ކޯވިޑްގެ ޢާލަމީ މުޞީބާތާ ވިދިގެން ގިނަ ބައެއްގެ ވަޒީފާ ގެއްލި ރައްޔިތުންގެ މާލީ ޙާލަތު ވަނީ ނުހަނު ދަށަށް ގޮސްފައެވެ. މިހެން ދިމާވުމުން އަސާސީ ޚިދުމަތުގެ ނަމުގައި ދައުލަތުން ދެއްވާ ކަރަންޓްގެ ޚިދުމަތަށް ދޭންޖެހިފައިވާ ފައިސާ ރައްޔިތުންގެ ތެރެއިން ގިނަބަޔަކަށް ވަނީ ދެއްކޭނެ ގޮތް ނުވެ ސްޓެލްކޯއަށް ދަރާފައެވެ.
އަޅުގަނޑު މިވާހަކަ މިދަންނަވަނީ ސްޓެލްކޯގެ ވެރިންނާމެދު އަޅުގަނޑުގެ ހިތުގައި އެއްވެސް ރުޅިވެރިކަމެއް ނުވަތަ ނަފްރަތު ކަމެއްވެސް ނެތްކަން ހާމަ ކުރަމުންނެވެ. ނިކަމެތި ފަގީރުންގެ ޙާލަތުގެ މައްޗަށް ބަލައި މިފަދަ އެންމެނަށް ކުރިމަތި ވެފައިވާ މާލީ ނުތަނަވަސްކަމާމެދު ހިތާމަކުރާ ޙާލުގައެވެ.
މާޒީވެ ދިޔަ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ކަރަންޓްގެ ޚިދުމަތަށް ދައްކަން ޖެހޭ ފައިސާ ނުދެއްކި އެ އަދަދު ތިރީސް ސާޅީސް ހާހުން މައްޗަށް އަރާފައެވެ.
ބުނެވޭ ގޮތުގައި ކަރަންޓްގެ ޚިދުމަތަކީ އެއާނުލައި އުޅެވެން ނެތް އަސާސީ ހައްގެކެވެ.
ކަން މިހެން ހުރުމާއެކު ސްޓެލްކޯ އަށް ދައްކަން ޖެހިފައިވާ މިދެންނެވި ފައިސާ އެއްފަހަރާ ދެއްކުމަކީ އެއްވެސް ރައްޔިތަކަށް ވާވަރުގެ ކަމެއް ނޫނެވެ. އެހެނަސް ސްޓެލްކޯއިން ރައްޔިތުމީހާ އަށް މަޖުބޫރު ކުރަނީ އެކުންފުނިން އަންގާ މިންވަރަކަށް ފައިސާ ދެއްކުމަށެވެ. ކަރަންޓްގެ ޚިދުމަތަކީ އަސާސީ ޚިދުމަތެއް ކަމެއް ބުނެވުނު ނަމަވެސް ސްޓެލްކޯއިން އަންގާ މިންވަރަކަށް ރައްޔިތުމީހާއަށް ފައިސާ ނުދެއްކިއްޖެނަމަ އިތުރު ބަހުސަކަށް ނުވަތަ އެންގެވުމެއްވެސް ނެތި ކަރަންޓްގެ ޚިދުމަތުން އެރައްޔިތުމީހާއާއި އޭނާގެ ޢާއިލާ މަޙުރޫމް ކޮށްލައެވެ. އެހެންކަމާއެކު ރައްޔިތުމީހާއަށް ދެއްކެން އޮތްމިންވަރެއް ދެއްކުމަށްފަހު އަލުން ޚިދުމަތް ހޯދަން ދިއުމުން މަސްދުވަހުގެ ތެރޭގައި އެރައްޔިތުމީހާއަށް ނުދެއްކޭވަރުގެ ފައިސާގެ ޢަދަދުތަކެއް ދައްކަން އެބަސްވާން މަޖުބޫރު ކުރުވައެވެ. މިގޮތުން ދެއްކުނަސް ނުދެއްކުނަސް އެކުންފުނިން އެ ބުނާ ޢަދަދަށް ފައިސާ ދައްކަން އެއްބަސްވެ ސޮއުކުރުމުން ނޫނީ ކަރަންޓް ގުޅައެއް ނުދެއެވެ. މިއީ ޚާއްޞަކޮށް ހުޅުމާލެ ސްޓެލްކޯގެ ސިޔާސަތެވެ. އެހެންކަމާއެކު ފައިސާ ދެއްކޭނެ ވަސީލަތެއް ފެންނާން ނެތްނަމަވެސް ކަރަންޓް ޚިދުމަތް ބޭނުންނަމަ ރައްޔިތު މީހާ އެލިއުމުގައި ސޮއިކުރަން މަޖުބޫރު ވެދެއެވެ.
އެހެންކަމުން ކަރަންޓްގެ ޚިދުމަތަކީ އަސާސީ ޚިދުމަތަކަށް ވުރެ ބޮޑަށް ދައުލަތުން ކުރާ ވިޔާފާރި އެއްކަމަށް ރައްޔިތުމީހާ ސިފަކުރެއެވެ.
ކަރަންޓްގެ ޚިދުމަތް ލިބޭ ކޮންމެ ރައްޔިތަކަކީ ސްޓެލްކޯގެ ކަސްޓަމަރެއް ހެއްޔެވެ؟ އެހެންނަމަ އެ ކަސްޓަމަރަކާ ވާހަކަ ދައްކައި އެކަސްޓަމަރުގެ މާލީޙާތަށް ވެސް ބައްލަވާން ވާނެތާއެވެ! މަހަކު ވިހިތިރީސް ހާސް ރުފިޔާ ކަސްޓަމަރަށް ނުދެއްކޭނޭކަން ސްޓެލްކޯގެ ވެރިންނަށް އެނގި ތިބެ މިވަރުގެ ޢަދަދުތަކުން ފައިސާދައްކަން ކަސްޓަމަރަށް މަޖުބޫރު ކުރުމަކީ ރައްޔިތުމީހާ އުލު ބައިންދައިގެން ވިޔަސް ކުންފުންޏަށް ފައިސާ ނަގަން ކުރާ މަޖުބޫރެއް ކަމަށް ދެކެމެވެ. ހުޅުމާލެ ސްޓެލްކޯއިން މިފަދައިން ކަންތައް މިދެންނެވި ބީދައިން ކުރިނަމަވެސް މާލޭ ސްޓެލްކޯއިން އެކުންފުނީގެ ކަސްޓަމަރުން ފެލާލައިގެން ފައިސާ އަތުނުލާކަންވެސް ފާހަގަ ކުރަމެވެ.
މާލޭ ގައި ހުންނަ ސްޓެލްކޯ ހެޑްއޮފީހުގެ ބައެއްވެރިންގެ އަރިހަށް ހުޅުމާލޭ ސްޓެލްކޯއިން ރައްޔިތުންނާ މެދު ޢަމަލުކުރަމުންދާ ހަރުކަށި އުސޫލާ ގުޅިގެން ލުއެއް ހޯދަން ދިއުމުން ބައެއްބޭފުޅުން ވިދާޅުވަނީ ހުޅުމާލެ ސްޓެލްކޯއާއި ޙަވާލުވެހުންނެވީ އެމްޑީޕީއަށް ނިސްބަތްވާ ވެރިއެއް ކަމުގައި ވާ މުޙައްމަދު އިބްރާހީމް (ދޮންބެ) ކަމަށާއި އޭނާއަކީ ރައްޔިތުންނަށް ލުއިހޯދަދޭން ޑީލްކުރަން އުނދަގޫ ބޭފުޅެއްކަމުގައެވެ.
މިދެންނެވި މުޙައްމަދު އިބްރާހީމަކީ ޅ. ހިންނަވަރަށް ނިސްބަތްވާ އެމްޑީޕީގެ މެންބަރެކެވެ. ރައީސް ޞާލިޙުގެ ރަށުގެ ބޭފުޅެކެވެ. އެހެންކަމުން މިވެރިކަމުގައި މި މުޙައްދު އިބްރާހީމް ރައްޔިތުންނަށް ކުރާ ޖެއްސުން ތަކާމެދު އަޅާލާނެ ފަރާތެއް ނުހުންނާނެ ކަމަށް އޭނާ ދެކެވަޑައިންނަވާކަހަލައެވެ. މިނާ ދެކޭގޮތުގައި ހުޅުމާލޭގެ ސްޓެލްކޯގެ ކަސްޓަމަރުންނަކީ މީނާގެ އަޅުންނެވެ. އޭނާ ބޭނުންވާ ކޮންމެ ގޮތަކަށް ހުޅުމާލޭ ކަސްޓަމަރުންނަށް މަޖުބޫރުކޮށްގެން ކަސްޓަމަރުން ފެލާލަނީއެވެ. މީ މީހަކު ބުނާ ވާހަކަ އެއް ނޫނެވެ. މިހިނގާ ފެބުރުވަރީމަހު އަޅުގަނޑު ގެ އަތުން ތިންފަހަރެއްގެ މަތިން 26542.73ރުފިޔާ ނަގާނޭކަމަށާއި މިޢަދަދު ނުދައްކައިފިނަމަ ކަރަންޓްގެ ޚިދުމަތުން އަޅުގަނޑުގެ ޢާއިލާ މަހުރޫމް ކޮށްލާނޭ ކަމަށް ވަނީ ބުނެފައެވެ.
ހަމަހޭ ހުރި ކޮންމެ މީހަކުވެސް ގަބޫލުކުރާނޭ ފަދައިން މިހާބޮޑު ޢަދަދެއް އެންމެ ކުޑަ އުޖޫރަލިބޭ 3 މީހުންނާ އެކު ޖުމްލަ 15 މީހުން ދިރިއުޅޭ ގެއަކުން ނުދެއްކޭނެއެވެ. ކަރަންޓްގެ ޚިދުމަތަކީ އަސާސީ ޚިދުމަތެއްނަމަ އަދި ސަރުކާރުން އެއްވެސް ސަބްސިޑީއެއް ނުދެއްވާއިރު މަސްދުވަހެއްގެ ތެރޭގައި ދައްކަން މަޖުބޫރެއް ނުކުރީހެވެ. ކަރަންޓް ކަނޑާލުމަށް ފަހު އަލުން ކަރަންޓް ދޫކުރީ މިއަދަދު ދައްކާނޭކަމަށް ސޮއި ކުރީމައެވެ. ސޮއިކުރަމުން ވެސް އަޅުގަނޑު ދެންނީމެވެ. މިލިއުމުގައި ސޮއި މިކުރަނީ މިނޫންގޮތެއް ނެތީމައެވެ. އެހެނަސް މިގޮތަށް ފައިސާ ދެއްކޭވަރުގެ ކެޕޭސިޓީއެއް އަޅުގަނޑުގެ ނެތެވެ.
އަޅުގަނޑަކީ ވިޔާފާރި ކުރާމީހެއް ނޫނެވެ. މަހަކު 3 ފަހަރު މުސާރަ ލިބޭ މީހެއްވެސް ނޫނެވެ.
ހުޅުމާލެ ސްޓެލްކޯއަށް މިމަހުގެ 3 ވަނަ ދުވަހު 8647 ރުފިޔާ ދައްކައިފީމެވެ. އެއީ މިދެންނެވި 26000ރުޔާގެ ތެރެއިންނެވެ. މިދެންނެވި ފައިސާދައްކަން އަންގާފައި ވަނީ މިމަހުގެ 5 ވަނަދުވަހާއި 17 ވަނަ ދުވަހާއި 28 ވަނަ ދުވަހުއެވެ. މިއީ ކުރާ ޖެއްސުމެއްނޫން ދެން ކޮންކަމެއްހެއްޔެވެ؟ ރައްޔިތަކާމެދު ޖެއްސުންވެސް ކުރަން ވާނީ ކެތްކުރެވޭނެ މިންވަރަކަށް ތާއެއެވެ! މިއީ ބޮޑުވަރެއް ނޫންހެއްޔެވެ؟
ހުޅުމާލެ ސްޓެލްކޯގެ ވެރިޔާ މިދެންނެވި މުޙައްމަދު އިބުރާހީމުގެ ބަލާއާއި މުޞީބާތުން ހުޅުމާލޭގެ ސްޓެލްކޯގެ ކަސްޓަމަރުން ސަލާމަތް ކޮށް ދެއްވުންއެދި ﷲ ގެ ޙަޟުރަތުގައި ދުޢާދަންނަވަމެވެ.
އެތަކެއް ވެރިކަމެއް ދެކެފީމެވެ. މީހުން އެންމެ ނުބައި މީހެއްކަމަށް އެބުނާ ރައީސް ޔާމީނުގެ ވެރިކަމުގައިވެސް މިވަރުގެ އަނިޔާވެރި ރައްޔިތުންނަށް ޖެއްސުން ކުރާ ވެރިޔަކު ހުޅުމާލެ ސްޓެލްކޯގައި އުޅެފައެއް ނެތެވެ. މިއީ ކޮންފަދަ ނުފޮރުއްޕާނެއް ހެއްޔެވެ؟
ކަސްޓަމަރާ ވާހަކަ ދައްކައި ދަރަނި އިތުރު ނުވާނޭގޮތަކަށް ކޮންމެ މަހެއްގެ ކަރަންޓް ބިލްގެ އިތުރުން ކަސްޓަމަރަށް ދެއްކެން އޮތް މިންވަރެއް އަތުލައި ފައިސާ ޚަލާޞް ކުރަމުން ގެންދާ އުޞޫލު މިނޫން އެހެން ވެރިން ގާއިމުކޮށް ދެއްވާފައިވާއިރު ދައްކަން ޖެހޭ ހުރިހާ ފައިސާ ކަސްޓަމަރު އުލުބައިންދައިގެން ވިޔަސް އަތުލައި އުޞޫލު ގާއިމު ވެފައި މިވަނީ މިދެންނެވި މުޙައްމަދު އިބްރާހީމާ ހުޅުމާލެ ސްޓެލްކޯ ޙަވާލުވި ހިސާބުންނެވެ.
ރައްޔިތުން ބޭނުމީ މުޙައްމަދު އިބްރާހީމެއް ނޫނެވެ. އޭނާގެ އަނިޔާވެރި ސިޔާސަތެއް ވެސް ނޫނެވެ. ރައްޔިތުންނަށް ބޭނުން ވަނީ ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެވެ.