ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓުތައް ސަރަހައްދުގެ މަގުތަކުގެ ތާރު އެޅުމުގެ މަސައްކަތް ނިންމައި އާންމުން ބޭނުންކުރަން ހުޅުވައިލައިފިއެވެ.
ހިޔާ ފްލެޓް ސަރަހައްދުގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ މެދު ތެރޭގައެވެ. އަދި ނޮވެމްބަރު މަހު އެ މަސައްކަތް އެއްކޮށް ނިންމާލުމަށް އޭރު އަމާޒުހިފި ނަމަވެސް މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައިވަނީ ކޮވިޑް-19 އާ ގުޅިގެން ކަމަށް އެ ކުންފުނިން ކުރިން ބުނެފައިވެ އެވެ.
އެޗްޑީސީން ބުނީ ހިޔާ ފްލެޓް ސަރަހައްދުގެ ހުރިހާ މަގުތައް ހަދައި މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިއަދުން ފެށިގެން އާންމުންނަށް މަގުތައް ބޭނުން ކުރެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ.
އެޗްޑީސީން އިތުރަށް ބުނީ އެ ކޯޕަރޭޝަންގެ އަމާޒަކީ މި މަސް ނިމުމުގެ ކުރިން ހިޔާ ފްލެޓު ސަރަހައްދުން ޒަރޫރީ ބޭނުންތައް ފުއްދޭނެ އިންތިޒާމް ހަމަޖެއްސުން ކަމަށެވެ.
ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެ ސަރަހައްދުގައި އުޅޭ މީހުންނަށް އެކަށީގެންވާ އާންމު ހިދުމަތްތަކެއް ފޯރުކޮށްދޭނެ ފިހާރަތައް އެ ސަރަހައްދުގައި ނެތުމުގެ ކަންބޮޑުވުމެވެ.
އެ ސަރަހައްދުގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ކުރަމުން އައި އިންޑިއާގެ އެއް ލީޑިން އެކްސްޕޯޓް ކުންފުނި ކަމަށްވާ މޯހަން މުތާއިންނެވެ.