ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން މެކުހަށް

Loading

December 18, 2021
profile
Facebook
Twitter
WhatsApp

މިފަހަކަށް އައިސް ރާއްޖެ އަށް މަސްތުވާ ތަކެތި އެތެރެ ކުރުން މެކުހަށް ޖަހައިފިއެވެ. ސައްތައިންސައްތަ އިސްލާމުން ދިރިއުޅޭ މި ގައުމުގެ ޒުވާނުން މަސްތު ކުރުވައިގެން ގައުމުގެ ވެރިކަން ކުރި ޒަމާނެއް ވެސް މާޒީއާ އެކުވެ ނިމިއްޖެއެވެ.

ރާއްޖެއަށް ހަތިޔާރާއި ފަޓާސް ފަދަ މަނާ ބާވަތް ތައް އެތެރެ ކުރާ ވާހަކައެއް ނުއިވެއެވެ. އެހެނަސް ސަތޭކައިން ދުއިސައްތައިން ކިލޯކިލޯގެ މަސްތުވާތަކެތި އެތެރެ ވަމުންދާ ވާހަކަ އަކީ މިފަހަކަށް އައިސް އާންމު ވާހަކައެކެވެ.

ސުވާލަކީ މިހާ ގިނަ މަސްތުވާތަކެތި އެތެރެ ކުރަން ނެޓްވޯކުތަކުން ފައިސާ ހޯދަނީ ކިހިނެއް ހެއްޔެވެ؟

ރާއްޖެއަށް އެތެރެ ކުރާ މަސްތުވާތަކެތި އަތުލައިގަންނަނީ ފުލުހުން ކަމަށް ވާއިރު ތަހުގީގު ފުރިހަމަ ނުކޮށް މިފަދަ މީހުންގެ މައްސަލަތައް ޝަރީޢަތުގެ މަޖިލީހަށް ފޮނުވުމުގެ ސަބަބުން މައްސަލަތަކުގައި ޝާމިލްވާ މީހުން ދޫވަމުން ދިއުމަކީ ވެސް އިތުރަށް ސުވާލު އުފެދޭ ކަމެކެވެ.

އުފެދޭ ސުވާލަކީ މިދެންނެވި ނެޓްވޯކްތައް އޮޕަރޭޓް ކުރާ ފައިސާ ހުރި ބާރުގަދަ ބޮޑެތި ބަޔަކު އަޑީގައި ތިބެގެން ތަހުގީގު ތަކަށް ނުފޫޒު ފޯރުވަނީ ހެއްޔެވެ؟

ކޮންމެއަކަސް ތުހުމަތު ކުރެވެނީ ޓެކްނޯލޮޖީގެ ގޮތުން ކުރިއަރާފައިވާ ތަހުޒީބީ ޒަމާނެއްގައި މިފަދަ ދަށު ދަރަޖައިގެ ޢަމަލުތައް ނުހުއްޓުވި މިދަނީ މިކަންކަން ހުއްޓުވުމަށް ހެދިފައިވާ ގާނޫނު ތަކުގެ ބަލިކަށި ކަމުން ކަމުގައެވެ. ނޫންނަމަ މި ކަންކަން ހުއްޓުވަން ގާނޫނީގޮތުން މަތިކޮށްފައިވާ ފަރާތްތަކުގެ ނާގާބިލު ކަމުންނެވެ.

ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ ޒުވާނުން މިދަނީ ހީވެސް ނުކުރާ މިންވަރަށް ގިނަވެފައެވެ. މި ވަބާގައި ޖެހިފައިވާ ގިނަ ޒުވާނުންނަކީ ސްކޫލްތަކުން ފާސްނުވެގެން ކަނޑާލާފައި ވާ ޒުވާނުންނެވެ. ސްކޫލު ތަކުން ކަނޑާލެވޭ ކުދިންނާ މެދު ސަރުކާރުން ގެންގުޅެފައިވާ އަނިޔާވެރި ޢަމަލު ތަކުގެ ސަބަބުންނާއި މައިންބަފައިންގެ އަޅާލުމާއި އޯގާވެރި ކަން ނުލިބުމުން އެޒުވާނުން މާޔޫސްވެ އުންމީދު ގެއްލި ދިއުމުންނެވެ.

ސްކޫލްތަކުން ކަނޑާލެވޭ ޒުވާނުން މަސައްކަތް ތެރިކަމުގެ ދާއިރާއިން ތަމްރީނުކޮށް ޖަމާޢަތަށް ފައިދާކުރަނިވި ބަޔަކަށް ހެދުމުގެ ވިސްނުން ވެރިންގެ ކިބައިގައި ނެތުމަކީ ވެސް މިހެން ދިމާވުމުގެ އެއްސަބަބެވެ.

މިހާރުވެސް ސްކޫލްތަކުން ފާސް ނުވުމުގެ ސަބަބުން އެތައް ހާސް ދަރިވަރުން ސްކޫލް ތަކުން ބާކީވެފައި ވެއެވެ. މީގެ ތެރެއިން ގިނަ ޒުވާނުން ދަތުރު ކުރަނީ މަސްތުވާ ތަކެތީގެ މަންޒިލު ތަކަށެވެ. މިދެންނެވި ޒުވާނުން މަސައްކަތުގެ ދާއިރާއަށް ނެރެ އެ ޒުވާނުންނަކީ މުޖުތަމަޢަށް ފައިދާ ކުރަނިވި ބަޔަކަށް ހެދިއްޖެނަމަ އެ ޒުވާނުން މަސްތުވާ ތަކެތީގެ އައްޑާތަކަށް ނުވަންނާނެއެވެ.

ކަން އޮތީ މިހެން ކަމުގައި ވިޔަސް މަސްތުވާތަކެތި ވިއްކައިގެން ކުއްލިއަކަށް މުއްސަނދިވާން އުޅޭ ބަޔަކު ޒުވާނުންގެ ބޮލަށް އެރި އެ މީހުންގެ ކުރިމަގު ބަންދު ކޮށްލަނީއެވެ.

ސަރުކާރުތަކުން އަޑަށް ބާރުލާފައި ޒުވާނުންނަކީ ގައުމުގެ މުސްތަގްބަލް ކަމުގައި ބުނުންފިޔަވައި އިތުރު އެއްވެސް ކަމެއް ނުކުރެއެވެ.

މަސްތުވާތަކެތި ކިލޯކިލޯއިން އެތެރެ ކުރަމުން ދާއިރު މިތަކެތި އެތެރެ ކުރުމަށް ހޭދަކުރާ އިސްފަރާތް ތަކެއް މިގައުގައި ވާނެކަމަށް ގިނަ ބަޔަކު ދެކެއެވެ. އަދި އެފަރާތްތަކުގެ ނުފޫޒާއި ބާރު ތަހުގީގީ އިދާރާ ތަކަށް ފޯރަމުން ދާކަމަށް ވެސް ގަބޫލު ކުރެވެއެވެ.

އެތައް ސަތޭކަ ކިލޯގުރާމުގެ މަސްތުވާ ތަކެއްޗާއެކު އެތައް ބަޔަކު ހައްޔަރު ކޮށްފިކަމުގެ ޚަބަރު ފުލުހުންގެ ފަރާތުން އިވެއެވެ. ދެން އިވިގެން ދަނީ އެކަމުގައި ޝާމިލް ވި އެންމެން ދޫކޮށްލި ޚަބަރެވެ. މިއީ ގައުމުގެ މުސްތަގްބަލް ކަމުގައިވާ ޒުވާން ޖީލުތައް ސިއްސުވާލާ ހިތާމަވެރި ޚަބަރު ތަކެވެ.

މަސްތުވާ ތަކެތި އެތެރެ ކުރާ މީހުން މެރުމަށް ގާނޫނުތަކުން ލާޒިމް ނުކުރާނަމަ މިގައުމުގެ މުސްތަގްބަލް ދާނީ ބަނަވަމުންނެވެ. ހަތިޔާރާއި ފަޓާސް އެތެރެ ވޭ ހެއްޔެވެ؟ ނުވެއެވެ. އެހެން ކަމުން ގައުމުގެ ސަލާމަތާއި ކަރާމާތް ގެއްލި މުޅި ގައުމު މަސްތުގެ ޙާލަތަށް ރުޖޫޢުވާ މަންޒަރު ފެނިގެން ދިއުން ލަހެއް ނުވާނެއެވެ. ގައުމީ ނަޒަރަކުން ވިސްނާއިރު ޒުވާނުން ހަލާކުގެ ތެރެއަށް ގިއްގަޅުވާލުމުގައި ބާރުގަދަ ފަރާތް ތަކެއްގެ ނުފޫޒާއި ބާރު ތަހުގީގުތަކަށާއި ޝަރީޢަތުގެ މަޖިލިސްތަކަށް ފޯރާކަމަށް ތުހުމަތު ކުރެވެއެވެ.

އަނެއްކޮޅުން އިންތިޚާބުތައް ކައިރި ވަމުން ދާވަރަކަށް ކަނޑުމަގުންނާއި ވައިގެ މަގުން ރާއްޖެއަށް ގިނަ ޢަދަދުތަކުން މަސްތުވާ ތަކެތި ލައްގަން ފަށައެވެ. ޒިންމާވާ ފަރާތެއް ނޭނގޭ މިކަހަލަ އެތައް ސަތޭކަ ކިލޯއެވެ. ރަށްރަށާއި މާލޭގެ އެކި ސަރަޙައްދު ތަކުން މަސްތުވާ ތަކެތި ވިއްކާ ޒުވާނުންނަށް މޫސުމީ ޢީދު އައިސް ޒުވާނުން ތިބެނީ ބޮޑުން އަންގާ ކޮންމެ ކަމަކަށް ތައްޔާރީ ޙާލަތުގައެވެ. މިގޮތުން މަސްތުވާ ތަކެތީގެ ބޮޑެތި ނެޓްވޯކުތައް ފައިސާވެރި ސިޔާސީ ބޭފުޅުންނާ ގުޅި ކެމްޕޭނަށް ޚަރަދު ކުރާނެ ފައިސާ މިލިއަނުން ޖަމާކޮށް ދެއެވެ. މިފަދަ ނެޓްވޯކުތަކަކީ ޙިމާޔަތް ލިބިގެން ގައުމު ފަނާ ކުރާ ބައެކެވެ. ވެރިން އެބައި މީހުންގެ އަތްދަށުވީމާ އޮންނަނީ ކޮންމެ ޖަރީމާއެއް ހިންގިއަސް އަނެއް ދޮރުން ނުކުމެވޭ ގޮތަށެވެ.

ދާދި ފަހުންވެސް މިފަދަ ނެޓްވޯކެއް ދޫވެ ގައުމުން ބޭރަށް މަޖާކުރަން ދިޔަ ވާހަކަ ހުރިހާ ރައްޔިތުން އައްސަވާނެއެވެ.

މިއީ ސަމާސާ އެއް ނޫނެވެ. ހަގީގަތެކެވެ. މިވަރުވީމާ ރައްޔިތުން ބަސް ބުނާނެތާއެވެ!

 

 

 

 

Loading

One Response

  1. އިންޑިއާގެ ކަޕަލް ތައް ފާސްކޮށް ހުށްޓުވާ. އެކަންވެސް ދެން ނުކުރެވޭނެތާ އިންޑިއާއަށް ކަނޑާއި ވައިގެ ސަރަހަށްދު ވިއްކާލައިފާވުމުން ދެން ވާނެ ހައެތި މިވީއެވެ. ދެން ހަމަ ރަނގަޅުވާނީ ވެރިކަން ކުރެވޭނެފަދަ ގަދަ ވެރިޔަކަށް ޗާންސް ދިނުމެވެ. އެނޫންގޮތަކަށް ގައުމު ދެން ސަލާމަތެއް ނުކުރެވޭނެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް