ކޮވިޑް-19 ގެ އިތުރު ވޭރިއަންޓެއް ކަމަށްވާ ”އޮމިކްރޮން ވޭރިއަންޓް“ ފަލަސްތީނުން ވެސް ފެނިއްޖެ އެވެ.
ފަލަސްތީންގެ ހެލްތު މިނިސްޓްރީން މިއަދު ބުނީ އެގައުމުން ތިން މީހަކު އޮމިކްރޮން ވޭރިއަންޓަށް ފައްސިވެފައިވާ ކަމަށެވެ. ފަލަސްތީން ހެލްތު މިނިސްޓްރީގެ ތަރުޖަމާން ކަމާލް އަލް-ޝަރާހް ވިދާޅުވީ ތިން ސިޓީއެއްގައި ދިރިއުޅުނު ތިން މީހަކު ފަލަސްތީނަށް އެނބުރި އައިފަހުން އެމީހުން އޮމިކްރޮން އަށް ފައްސިވެފައިވާ ކަމަށެވެ. ނަމަވެސް އެތިން މީހުން ފަލަސްތީނަށް އައީ ކޮން ގައުމުތަކަކުން ކަމެއް ތަރުޖަމާން ހާމައެއް ނުކުރައްވައެވެ.އެމީހުންނަކީ ރާމަﷲ، ހެބްރޮން އަދި ތުބަސް ގެ ދިރިއުޅޭ ރައްޔިތުން ތަކެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ތިން މީހުން ވެސް މިހާރު ތިބީ ހުޅަނގު އައްސޭރީގައެވެ. ހުޅަނގު އައްސޭރީގެ ބޮޑު ސަރަހައްދެއް އޮންނަނީ އިސްރާއީލުން ހިފާފައެވެ. އިސްރާއީލުން މިހާތަނަށް 67 މީހަކު ވަނީ އޮމިކްރޮން އަށް ފައްސިވެފައެވެ. އިސްރާއީލުން ވަނީ އޮމިކްރޮން ފެތުރެން ފެށުމުން ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ބޭރު ގައުމުތަކުގެ މީހުން އިސްރާއީލަށް ދަތުރު ކުރުން ވެސް ވަނީ މަނާކޮށްފައެވެ.
ފަލަސްތީންގެ ކަމާބެހޭ އިދާރާތަކުން ގެންދަނީ އޮމިކްރޮން އަށް ފައްސިވި ތިން މީހުންނާއި ގާތުން ބައްދަލުވި މީހުން ދެނެގަނެ އެމީހުން ކޮވިޑަށް ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އެންމެ ފުރަތަމަ އޮމިކްރޮން ވޭރިއަންޓް ފެނިފައިވަނީ އެފްރިކާއިންނެވެ.