އިންޑިއާއިން ހިފައި އަޅުވެތިކޮށްފައިވާ ކަޝްމީރުގެ ސްރީނަގަރުގެ ސަރަހައްދަކަށް ސިފައިންގެ ”ޗީތާ“ މަރުކާގެ ހެލިކޮޕްޓަރެއް ހުކުރު ދުވަހު ވެއްޓި ހަލާކުވެއްޖެއެވެ. އަދި އެއިން ދަތުރުކުރި ދެމީހުންގެ ތެރެއިން އެކަކު މަރުވެ އަނެއްމީހާ ވަނީ ވަރަށް ބޮޑަށް ޒަޚަމްވެފައެވެ.
ސިފައިންގެ ޓީމަކުން ވަނީ މަރުވި ޕައިލެޓާއި ޒަޚަމްވި މީހާ ހޮސްޕިޓަލަކަށް ގެންގޮސްފައެވެ. ޒަޚަމްވެފައިވާ މީހާއަށް ވެސް ވަނީ ވަރަށް ބޮޑަށް ހާނީއްކަ ވެފައެވެ. ހޮސްޕިޓަލަށް ގެންދެވުމާއެކު އޭނާއަށް ވަނީ ވަގުތުން އައިސީޔޫގައި ފަރުވާދޭން ފަށާފައެވެ. ހެލިކޮޕްޓަރ ވެއްޓުނީ ގޯރޭޒު އަވަށަށެވެ.
އިންޑިއާގެ ދިފާއީ ވުޒާރާއިން ބުނި ގޮތުގައި ހެލިކޮޕްޓަރ ވެއްޓެން ދިމާވީ ކޮން ސަބަބަކާ ހެދިތޯ ބެލުމެއް ޚާއްޞަ ތަހުގީގެއް ކުރަން ވަނީ ފަށާފައެވެ. އެކަން ކުރަމުން ދަނީ އެކަމަށްޓަކައި އެކުލަވާލި ޚާއްޞަ ޓީމަކުންނެވެ.
މިދިޔަ އަހަރު އިންޑިއާގައި ހިނގި ހެލިކޮޕްޓަރެއް ވެއްޓުމުގެ ނުރައްކާތެރި ހާދިސާގައި އެއްގަމު ސިފައިންގެ ވެރިޔާ ވަނީ އަވަހާރަވެފައެވެ.
އިންޑިއާ އަކީ ވައިގެ ނުރައްކާތެރި ހާދިސާތައް ގިނަގިނަން ހިނގާ ގައުމެކެވެ.
އިންޑިއާގެ ވައިގެ ސިފައިންގެ އިސް މަގާމުތަކެއް އަދާކުރައްވާފައިވާ ބޭފުޅަކު ވިދާޅުވިގޮތުގައި އިންޑިއާގައި ބޭނުންކުރާ ވައިގެ އުޅަނދު ތަކަކީ ވަރަށް ގިނަ ދުވަސްވެފައިވާ، މަރާމާތުކޮށްގެން ވެސް ބޭނުން ކުރަން ރައްކާތެރި ތަކެއްޗެއް ނޫނެވެ.
ދިވެހިރާއްޖޭގައި ވެސް އިންޑިއާއިން ”ހަދިޔާ“ ކޮށްފައިވާ ދެ ހެލިކޮޕްޓަރ ބޭނުންކުރަމުން ގެންދެއެވެ.