ވަޒީފާއިން ލިބޭ ހުރިހާ ފައިސާ ދެކޮޅު ދަތުރަށް

Loading

Facebook
Twitter
WhatsApp

ހުޅުމާލެ ސިޓީގައި ދިރިއުޅޭ ގިނަ ރައްޔިތުން ވަޒީފާ އަދާކުރަނީ މާލޭގައެވެ.

ހެނދުނު ވަޒީފާއަށް ދާން ބަހަށް 20 ރުފިޔާ ވަޒީފާ ނިންމާފައި ރަށަށް އައުމަށް 20 ރުފިޔާ، ރޭގަޑު 8.30ގައި ފިންގާ ޖަހަން އޮފީހަށް ދާން 20 ރުފިޔާ ފިންގާ ޖަހާފައި އެނބުރި ގެއަށް އައުމަށް 20 ރުފިޔާ ކޮންމެ ދުވަހަކު ޚަރަދު ކުރަން ޖެހެއެވެ. މިރޭޓުން ދުވާލަކު 80 ރުފިޔާ އަމިއްލަ ވެހިކަލެއް ނެތް މާލޭގައި ވަޒީފާ އަދާ ކުރާ ހުޅުމާލޭގެ ކޮންމެ ރައްޔިތަކު ޚަރަދުކުރަން ޖެހެއެވެ.

ދުވާލަކަށް 80ރުޔާގެ ރޭޓުން މަހަކަށް 2400ރުފިޔާ ދެކޮޅު ދަތުރަށް ޚަރަދު ކުރުމަކީ އެންމެ ކުޑަ އުޖޫރަ ލިބޭ ރައްޔިތުމީހާ ރޮއްވާލުމެއް ނޫން ތޯއެވެ؟

އަވައްޓެރި ގައުމުތަކުގައި ވެސް ވަޒީފާ އަދާކުރާ މީހުން ފަތިހު 5.30 ހާއިރު ބަހަށް އަރައިގެން ހެނދުނު 8.00އަށް ވަޒީފާ އަދާކުރާތަނަށް ދަތުރުކުރެއެވެ. ބަސް ޓިކެޓްގެ އަގު ހުންނަނީ ވަޒީފާ އަދާކުރާ މީހާ އަތްފޯރާ ފަށުގައެވެ. ދިރިއުޅުމުގެ ޚަރަދު މިހާ ބޮޑު ގައުމަކަށް އަޅުގަނޑަށް ފެނުނު ގައުމަކީ ހަމަ މި ދިވެހިރާއްޖެއެވެ. މިއީ ރައްޔިތުން ދިރިއުޅެން ކަމުދާ ގައުމެއްނޫނެވެ. ވަޒީފާ އަދާކުރުމުން ލިބޭ އުޖޫރައިން ދެކޮޅުނުޖެހި ދިރިއުޅުމަށް ޓަކައި ނުސީދާ ގޮތްގޮތުން ފައިސާ ހޯދަން އެހެން ގައުމުތަކުގައި ރައްޔިތު މީހާއަށް މަޖުބޫރެއް ނުވެއެވެ.

ހަނޑުލާއި ހަކުރާއި ފުށް ނޫން އެހެން ހުރިހާ ކާބޯތަކެތީގެ ބާވަތްތައް ހުރީ ރައްޔިތުމީހާ އަށް އަތް ނުފޯރާ ހާ މަތީގައެވެ. ގެދޮރު ކުއްޔާއި އަސާސީ ޚިދުމަތުގެ އަގުތައް ވެސް ހުރީ އަތްނުފޯރާހާ މަތީގައެވެ. ދެން މިފަދަ ގައުމެއްގެ އިޖްތިމާޢީ މައްސަލަތައް މަދުވާނެ ގޮތެއް ވިދާޅުވެ ބައްލަވާށެވެ! ދިރިއުޅުމުގެ ޚަރަދު ފޫނުބެއްދެނީ ފަގީރުންނަށެވެ. ކޮންމެ ގައުމެއްގައި ވެސް ފަގީރުން އުޅޭނެއެވެ. ސަލާންޖަހާ ޢާއިލާތައް ވެސް އުޅެއެވެ. އެހެނަސް އެއީ ސިޓީއެއްގައި އެތަކެއް މިލިއަން ރައްޔިތުން ދިރި އުޅޭ ގައުމުތަކުގައެވެ.

މިސާލަކަށް ޓާޓާ ކުންފުނީގައި 4 ލައްކަ މީހުން ވަޒީފާ އަދާ ކުރާއިރު މިރާއްޖޭގައި ދިރިއުޅޭ 4 ލައްކަ މީހުނަށް މިގައުމުން ވަޒީފާ ނުދެވެން ވީސަބަބެއް ވިދާޅު ދެއްވާށެވެ! މިއީ ގައުމެކެވެ. އެއީ ކުންފުންޏެކެވެ. މިގައުމުގެ މުސްކުޅީންނާއި ކުޑަކުދީންނާއި އަންހެނުން ނުލައި ވަޒީފާ އަދާކުރެވޭވަރުގެ ދޮޅުލައްކަ މީހުން މިގައުމުގައި ނުއުޅޭނެއެވެ.

ކުންފުންޏަކަށްވުރެ ގައުމެއްގެ ތަނަވަސްކަން ކުޑަވާނެ ކަމަކަށް ނުދެކެމެވެ.

މިރާއްޖޭގެ ރައްޔިތުންނަށްވުރެ އަރާމާއި އުފަލުގައި އުޅެވޭނެ ދެވަނަ ގައުމެއް އުޑުބަޅު ކުރެއްވިހިސާބަކު ނުއޮންނާނެއެވެ.

މިގައުމުގެ އިގުތިސާދު ބިނާވެފައި ވަނީ މަސްވެރިކަމާއި ފަތުރުވެރިކަމުގެ މައްޗަށެވެ.

ހަމައެކަނި މަސްވެރިކަމުގެ ސިނާއަތަށް ބެލި ކަމުގައިވިއަސް މިސިނާއަތުން އެކަނިވެސް ރައްޔިތުން ބެލެހެއްޓިދާނެއެވެ. ދައުލަތުގެ ޚަރަދުގައި އެއްލައްކަ މަސްދޯނި ނުވަތަ ކަންނެލި އޮޑި ބަނދެ ސަރުކާރުން މަސްވެރިންނަށް މުސާރަދީގެން މަސްބޭނުވިޔަސް ރައްޔިތުން ޙާލުގައި ނުޖެހި އަރާމާއި އުފަލުގައި އުޅެވޭނެއެވެ. ކުންފުންޏެއް އުފައްދައި އެކުންފުނިން ހުރިހާ މަސްދޯނިފަހަރު އޮޕަރޭޓްކޮށް ބޭރުގެ ކުންފުނިތަކުން ރާއްޖެއަށް މަސްގަންނަން އައުމުގެ ދޮރު ހުޅުވާލުމުން ދައުލަތަށް ހޯސްލާފައި ފައިސާ ނުވަންނާނެ ހެއްޔެވެ؟

ވެރިންގެ އިހުލާސްތެރި ކަމެއް ހުރިނަމަ މިގައުމުގެ ރައްޔިތުން މި ދަތި ޙާލުގައި ނުޖެހުނީހެވެ. ދަންނަވަން ތޯއެވެ؟ އެމްޑީޕީގެ ސަރުކާރު މިދާގޮތަށް ވެރިކަން ނިމެންދެން ރައްޔިތުން މި ދަތި ޙާލުން ސަލާމަތްކޮށް ނުދީ އޮވެގެން އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބެއް ނުވާނެއެވެ. ބޮޑުހިލައިގެ ތަރައްގީ ދޫކޮށް ރައްޔިތުމީހާ އަމިއްލަ ފައިމައްޗަށް ކޮޅަށް ޖަހާނުދީފިނަމަ އެމްޑީޕީ އަކަށް ވެސް ހިންދެމިއެއް ނުލެވޭނެއެވެ.

ގިނަ ރައްޔިތުން ކުރާ ޝަކުވާއަކީ ރައްޔިތުން ދަތިޙާލުން ސަލާމަތްކޮށް ނުދިނުމުގެ ޝަކުވާއެވެ. މިކަން ކޮށް ނުދީ ރަންއިލޮށިން ކަދުރުކާން ދޭނެކަމަށް ވަޢުދު ވިއަސް ދެން ވެރިކަން ކުރުމުގެ ފުރުޞަތު ރައްޔިތުން ނުދޭނެއެވެ. އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަން ބޭނުންނަމަ ފުރަތަމަ ރައްޔިތުމީހާ ކޮޅައްޖަހާށެވެ. ރައްޔިތުން ތިބީ ބިކަ ޙާލުގައެވެ. މި ޙާލުގައި ރައްޔިތުން ތިއްބާ ދެން ދައްކާ ވާހަކައެއް ރައްޔިތުން އަޑެއް ނަހާނެ އެވެ.

ރައީސުލް ޖުމްހޫރިއްޔާއަށް ރައްޔިތުން ތަޙައްމަލް ކުރަމުން މިދާ ދަތި ޙާލު އެނގިވަޑައި ނުގަތުމަކީ އެމަނިކުފާނުގެ ނުކުޅެދުންތެރި ކަމެވެ. މި ޙާލުގައި ރައްޔިތުން ތިއްބާ ވޯޓް ހޯއްދަވަން ވަޑައިނުގަތުމަށް ގޮވާލަމެވެ.

އެއްވެސް އަގެއްނެތް ރުފިޔާތަކެއް ރައްޔިތުން ކުރާ މަސައްކަތުގެ އުޖޫރައެއްގެ ގޮތުގައި ލިބިގެން ކޮޅަކު މެދަކު ނުޖެހި ރައްޔިތުމީހާ ރޯން އޮތްވާ އޭ ކަލޯއޭ ދެން އެހެނަކުން ނުވާނޭ ވިދާޅުވާއަޑު ރައްޔިތުމީހާ ދެނެއް ނަހާނެއެވެ. މިއީ ވަރަށް ވާހަކަ އެވެ. މިއީ ރާއްޖޭގެ ދެކޮޅާއި މެދުގެ %80 އިންސައްތަ ރައްޔިތުންގެ އަޑެވެ.

އެއާ ނުލައި ނުއުޅެވޭ ކޮންމެ ޚިދުމަތަކީ އަސާސީ ޚިދުމަތެކެވެ.

ކަރަންޓަކީ މިހާރު އެއާނުލައި ދިރިނުއުޅެވޭނެ ޚިދުމަތެކެވެ. އެހެނަސް އެޚިދުމަތް ރައްޔިތުމީހާއަށް ފޯރުކޮށްދެނީ މީހާގެ މުދާ ވިއްކައިގެން ނަމަވެސް އަގުއަތުލާގޮތަށެވެ. 2008 ވަނައަހަރު އޮތް ވެރިކަމުގައި ކަރަންޓާއި ފެނުގެ ޚިދުމަތަށް ދައުލަތުން ސަބްސީޑީ ދެއްވަމުން ގެންދެވިއެވެ. އެހެނަސް މިސަރުކާރުން އެވަރުގެ ލުޔެއްވެސް ރައްޔިތުމީހާއަށް ނުދޭކަން ފާހަގަ ކުރަމެވެ.

ހުޅުމާލެ ސިޓީގައި ދިރިއުޅޭ ގިނަ ރައްޔިތުން ވަޒީފާ އަދާކުރަނީ މާލޭގައެވެ. ވަޒީފާއިން ލިބޭ ކުޑަކުޑަ ލާރިކޮޅު ދެކޮޅު ދަތުރަށް ޚަރަދުކޮށްކޮށް އުމުރު ހުސްކުރަންވީ ހެއްޔެވެ؟

 

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް