އަމިއްލަ އެކައުންޓަށް ދެން ޖަމާވެފައި ވަނީ ކައުންސިލް މެމްބަރު އަހުމަދު ސަމޫހް އާއި އައިމިނަތު ސަލާހަށެވެ. ބައެއް ކޮންޓްރެކްޓް މުވައްޒަފުންނާއި ސަޕޯޓް ސްޓާފް އަދި އެހެން މީހުންނަށް ވެސް ގިނަ ތަފުސީލެއް ނެތި ވަނީ ފައިސާ ޖަމާކޮށްފަ އެވެ.

އެލްޖީއޭގެ ރިޕޯޓުގައިވާ ގޮތުން ކައުންސިލުން މުދަލުގެ ޒަކާތުގެ ގޮތުގައި ދިނުމަށް ބޭނުންވާ 318،600ރ. ވެސް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު އަލިފުޅުގެ އަމިއްލަ އެކައުންޓަށް ވަނީ ޖަމާކޮށްފަ އެވެ.

ފިތުރު ޒަކާތަށް ބަހަން ބޭނުންވާ 54،000ރ. ވެސް ކައުންސިލް މެމްބަރު ޒުހުދާ އާދަމްއާ ނަގުދު ފައިސާގެ ގޮތުގައި ހަވާލު ކޮށްފައިވާ ކަމަށާއި އެ ފައިސާ ލިބެންވީ މީހުންނަށް ލިބިފައިވާ ކަމެއް އެއްވެސް ލިޔުމަކުން ކަށަވަރު ނުކުރެވޭ ކަމަށް އެ ރިޕޯޓުގައި ބުނެ އެވެ.

މި ރިޕޯޓާއި ގުޅިގެން ދުވާފަރު ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ބަޔާނެއް ނެރެފައެވެ. އެ  ބަޔާނުގައި ބުނެފައިވަނި އެލްޖީއޭއިން ނެރުނު  ރިޕޯޓުގައި ބައެއް ކަންކަން ހާމަކޮށްފައިވަނީ ހަގީގަތް އޮޅޭ ގޮތަށެވެ.

އަދި އެލްޖީއޭގެ ރިޕޯޓަށް ކައުންސިލުން ޖަވާބުދިނުމަށް ފުރުސަތު ދިނުމަށްފަހު، އެކަމަށް ޖަވާބު ނުދެވެނީސް ރިޕޯޓު އާއްމުކުރުމަކީ ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށް ދުވާފަރު ކައުންސިލްގެ ބަޔާނުގައި ބުނެފައިވެއެވެ.

Loading

2 Responses

  1. މިއީ ލާމަރުކަޒީ ވުމުގެ ފޮނި މޭވާއަކީ. އަދި އަތޮޅުގެ ރަށްތަކާއި ގިރިފަޅު ލާމަރުކަޒީ ވެއްޖެއްޔާ ދިވެހިރާއްޖޭގެ ޗާޓުވެސް ޖެހޭނީ އަލުން ކުރަހަން. އަމިއްލަ މީހުންގެ މިލްކު ރަށްތަކާއި ގިރިފަޅު ރައްޔިތުންގެ މިލްކިއްޔާތަށްވުރެން މާގިނަވާނެ. ލާމަރުކަޒީއޭ މިކިޔާ ރަންނަމާރި ކަނޑުފައްތާދޭނެ ބޭކަލަކު މަޣްރިބުކަރައިން ލިބޭތޯ ބަލަންވެއްޖެއްނު.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް