ރިޔާސީ އިންތިޚާބު ކައިރި ވީވީހެން ރައްޔިތުންގެ މަގުބޫލު ކަން ހޯދުމަށްޓަކައި ސިޔާސީ ވެރިން އެކި ޕޯޑިއަމް ތަކުގައި ރައްޔިތުން ރުހޭހާ ވާހަކަ ތަކެއް ދައްކަމުން ދާނެއެވެ.
ނިމިދިޔަ ދެ ވެރިކަމުގައި ރާއްޖޭގައި ވަނީ ރަޙުމް ކުޑަ ގޮތަކަށް އެތައް ބަޔަކު މަރާލައި އެކަންކަން މަތިއަޅައި އޮމާން ކޮށް ސިއްރު ކޮށްފައެވެ. މި ކަން ކަމުގެ އަޑީގައި ތިބި މީހުންނާއި މިކަން ކުރަން ފައިސާ ޚަރަދު ކުރި ފަރާތްތައް ދެނެގަތުމަށް ރައްޔިތުން ތިބީ ކެތްމަދުވެފައެވެ. އަދި މީގެ އިތުރުންވެސް އެކި ސަރުކާރު ތަކުން ރައްޔިތުންށް އޮޅުވާލި އޮޅުވާލުން ތަކާއި ހިންގާފައިވާ ވައްކަން ތަކާއި ޖަރީމާތަކުގެ ވާހަކަ ރައްޔިތުންނަށް ހާމަކޮށްދޭނެ ކަމަށް ވެސް ބުނާ ނެއެވެ. އަދި ރައްޔިތުން އެންމެ ބޭނުންވާ ޢަދުލު އިންޞާފު ގާއިމު ކޮށް ދޭން ވަޢުދުވެ ރައްޔިތުން ޅޮސް އުނދޯއްޔަށް ވެސް ލާނެއެވެ. ބެއަސް ނުބެއަސް ކޮންމެ މަސްވެރިޔަކަށް މަހަކު 10000ރުފިޔާ ދިންހެން ކޮންމެ ރައްޔިތަކަށް ގެއެއް ދޭނޭ ކަމަށް ވަޢުދުވެ ރަން އިލޮށިން ކަދުރު ކާން ވެސް ދޭނެއެވެ. މިގޮތުން ސިޔާސީ ޕޯޑިއަމް ތަކުގައި އެއްލީޑަރަކު އަނެއްލީޑަރަކު ބަރަހަނާ ވެސް ކުރާނެއެވެ.
މިއީ ރައްޔިތުންގެ ކުރިމަތީގައި ތިމާގެ މަގުބޫލު ކަން އިތުރު ކުރުމަށްޓަކައި ދައްކާ ހުވަފެން ތަކެކެވެ. ވިސްނާން ތިބީ ރައްޔިތުންނެވެ.

މިހެން މިދެންނެވީ ނިމިދިޔަ 5 ވެރިކަމުގެ ކެމްޕޭނު ތަކަށާއި ވެފައިވާ ވަޢުދުތަކަށް ބެލުމަށްފަހު ގައެވެ. ބަހާއި ޢަމަލަކާ ދިމާ ނުވެއެވެ.
ރައީސް މައުމޫނުގެ ޒަޢާމަތުގައި އެމަނިކުފާނު ރައްޔިތުންނަށް ކޮށްފައިވާ އަނިޔާތަކުގެ ބަދަލުހިފަން ރާއްޖޭގެ އޭރުގެ އާބާދީގެ %60އިންސައްތަ އޮތީ ބޭނުންވެފައެވެ. ރައީސް މައުމޫނު ގާނޫނުގެ ކުރިމަށްޗަށް ގެންނާނޭ ކަމަށް ވަޢުދުވެ ރައްޔިތުންގެ އަޣްލަބިއްޔަތު ހޯދިއެވެ. ރައްޔިތުންގެ އަޣްލަބިއްޔަތު ލިބެނީ އެއިރަކު ތިބޭ ރައްޔިތުން އެއިރަކު އެންމެ ބޭނުންވާ ކަމެއް ކޮށްދޭނޭ ކަމަށް ވަޢުދު ވުމުންނެވެ. ކޮންމެ ފަހަރަކު ވެސް ރައްޔިތުން އެ މަޅިތަކުގައި ބޯމެހެނީއެވެ. މިގޮތުން މިހާރު މިހިނގާ ވެރިކަން ފެށެން އުޅުނު އިރު ރާއްޖޭގައި ހިންގާފައިވާ އެތަކެއް ގަތުލުޢާންމެއްގެ ޙަގީގަތް ހޯދައި އެފަރާތްތައް ޝަރީޢަތުގެ ކުރިމަށްޗަށް ގެނެސް ދޭނޭކަމުގެ އެތައް ވަޢުދެއް ވިއެވެ. ވެރިކަމުގެ ތެރެއިން 3 އަހަރު މާޒީގެ ތެރެއަށް އޮބާލައިފިއެވެ. އެއިން އެއްވެސް މަރެއްގެ ހަގީގަތް އެނގުނު ރައްޔިތަކު އެބަހުރި ތޯއެވެ.
އަނިޔާވެރި ކަމުގެ ހަންމުށިން ރައްޔިތުންނަށް ގޯނާކުރި ފަރާތްތަކަށް ހައްގު އަދަބު ލިބިގެން ދިއުމަކީ މުޅި އާބާދީގެ ”ބަހާއެވެ.“ އެހެން ކަމުން މަގުބޫލު ކަން ހޯދުމަށް ޓަކައި ސިޔާސީ ވެރިން ވަރަށް ގިނަ ދިމާނުވާ ހިސާބު ޖައްސަވާނެއެވެ.
ވާދަވެރި އިންތިޚާބީ ޙަރަކާތް ތަކަކީ އޮޅުވާލުމާއި މަކަރު ހެދުން އިންތިހާ އަށް ބޮޑު ޙަރަކާތް ތަކެކެވެ. މިދެންނެވީ ކޮންމެވެސް ވަރަކަށް ވަޢުދު ނުފުއްދާދޭ ވާހަކައެއް ނޫނެވެ. އަބަދުވެސް ފެންނާނީ ނުކޮށް ދޫކޮށްލާ ވަޢުދެވެ. ފަހަރެއްގައި އެ ވަޢުދަކީ ރައްޔިތުން ފުރިހަމަ ކުރަން އެންމެ ބޭނުންވާ ވަޢުދު ކަމަށްވެސް ވެދާނެއެވެ.
ކޮންމެއަކަސް ސިޔާސީ ވެރިންގެ ދަލުގައި ޖެހި ގައުމުގެ ވެރިއަކަށް މިނިކާ ވަގަކު ގެނެވިއްޖެ ނަމަ އެވަގު ގެނައި އެންމެން ކާލާ މަންޒަރަކީ މާ ހިތްގައިމު މަންޒަރަކަށް ނުވާނެއެވެ. އެހެން ކަމުން ވަގުތީ މަންފާއަކަށް ޓަކައި ރައްޔިތުން އަމިއްލައަށް ފައިން އެރޭނެ ފަދަ ކަން ކުރުމުން ދުރަށް ޖެހިލާށެވެ.
ގައުމުގެ މުސްތަގްބަލަށްޓަކައެވެ. ތިމާއާއި ތިމާގެ ޢާއިލާގެ މުސްތަގުބަލަށް ޓަކައި ވެސް މެއެވެ. ދަށުން ދިއްކޮށްލާ ހަދިޔާއެއް ގައި ހިފައި ގައުމާއި ތިމާގެ މިނިވަންކަން ވިއްކާ ނުލާށެވެ. މިފަދަ މީހުންގެ މާޒީގެ ޞަފްޙާތަކަށް ވަރަށް ރަނގަޅަށް ވިސްނައި ކިޔާ ދަސްކުރުމަށްފަހު ނޫނީ ދޭފައިސާ އާއި ދައްކާ ވާހަކަތަކަށް ހެއްލި ނުގަންނާށެވެ. ނޫންނަމަ ފިތޭނީ އަމިއްލަ ނިގުލެވެ.
ސިޔާސީ ވާދަވެރީން ދައްކާ ސިޔާސީ ވާހަކަތަކާއި ދައްކާ ހުވަފެން ތަކަކީ މުޅިންވެސް ބިލާހެވެ. މިކަން ކަން މާޒީވެދިޔަ 17އަހަރު ގެ ތާރީޚަށް ބަލާލުމުން ރައްޔިތުންނަށް ސާފުވާނެއެވެ.
ސަރުކާރުގެ ކޯލިޝަނުގައި މިހާރު ގިނަ އަދަދެއްގެ ސިޔާސީ ޕާޓީތައް ބައިވެރި ވެއެވެ. ވެރިކަން ހޯދާފައި ވަނީ ގިނަ ޕާޓީތައް ގުޅިގެން ގިނަ ވައުދުތަކެއް ކޮށްގެންނެވެ.

ނުބައި ނުލަފާ އަނިޔާވެރި ސިޔާސީ ލީޑަރުންނަކީ ސަޕޯޓް ގަނެގެން ރިޔާސަތަށް އަންނަ ބައެކެވެ. އެހެން ކަމުން މިފަދަ ވެރިއަކު ރިޔާސަތަށް އަތުވެއްޖެ ނަމަ ސަޕޯޓު ވިއްކި މީހުން އޭނާގެ ފައިދަށުލާނެއެވެ. މިއީ ފެންނާން ހުރި ހަގީގަތެވެ.
ހަކުރާ ޖަހައިގެން ގައުމު ކާލަން ނިޔަތް ގަނެގެން ރިޔާސަތަށް އަންނަން އުޅޭ ސިޔާސީ ލީޑަރަކު ވެސް ތިބެދާނެއެވެ. ރައްޔިތުންނަށް ކުއްލިއަކަށް އެކަންކަން ނޭނގި ދިއުމަކީ ވެސް ވެދާނެކަމެކެވެ. އެހެންކަމުން މިފަދަ ލީޑަރުން ދޭ ހަދިޔާގައި ގިނަ ރައްޔިތުން ހިފުމުން ވަގު ނިޔަތުގެ ވެރިޔާ ރިޔާސަތަށް އައުމުގެ ފުރުޞަތު ބޮޑުވާނެއެވެ. މި ދިވެހި އާބާދީ ފުދުންތެރި އާބާދީއަކަށް ހަދަން އެއްވެސް ވެރިޔަކު މަސައްކަތް ނުކުރަނީ މިހެންވެއެވެ. އަމިއްލަ ބޯހިޔާ ވަހިކަމުގައި މީހަކަށް ނުދަރައި ސަލާން ޖަހަން ނުޖެހި އަމިއްލަ މަސައްކަތުން ކައި ބޮއި ފުދިގެން އުޅޭ ރައްޔިތުމީހާގެ މިނިވަންކަން ފައިސާ ދީގެން ނުގަނެވޭނެ ކަން ވެރިންނަށް އެނގޭނެއެވެ.
އިހަށްދުވަހު މިރާއްޖޭގައި ހިނގައިދިޔަ އިންތިޚާބަކުން ބަލިވި ލީޑަރަކު ދިފާޢު ކުރުމުގެ މޭރުމުން ގަންދީ ހުވާކުރުމަށް ފަހު މީހަކު ބުނީ ތިމަންނާ ވޯޓް ކަރުދާހުގައި ޖެހި ފާހަގަ ފުންމައިގެން ގޮސް އެނަމުގެ މަތީގައި އޮތްނަމާ ދިމާލަށް ބަދަލުވީ ވާހަކައެވެ. މިވަރުގެ ގަމާރު މީހުންނަކީ ފައިސާ ދިނުމުން ކޮންމެ ފަދަ ބޮޑު ދޮގެއް ހަދާފާނެ ބައެއްކަން މި ތަޖުރިބާއިން އެކަނިވެސް ސާފު ވާނެއެވެ.
One Response
ރައްޔަތުމީހާ ހުސްބުޅީގައި ގަންނަ ހިސާބަށް ގައުމު ދިޔައިމާ ދެން ލަލަލަ! ޑްރަގްކޮޅަކަށް ވޯޓް. ޒިނޭއަކަށް ވޯޓް. ދައުލަތުން ފޭރިގެން ފައިސާފޮއްޗެއް ދިނުމުން ވޯޓް. މަންމަގެ ފަށްޓަރުބައި ވިއްކާލައިފާ އެއިން ބައިއެޅިޔަސް އޯކޭ ވޯޓް! ދެން ކޮންދީނެއް އުޑެއްބުޑެއްތޯއޭ އޮތީ؟ ސިދާ ލީޑަރުންނޭ ކިޔައިގެން އުޅޭ ބައެއްގެ ރޭވުމުން މިއޮތީ ލަދު ހަޔާތް ކަނޑުވާލައިފަ. އިންސާނަކު ލަދުހަޔާތް ކަނޑުވާލެވުނީމާ ދެން ކޮށްފާނެ ނުކުރާނެކަމެއް ނޯންނާނެއެވެ. މިއޮތީ ދިވެހިގައުމަށް އެ ބަލާވެރިކަން ފާކުރުވައިފައެވެ.
އިސްރަށްވެހިން ބުނެފައިވާހެން. ރައްކާވެ ތިބިއްޔާ ދަތުރޭ. އެހިސާބުގައި ގައުމު މިއޮތީ….