އިންޑިއާގެ މިލިޓްރީއަކަށް ރާއްޖޭގެ ފަސްގަނޑުގައި ޖާގައެއްނެތް ކަމަށާއި އިންޑިއާގެ ޢަސްކަރިއްޔާ ޖެހޭނީ ރާއްޖެއިން ބޭރުވާންކަމުގައި ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމް ތަކުރާރުކޮށް ވިދާޅުވެއްޖެއެވެ.
”އިންޑިއާ ޖެހޭނީ ބޭރުވާށޭ! އިންޑިއާގެ އަސްކަރިއްޔާ ރާއްޖެއިން ބޭރުވާށޭ!“ ރާއްޖޭގައި އުޅޭ އިންޑިއާގެ ޢަސްކަރިއްޔާއާ ދެކޮޅަށް ތުލުސްދޫގައި ހުކުރު ދުވަހު ހަވީރު ބޭއްވި ބޮޑު އަދި ފޯރީގަދަ އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވިއެވެ. ”އެމީހުންނަކަށް ދިވެހިރާއްޖޭގެ ފަސްގަނޑުގައި ޖާގައެއްނެތޭ! އެއްވެސް ގޮތަކަށް ޖާގައެއްނެތް.“
ރައީސް ޔާމީނުގެ ވާހަކަފުޅުގައި ވިދާޅުވީ ދިވެހީންނަކީ އިންޑިއާއާއި އެއްފިކުރުގެ ބައެއް ނޫންކަމަށާއި އެއް އަމާޒަކަށް މަސައްކަތް ކުރާ ބައެއް ވެސް ނޫންކަމަށެވެ.
”އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ ދާޚިލީކަންތައްތަކުގައި ބޭރު މީހުންނަށް ޖާގަދޭން ބޭނުންވާ ބައެއްނޫން. އެހެން ނަމަވެސް މިސަރަހައްދަށް ނުކަތައިގެން އުޅޭ ބަޔަކީ އިންޑިއާ. އިންޑިއާ މި ހުރިހާ ތަނަކަށް ނުފޫޒުފޯރުވާން މި ކުރާ މަސައްކަތް އެންމެފަހުން މިލައްވާލީ އަޅުގަނޑުމެންގެ ގޮޑުދޮށަށް.“ ރައީސް ވިދާޅުވިއެވެ. ”ނާންކަމާއި ބިރުވެރިކަމުގެ ޑަނޑޫރާތައް ޖަހާ އަޑު މިއިވެނީ. އިންތިޒާރު މި ކުރެވެނީ މިކަހަލަ ބިރުވެރިކަންކަމަށް. އެހެންވީމާ ދިވެހި ފަސްގަނޑުން އެއްގޮތަކަށް ވެސް އިންޑިއާއަށް އެއްވެސް ޖާގައެއް ދޭކަށް އަޅުގަނޑުމެން ބޭނުމެއްނުވޭ.“
ރައީސް ޔާމީނުގެ ވާހަކަފުޅުގައި މާލެއަތޮޅުގެ ބައެއް ރަށްރަށުގެ ނަން ވިދާޅުވެ އެ ރަށްރަށުގައި އޮތް (އިންޑިއާ އައުޓުގެ) ރޫހު މުޅި ރާއްޖެއަށް އާންމުކޮށްލަން ޖެހޭ ކަމުގައި ވިދާޅުވިއެވެ. އަދި އެ ޖޯޝާއި ފޯރީ މިއަށްވުރެ ބޮޑެތި އަތޮޅުތަކަށް ފޯރައިފިކަން ޔަގީން ކުރެވޭ ކަމަށް ވެސް ވިދާޅުވިއެވެ.
”އެހެންވިމާ އެ ފޯރީގައި އަޅުގަނޑުމެން މަސައްކަތްކުރާކަމަށް ވަންޏާ މިވަގުތު އިންޑިއާ މިލިޓްރީ ތިބި ސަރަހައްދުތަކުން ވެސް އެމީހުންނަށް ބުނާނީ ނޫނެކޭ. ހަމަޔަގީނުން އަޅުގަނޑާއި އަޅުގަނޑުގެ ޕާޓީން ބުނާނީ ނޫނެކޭ.“ ރައީސް ޔާމީނުގެ ވާހަކަ ޖޯޝާއެކު ކުރިއަށް ގެންދެވިއެވެ. ”އަޅުގަނޑުމެން ބޭނުމެއްނޫން އިންޑިއާއަށް އިތުރަށް ޖާގަދޭކަށެއް. އިންޑިއާގެ ޢަސްކަރިއްޔާގެ އެއްވެސް މީހަކަށް ދިވެހި ރާއްޖެއިން ޖާގައެއް ދޭކަށް އަޅުގަނޑުމެން ބޭނުމެއްނޫން. އަޅުގަނޑުމެންގެ ދައުވަތަކަށް ނޫން އައިސް އެއުޅެނީކީއެއް. އެއީ ރައީސް ޞާލިޙު ކުރައްވައިގެން އުޅުއްވާކަމެއް.“
އިންޑިއާގެ ސިފައިން ރާއްޖޭގައި ބައިތިއްބަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނުން ފުރުސަތު ލިބިދީފައިވާ ކަމަށާއި ރައްޔިތުން ތިބި ގޮތެއް ބެލުމަށްޓަކައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުން އޮތީ ކިހިނެއްތޯ ބަލާލަން ފެންނަކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
”މިވޯޓު ނެގީމާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ވެސް އެނގޭނީ ސަރުކާރަށް ވެސް އޮތީ ކިހާ ސަޕޯޓެއްކަން. އަޅުގަނޑަށް ފެންނަނީ މިހާރު ވޯޓެއް ނަގައިފިއްޔާ ސައްޕު ޖަހާފައި ބޭރުކުރާނޭ. އެއީ ރައްޔިތުންގެ ވިންދު ހުރިގޮތް. އަޅުގަނޑުމެންގެ ދިވެހީންގެ ބޮޑު އަޣުލަބިއްޔަތު އޮތީ އެ ގޮތުގައި.“ ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވާހަކަފުޅުގައި އިންޑިއާ ސަރުކާރުގެ ފަރާތުން ދަނީ ރާއްޖޭގެ ދާޚިލީ ކަންތައްތަކަށް ބާރު ފޯރުވަމުން ނޫސްވެރިން ބަންދުކުރުމަށް އަންގަމުން ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖެއަށް އެކިއެކި ފިއްތުންތައް މެދުވެރިކުރުމަށް މަސައްކަތް ކުރަމުން އެބަދާކަން ވެސް ހާމަކުރެއްވިއެވެ.
”ޝައްކެވެސް ނެތް އިންޑިއާއަކީ އަޅުގަނޑުމެންގެ އަވަށްޓެރިގައުމެއް. އަޅުގަނޑުމެންގެ ރަހުމަތްތެރި ރައްޔިތުން ދިރިއޅެމުންދާ ގައުމެއް. އަޅުގަނޑުމެންގެ އެތައް ގިނަ ބޭނުންތަކެއް ފުއްދުމަށްޓަކައި އިންޑިއާއަށް އަޅުގަނޑުމެން ބަރޯސާވާން އެބަ ޖެހޭ.“ ރައީސް ޔާމީން ވިދާޅުވިއެވެ. ”އަޅުގަނޑުމެންގެ މިނިވަންކަމާއި އަޅުގަނޑުމެންގެ ދީން ހިމާޔަތްކުރަން އަޅުގަނޑުމެން މިކުރާ މަސައްކަތުގައި އިންޑިއާގެ އަސްކަރިއްޔާ މިތާގައި ތިބުމަކީ މިކަންކަމަށް އޮތް ހައްލެއްނޫން. އަޅުގަނޑުމެން ބޭހަށް ނުދެވޭކަމަށް ވަންޏާ ބޭހަށް ނުގޮސްތިބޭނީ އަޅުގަނޑުމެން އެހެން ގޮތްގޮތުން އަޅުގަނޑުމެންނަށް ބޭނުންވާ ކަންތައްތައް ފުއްދޭތޯ ބަލާނީ.“
ރައީސް ޔާމީން އިސްވެ ހުންނަވައިގެން ޕީޕީއެމް-ޕީއެންސީން ކުރިއަށް ގެންދާ ”އިންޑިއާގެ މިލިޓްރީ އައުޓު“ ހަރަކާތަށް ލިބޭ ތާއިދު ބޮޑުވެ އިންޑިއާ ސިފައިން މިގައުމުން ބޭރު ކުރާށޭ ބުނެ މުޅި ރާއްޖޭގައި އެ ހަރަކާތް ފުޅައުވަމުން ދާއިރު އެއީ މަދު ބަޔަކު ހިންގާ ނޭދެވޭ އަމަލެއްކަމަށް ބުނެ އެމްޑީޕީގެ ބައެއް މެންބަރުން ދޮގު އަޑު ފަތުރަމުންދާތީ ވަރަށް ގިނަ ބަޔަކު ތިބީ ހައިރާންކަމެއްގެ ތެރޭގައެވެ.
ރާއްޖޭގައި އުޅޭ އިންޑިއާގެ ސިފައިންނާ ދެކޮޅަށް ބުރާސްފަތި ދުވަހު ވެސް ޕީޕީއެން-ޕީއެންސީން ވަނީ މާލެއަތޮޅު ގުރައިދޫގައި ބޮޑު ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި ވެސް ރައީސް ޔާމީން ވަނީ އިންޑިއާގެ ސިފައިން ރާއްޖެއިން ފޭބުމަށް ގޮވާލައްވާފައެވެ.
”އިންޑިއާ އައުޓު“ގެ ހަރަކާތްތައް ފުޅާކުރަން ރާއްޖޭގެ އެކި ކަންކޮޅު ތަކަށް ދަތުރުތައް ކުރުމަށް ޕީޕީއެން-ޕީއެންސީ ކޯލިޝަނުން ވަނީ ރާވާފައެވެ.
ޚަބަރު ލިބިފައިވާ ގޮތުގައި ދެން ބައްދަލުވުންތައް ބާއްވާނެ ރަށްރަށް ވަރަށް އަވަހަށް ޕީޕީއެމުން ހާމަކުރާނެއެވެ.
2 Responses
މީ ކޮންތާކު މަރުމޯލެއް!
އިންޑިއާގެ މިލިޓަރީ ހަމަ ބޭރުވާން ޖެހެއެވެ. މިސަރުކާރުން ހަމަ އަމިއްލަ އެދުމާއިހެދި ދެގައުމުގެ ރައްޔަތުންގެ މެދުގައި ބޮޑު ފިތުނައެއް މި އުފެއްދީއެވެ. ވަރަށްދެރަ.