ރައީސް ބައިޑަންގެ ސަޢޫދީ ދަތުރުފުޅަށް އަވަސް ކަޅިއެއް 

Loading

July 14, 2022
profile
Facebook
Twitter
WhatsApp

އެމެރިކާގެ ރައީސް ބައިޑެން މިއަންނަ ހުކުރުދުވަހު ސަޢޫދީ އެރޭބިއާ އަށް ކުރަށްވާ ދަތުރުފުޅަކީ ސިޔާސީގޮތުން ހުރަސްތަކެއް ހުރި އަދި ވަރަށްކަށިގިނަ ލޮޖިސްޓިކް  ސުވާލުތަކަކަށް ފުރުސަތު ހުޅުވިގެންދާނެދަތުރެކެވެ. މީގެ ތެރެއިން އެއް ސުވާލަކީ ރައީސް ބައިޑެން ސަޢޫދީ ޢަރަބިއާގެ ވަލީއަޙްދު މުޙައްމަދާ ބައްދަލުކޮށް ސަލާން ކުރައްވަން ޖެހޭނެ ހެއްޔެވެ؟ 

އެމެރިކާގެ ރައީސުން ގައުމުތަކަށް ވަޑައިގަތުމަކީ އާދައިގެ ކަމެއް ނޫނެވެ. އިށީނުމުގެ އިންތިޒާމް ތަކާއި ކެމެރާތައް ބަހައްޓަންޖެހޭ ތަންތަނާއި ކޮޓަރިކޮޅަށް ވަޑައިގަތުމަށް ހިންގަވާނެ ގޮތްވެސް އެތައް ހަފްތާއެއްގެ ކުރިން ހުންނަންޖެހެނީ އިންތިޒާމް ކުރެވިފައެވެ. 2018 ވަނައަހަރު ވޯޝިންގްޓަން ޕޯސްޓުގެ ޖާނަލިސްޓް ޖަމާލް ޚަޝޯގީ މަރާލި މައްސަލައަށް އިޝާރާތް ކުރައްވައި ސައޫދީ އެރޭބިޔާގެ ސަރުކާރަކީ ޕަރާޔާ ( އިންސާނުންގެ ތެރޭން އެންދަށް ނަސްލު ކަމަށްބުނެ މަލާމާތް ކުރުމުގެ ގޮތުން ބުނެއުޅޭ ބަހެއް) އެއްކަމަށް ރައީސް ބައިޑަން ވަނީ ވިދާޅުވެފައެވެ. އަދި ވަލީ އަޙުދު މުޙައްމަދާއި ޚަޝޯގީ މަރާލުމާ ގުޅުންހުރި ކަމަށް އެމެރިކާގެ އިންޓެލިޖެންސުން ގަބޫލުކުރާތީ ވަލީ އަޙްދު މުޙައްމަދާ ބައްދަލުކުރަން ރައީސް ބައިޑަން ބޭނުމެއްނުވާކަމަށް ވިދާޅުވެފައިވެއެވެ.

އެހެންނަމަވެސް ތަޖްރިބާކާރުން ބުނާގޮތުގައި ރައީސް ބައިޑަން ވަލީ އަޙުދު މުޙައްމަދު އާއި އެކު އެންމެ ކުޑަމިނުން ސަލާންކުރުން ނުވަތަ ފޮޓޯއެއް ނެގުމަކީ ވަރަށް ބޭނުންތެރި އަދި އެކަމުގައި އެހެންގޮތެއްވެސް ނެތްކުރަންޖެހޭ ކަމެއް ކަމުގައި ވައިޓް ހައުސް އިން މިހާރު ގަބޫލުކުރެއެވެ.ސަބަބަކީ ތެލުގެ މުއްސަނދިކަން ލިބިފައިވާ އެ ގައުމުގައި ކުރިއަށް އޮތް އެތައް އަހަރަކަށް ވެރިކަންކުރާނީ ވަލީ އަޙުދު މުޙައްމަދު ކަމުގައި ވާތީއެވެ.

ޚާރިޖީ ވުޒާރާގައި ކުރިން މަތީ މަގާމެއް އަދާކުރި ޖޮން ބީ. އޯލްޓްމަން ލަފާކުރާގޮތުގައި ވައިޓްޙައުސް އިން އުންމީދުކުރަނީ އެމެރިކާ އާއި ސަޢޫދީގެ ރަސްމީ ބައްދަލުވުމުގެ ކޮޓަރިކޮޅުގެތެރޭން ކޮންމެވެސް ފުރުސަތެއް ގައި ވަލީ އަޙުދު މުޙައްމަދު ރައީސް ބައިޑެން އަށް ސަލާންކުރަން އަތްދިއްކޮށްލާނެ ކަމުގައެވެ. މިކަހަލަ ގޮތަކަށް ކަންތައް މެދުވެރި ވެއްޖެނަމަ ތެޔޮ ހޯދުމުގެ ބޭނުމުގައި ވިޔަސް ރިޕަބްލިކުންނާއި އަދި ޑިމޮކްރެޓުންގެ ފަރާތުންވެސް ބޮޑެތި ފާޑުކިއުންތަކާ ރައީސް ބައިޑަން ކުރިމަތިލާން ޖެހޭނެއެވެ. ޑިމޮކްރެޓުން ދެކޭގޮތުގައި އިންސާނީ ޙައްގުތަކުގެ މައްސަލާގައިވެސް ރައީސް ބައިޑަން  ވަލީ އަޙުދު މުޙައްމަދާ ބައްދަލުކުރުން މިހާރު ބާއްވައިގެން ނުވާނެއެވެ.

ރައީސް ބައިޑަންއަށް ޖިއްދާ އެއަރޕޯރޓުން މަރޙަބާ ކިޔަން ވަޑައިގަންނަވާނީ ބަލިވެ އުޅުއްވާ ރަސްގެފާނުތޯ ނުވަތަ ވަލީ އަޙުދު މުޙައްމަދު (އެމް.ބީ.އެސް) ތޯ ވެސް ސުވާލު އުފައްދައެވެ. އަދި ރަސްމީ ފަރީއްކޮޅެއްވެސް އޮންނާނެކަން ނުވަތަ ނޯންނާނެކަންވެސް ސައޫދީން މިހާތަނަށް ކަށަވަރުކޮށް ދީފައެއް ނުވެއެވެ. އަދި ވައިޓްހައުސްއިންވެސް މިކަމާގުޅިގެން ބަހެއް ނުލިބެއެވެ. އެހެންނަމަވެސް މިދިޔަ ހޮނިހިރު ދުވަހު ވޯޝި ންގްޓަން ޕޯސްޓުގެ އޮޕީނިއަނަކަށް ރައީސް ބައިޑަން ލިއުއްވާފައިވަނީ  “ އަހަރެން ސަޢޫދީ އެރޭބިޔާއަށް ކުރަންމިއުޅޭ ދަތުރާމެދު ނުރުހޭ އެތައްބަޔަކު އެބަތިބިކަން އެނގެއެވެ. 

އިންސާނީ ޙައްގުތަކާ ބެހޭގޮތުން އަހަރެންގެ ޒަމީރު ވަރަށް ސާފެވެ. އަދި އިންސާނުންގެ ހަމަހަމަ ކަމަށް ވަކާލާތުކުރުމަކީ އަހަރެން ކުރާ ކޮންމެދަތުރެއްގައިވެސް މައިގަނޑު އަސާސެވެ. އަދި ރައީސްގެ ވަޒީފާއަކީ އެމެރިކާއަކީ ބާރުގަދަ، ރައްކާތެރި ގައުމެއްގެ ގޮތުގައި ބޭއްވުމާއި ޗައިނާއަށްވުރެން ކުރިއަރާފައި އޮތުމާއި ރަޝިޔާގެ ކޮންމެ އުދުވާނަކަށް ރައްދު ދިނުމުގެ ގާބިލްކަން ލިބިފައި އޮތުމާއި ދުނިޔޭގައި ސުލްޙައާއި އަމާންކަން ގާއިމްކުރުން ކަމުގައި ލިއުއްވާފައި ވެއެވެ.

މިކަންތައް ފުރިހަމަކުރުމުގައި ނަތީޖާނެރެވިދާނެ ކޮންމެ ގައުމަކާއެކު އަހަރެމެން ގުޅުން ބާއްވަން ޖެހޭނެއެވެ. ސަޢޫދީ އެރޭބިޔާއަކީ އޭގެ ތެރެއިން އެއް ގައުމެވެ. އަދި މިއަންނަ ހުކުރު ދުވަހު ސައޫދީގެ ރަސްމީ ފަރާތްތަކާ ބައްދަލުކުރާއިރު މައިގަނޑު މަގްސަދަކަށް ވާނީ ދެފަރާތުން ޝައުގުވެރިވާ ކަންތަކާއި ޒިންމާތަކަށް އިސްކަންދީގެން އެމެރިކާގެ އުސޫލުތަކާއި އެއްގޮތަށް ދެގައުމުގެ އެއްބައިވަންތަކަން އިތުރަށް ހަރުދަނާކުރުމެވެ.                                                      

ވައިޓްހައުސްގެ ސެކިއުރިޓީ ކައުންސިލުން ބުނާގޮތުގައި ދެގައުމުގެ މެދުގައިދެކެވޭ ވާހަކަ ތަކުގައި ސަޢޫދީ ރަސްގެފާނާއި އަދި ވަލީ އަޙުދާއެކު ބައިޑަން ވެސް ބައިވެރިވާނެއެވެ. އަދި ގަލްފުގެ ބައެއް އެހެންވެރިންނާއެކުވެސް ބައިޑަން ބައްދަލުކުރާ ގޮތަށްވެސް ގެންދަނީ މަގުކޮށަމުންނެވެ. ދެގައުމުގެ ރަސްމީ ވާހަކަތަކަށްފަހު އާންމުގޮތެއްގައި ނޫސްވެރިންނާއެކު ބަސްދީގަތުމެއް ބޭއްވެއެވެ. ނަމަވެސް މިކަން މިފަހަރުއަދި ކަށަވަރުވާގޮތެއް ނުވެއެވެ.

ސަރަހައްދީ ސިޔާސަތާއި ތެލުގެ ސަބަބުން ސައޫދީ އެރޭބިޔާއާއަކީ އެމެރިކާގެ ވަރަށް ޚާއްސަ ބައިވެރިއެއްކަން ޝުކުރުވެރި ކަމާއިއެކު ފާހަގަ ކުރެވެއެވެ. އަދި ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން ސަޢޫދީގެ ވެރިންނާއި އެމެރިކާގެ ރައީސުން އެތައްފަހަރަކު ބައްދަލު ކުރައްވައި ކާމިޔާބު އެތައް ނިންމުން ތަކެއް ވަނީ ނިންމަވާފައެވެ. ހަމައެއާއެކު ބައެއް ނުރަނގަޅު ކަންތަކަށް ވެސް މަގުފަހިކުރެވިގެން ގޮސްފައިވެއެވެ.                          

2005 ވަނައަހަރު ސައޫދީ ރަސްގެފާނު ޢަބްދުﷲ އާއިއެކު ރައީސް ޖޯރޖްޑަބްލިޔޫ ބުޝް އަތާއަތް ޖޯޑުކޮށް ސަލާން ކުރުމުންވެސް ބައެއް އެމެރިކާނުންގެ ނުރުހުން ބުޝްއަށް އަމާޒުވެގެން ދިޔައެވެ. އަދި 2009 ގައި ރައީސް އޮބާމާ ސަޢޫދީ ރަސްގެފާނަށް ސަލާން ކުރިވަގުތު އިސްދަށަށް ޖަހާލުމުންވެސް ބަލިބަލި ރަސްކަލެއްގެ ކުރިމަތީގައި ނިކަމެތިވެގަތީކަމަށް ބުނެ ބޮޑެތި ފާޑުކިއުންތަކެއް ރިޕަބްލިކަނުންގެ ފަރާތުން އޮބާމާއަށް އަމާޒުވެގެން ދިޔައެވެ. އަދި 2017 ގައި ވަލީއަޙުދު މުޙައްމަދާއިއެކު ރައީސް ޓްރަމްޕް ސަލާން ކުރައްވިރު އިސްދަށަށް ޖައްސަވާލައްވައި މުޙައްމަދުގެ އަތްޕުޅުން ސިވިލިއަން މެޑެލެއް ގަބޫލު ކުރެއްވީތީ ޑިމޮކްރެޓުންގެ ފާޑުކިއުންތަކާ ޓްރަމްޕްވެސް ކުރިމަތި ލާންޖެހުނެވެ.                                                              

މިއަންނަ ހުކުރުދުވަހު ސީދާ ފްލައިޓަކުން އިސްރާއީލުން ޖިއްދާއަށް ދަތުރުކުރާ ބައިޑަން އަކީ އެގޮތަށް ދަތުރެއް ކުރައްވާ ފުރަތަމަ އެމެރިކާގެ ރައީސްކަމުގައި ވެގެންދާނެއެވެ. އަދި މިއީ ސަޢޫދީ އާއި އެކު އިސްރާއީލުން އެއްބައިވަންތަކަން ގާއިމް ކުރުމަށްޓަކައި ކުރިއަށް އެޅޭ ފިޔަވަޅެއް ކަމަށްވެސް ބައިޑަންގެ ލިއުއްވުމުގައި ވެއެވެ.   

ވަލީ އަޙުދު މުޙައްމަދު އާއިމެދު ރައީސް ބައިޑަންއަށް އޮޅުމެއް އުޅެނީތޯ ދި އެޓްލާންޓިކްގެ ފަރާތުން މިދިޔަ މާރޗްމަހު ސުވާލު ދެންނެވުމުން ވަލީއަޙުދު މުޙައްމަދު ވިދާޅުވި ކަމަށްވަނީ އެއީ އަހަންނާ ބެހޭ ކަމެއްނޫން ކަމުގައެވެ.                                                  

Loading

One Response

  1. އެމެރިކާގެ އަމަލާ ބަހުރުވަވެސް މިހުންނަގޮތެއްދޯ. ރަސްމީ ބައްދަލުވުން އޮންނަ ކޮޓަރިކޮޅުގައި ބައިޑަން އަށް ސަލާންކުރަން މުޙަންދު އަތްދިއްކޮށްލާނެ ކަމަށް ބެލެވެޔޯ. އަހަރެމެން ކާ ގަޑީގައި މީހަކު ގެއަށް އަތުވެއްޖެއްޔާ ކާން އަންނާށޭވެސް ބުނާނަން. ވަށިގަނޑު ހިފައިގެން ސަލާންޖަހަން މިއަންނަނީ ދޭތެރެޖައްސައިގެންވެސް ތެޔޮކޮޅެއްލިބޭތޯ..

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް