ގޯތި ގެދޮރަކީ ބޯހިޔާވަހިކަން ނެތް އެންމެންނަށް ހައްގުވާ އެއްޗެކެވެ.

Loading

Facebook
Twitter
WhatsApp

ގޯތި ގެދޮރަކީ ސަރުކާރުގެ މުވައްޒަފަކަށް ވީތީ ޓީޗަރަކަށް ވީތީ ޑިރެކްޓަރަކަށް ވީތީ، ނުވަތަ އަލަތުކައިވެނި ކުރީތީ ހައްގުވާއެއްޗެއް ނޫނެވެ. ގޯތި ގެދޮރަކީ ބޯހިޔާ ވަހިކަން ނެތް ކޮންމެ ރައްޔިތަކަށް ލިބެންޖެހޭ އަސާސީ ހައްގެކެވެ. ގޯތި ގެދޮރު ދިނުމަށް އޮތް ހަމައެކަނި ޝަރުޠަކީ ބޯހިޔާ ވަހިކަން ނެތުމެވެ.

އަމިއްލަ ބޯހިޔާ ވަހިކަން ނުލިބި ބޮޑުކުލި ދީގެން ދިރިއުޅޭ ރައްޔިތުމީހާ ތަޙައްމަލް ކުރަމުން އެދާ ހިތްދަތިކަމާއި ނިކަމެތިކަން އިހުސާސް ކުރެވޭނީ ހަމައެކަނި އެމީހާއަށެވެ. ގެދޮރުގެ ތަނަވަސްކަން ހުރި މީހަކަށް ބޯހިޔާ ވަހިކަމެއްނެތް މީހާ ތަޙައްމަލް ކުރާ އެހިތާމަވެރި ދިރިއުޅުން އިހުސާސެއް ނުކުރެވޭނެއެވެ.

ރާއްޖެތެރޭގެ ދެމަފިރިއަކު އެ ދެމަފިރީންގެ ފުރަތަމަ ދެ ދަރީންނަށް ރަށުން ތަޢުލީމު ލިބެން ނެތިގެން އެ ދެކުދީންނަށް ކިޔަވައި ދިނުމަށް ޓަކައި މާލެއަށް އަންނަން މަޖުބޫރު ވިއެވެ. މާލެ އައިސްގެން މެނުވީ ރަނގަޅު ތަޢުލީމެއް ލިބޭނެ އެހެން ދެވަނަ ގޮތެއް ނެތެވެ. އެހެންކަމާއެކު އެ ދެމަފިރިން މާލެ އައިސް ފިރިމީހާ މާލޭގައި ވަޒީފާ އަދާ ކުރަން ފަށައިފިއެވެ. އޭރު ގެއެއްގެ ކުއްޔަކީ 30 ރުފިޔާއެވެ. ފިރިމީހާއަށް ލިބޭ މުސާރައިގެ މިންވަރަކީ 150 ރުފިޔާއެވެ ދެ ކުދިން ސްކޫލަށް ލައި ކިޔަވައިދެމުން ދަނިކޮށް 3 ވަނަ ދަރިފުޅަކަށް އަނބިމީހާ ބަލިވެ އިނދެއްޖެއެވެ. މިހެން ގޮސް 4 އަންހެން ދަރީންނާއި 6 ފިރިހެން ކުދިން މި ދެމަފިރީންނަށް ލިބުނެވެ. ރަށަށް ދެވޭނެ ގޮތެއް ނެތެވެ. ދަރީންނަށް ކިޔަވައި ދެވެން އޮތީ މާލެއިންނެވެ. އަނެއްކޮޚުން ރަށުގައި ހުރި އަމިއްލަ ގެދޮރު ވީރާނާވެ ގޯތި ވެސް އެހެންފަރާތަކަށް ދީފިއެވެ. ކޮންމެގޮތަކަށް ވެސް މާލޭގައި އުޅެން މަޖުބޫރެވެ. އޭރަކު ދިވެހި ރައްޔިތެއްކަން އަންގައިދޭ ލިއުމެއް ނުއޮވެއެވެ. އެހެނަސް ޒަމާންތަކަކަށްފަހު ދިވެހި ރައްޔިތެއްކަން އަންގައިދޭ ލިއުމެއް ހެއްދުމަށް ސަރުކާރުން އިޢުލާނު ކޮށްފިއެވެ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހަދަން ޖެހުނު އިރު ރަޖިސްޓަރީ ވާނެ އެއްވެސް ގެދޮރެއް ނެތެވެ. އެހެންކަމުން މިފަދަ މީހުނަށް ސަރުކާރުން ހެއްދެވި ދަފުތަރުގައި 10 ކުދީންނާއި ދެމަފިރިން ރަޖިސްޓްރީ ކުރެވުނެވެ.

މިދެންނެވި 10 ކުދީން ގޮވައިގެން ގޭގެއަށް ކުލިދީގެން އުޅޭތާ 40 ހަކަށް އަހަރުވީއިރު ސަރުކާރުން އެ އާއިލާއަށް ބޯހިޔާވަހިކަމެއް ނުދެއްވިއެވެ. ގެދޮރުގެ ކުލި އައީ ބޮޑުވަމުންނެވެ. ފިރިމީހާއަށް ލިބޭ އުޖޫރައިން ދެކޮޅެއް ނުޖެހެއެވެ. މިހާތަނަށް އާދެވުނު އިރު ދޮށީ ދެކުދިން ކިޔަވައި ނިމިގެން ވަޒީފާއަށް ދާން ފަށައިފިއެވެ. ހުރިހާ ކުދިންގެ މަންމަ ވެސް ސްކޫލެއްގެ މަސައްކަތު މީހެއްގެ ވަޒީފާއަށް ނުކުތެވެ. ދެމަފިރިންގެ ތެރެއިން ފިރިމީހާ ނިޔާވި އިރު 10 ދަރީންނާއެކު މަންމައުޅެނީ 9000 ރުފިޔާގެ ކުއްޔަށް 3 ކޮޓަރީގެ އެޕާޓް މެންޓެއްގައެވެ. އަންހެން 4 ކުދީންގެ ތެރެއިން ދޮށީ ދަރުފުޅު ބޭރު ގައުމެއްގެ މީހަކާ ކައިވެނި ކުރުމަށްފަހު ރާއްޖެ ދޫކޮށް ފިރިމީހާއެކު އެނާގެ ގައުމަށް ދިޔައެވެ.

ދެންތިބި 9 ކުދީންނާއި މަންމަ މިދެންނެވި އެޕާޓްމެންޓްގައި އުޅެމުންދަނިކޮށް ދޮށީ ދެ ފިރިހެން ކުދީންނަށް ފުލެޓް ލިބުނެވެ. އަލްޙަމްދުލިއްލާހިއެވެ! ކޮންމެއަކަސް އާއިލާ ދެ ފުލެޓްގައި ދިރިއުޅެން ފެށިތާ ދެތިންއަހަރު ވީތަނާ ހުރިހާކުދީންގެ މަންމަ ދުނިޔެ ދޫކޮށް އާޚިރަތުގެ ގޯއްޗަށް ދަތުރު ކޮށްފިއެވެ.

މިދެންނެވި 9 ދަރީންގެ ތެރެއުން 7 ދަރީން އުފަންވީ މާލެއަށެވެ. އެހެނަސް މާލޭގެ ރައްޔިތުންނަށް ޙައްގުވާ އެއްވެސް ބިމުގެ ވަސީލަތެއް މިކުދީންނަށް ޙައްގުވާ ކަމަކަށް، ސަރުކާރުން ދެކެވަޑައި ނުގަންނަވައެވެ. މިއީ ވެސް އިންޞާފު ތޯއެވެ؟ މާލޭ މީހުންނަކީ ކޮބައި ހެއްޔެވެ؟ ހަތަރު މަތިފުށް މާލޭގެ 30 ހާސް މީހުނެއް މާލޭސަރަހައްދުގައި ނުއުޅޭ އިރު ބިންލިބޭ މީހުންގެ ލިސްޓަށް އެއަރަނީ ކޮންގޮތަކުން މާލޭމީހުނަށް ބަދަލުވާ ބައެއްތޯ ވެސް ސުވާލު އުފެދޭނޫން ތޯއެވެ؟

ކޮންމެ ގޮތެއްވިޔަސް ދަފުތަރަށް ނިސްބަތްވާ ކޮންމެ ފަރުދަނީ މާލޭގެ ރައްޔިތެކެވެ. އެއީ ބޯހިޔާވަހިކަން ނެތްމީހުންނެވެ. ދަފްތަރުގެ ރަޖިސްޓަރީގައި ބޯހިޔާވަހިކަން ހުރި އެކަކުވެސް ހިމެނިފައެއް ނުވާނެއެވެ. މި ކެޓަގަރީގެ މީހުންނަށް ޝަރުޠަކާ ނުލައި މާލޭގެ ސަރަހައްދުން ބިން ދިނުމަކީ ދައުލަތުގެ މައްޗަށް ވާޖިބެކެވެ. މި އެންމެންނަކީ ބޯހިޔާވަހިކަމުން މަޙުރޫމް ވެފައިވާ މީހުނަށް ވީއިރު މިއަށްވުރެ ބޮޑަށް ބިން ހައްގުވާނެ އެހެން ބަޔަކު ނުއުޅޭނެއެވެ. މިއެންމެންގެ މައްޗަށް އިޙުސާންތެރިކަމާއެކު އިޚުލާޞްތެރިކަމުގެ ލޮލަކުން ބެއްލެވުމަކީ އިންސާފު ކަމުގައި ދެކެމެވެ.

 

 

 

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް