ދަތި ފިލާވަރަށް ފައިސާ ދީފިނަމަ ދިވެހި މުސްލިމުން އެބައި މީހުންގެ ދުލިބާލާނެ

Loading

December 16, 2021
profile
Facebook
Twitter
WhatsApp
maldives news

މިހާރަކަށް އައިސް ދިވެހި ބައެއް މުސްލިމުންގެ ޢަޤީދާ ބަލިކަށިވެ، ފައިސާއަށް ޓަކައި އިސްލާމް ދީން މަނާކުރާ އެތައް ކަމެއް ކުރަމުން އެބަގެންދެއެވެ. އެގޮތުން ރިޝްވަތު ހިފުމާއި ވައްކަން ކުރުމާއި ހުއްދަނޫން ގޮތްގޮތަށް ފައިސާ ހޯދުން ފަދަ ޙަރާމް ކަންކަން މިވަނީ ޢާންމު ވެފައެވެ. ކިތަންމެ ފައިސާއެއް ތިމާގެ އަތުގައި ހުއްޓަސް މަރުގެ ކުރިމަތީގައި އެފައިސާއިން ކުރާނެ އެއްވެސް މަންފާއެއް ނެތެވެ. މަރުވެގެން ދާހިނދު އެންމެ ފައިސާ ފޮއްޗެއް ވެސް ނުގެންދެވޭނެ އެވެ. ކަން މިހެން ހުރިނަމަވެސް ގިނަ މީހުންނަކީ ފައިސާގެ ބޭނުމުގައި ތިމާގެ ވަށައިގެންވާ އެހެން އިންސާނުންނަށް ކޮންމެފަދަ ގެއްލުމެއް ވިއަސް ތިމާގެ އަމިއްލަ ބޭނުން ފުއްދާ މީހުންނެވެ.

އެގޮތުން އަނިޔާވެރީން ގައުމުގެ އިސް ސަފަށް ގެނައުމަށް ޓަކައި ތިމާގެ އަމިއްލަ މިނިވަންކަމާއި އެހެން މީހުންގެ މިނިވަންކަމަށް ބެލުމެއްނެތި ގިނައިން ފައިސާދޭ މީހަކު ބުނާހާ ކަމެއް ކުރުމަކީ މިއަދު ދިވެހި މުޖުތަމަޢުން ފެންނާން އޮތް ހަގީގަތެކެވެ.

ފައިސާއަކީ އިންސާނާ މަގުފުރައްދާ އިބިލީހެވެ. ގައުމެއް އަމާންކަން މަތީގައި ދެމިއޮންނާނީ ރައްޔިތުން ގައުމަށް އިޚުލާޞް ތެރިވާ މިންވަރެއްގެ މައްޗަށެވެ. މިއަދު ތިމާއަށް ހައްގު ނޫން ގިނަ ފައިސާތަކެއް ލިބިދާނެއެވެ. އެފައިސާ އިން ތިމާގެ އަނބިދަރިންނަށް ކާން ބޯން ދޭއިރު ތިމާ ލޯބިވާ ޢާއިލާއަށް ކާން ބޯން އެދެވެނީ އަލިފާން ކަން އެނގެންވާނެއެވެ. ކޮންމެ އިންސާނަކުމެ ﷲ ގެ ކުރިފުޅުމަތީގައި ހުއްޓި ހުރެ މިކަންކަމަށް ޖަވާބު ދާރީ ވާންޖެހޭނެ ދުވަސް އަންނާނެ ކަމީ ޝައްކެއް ހުރިކަމެއް ނޫނެވެ. އެހެނަސް ބައެއް މީހުންނަކީ ދުނިޔޭގެ ލައްޒަތާއި ޖާހަތަށް ޓަކައި ކޮންމެ ގޮތަކުން ވިޔަސް ފައިސާ އަށް ހެއްލި ތިމާގެ ވަށައިގެންވާ މީސްތަކުންގެ ހައްގުތަކަށް އަރައިގަންނަ މީހުންނެވެ.

ކަން އޮތީ މިހެން ކަމުގައި ވިޔަސް ގައުމާއި ރައްޔިތުންނަށް ޣައްދާރު ވެފައި ސިޔާސީ ފަރާތްތަކާއެކު ފައިސާއަށް ހެއްލި ގައުމުގެ މިސްރާބު ބަދަލު ކުރުމަށް އެވެރިންނާއެކު މަސައްކަތް ކުރުމަކީ އަންނަނިވި ޖީލުތައް ނީލަންކިއުންފަދަ ނުރައްކާތެރި މެސެޖެކެވެ. ގައުމެއް ހެޔޮގޮތުގައި ބިނާ ކުރެވޭނީ ރައްޔިތުންގެ މައްޗަށް ލޯތްބާއި ކުލުނާއި ރަޙުމާއި ހަމްދަރުދީ އިން ފުރިގެންވާ ފަރާތަކަށެވެ. އެފަދަ ފަރާތަކަށް އެދި ގައުމު އެދަނީ ރޮއި ގޮވަމުންނެވެ. އިއްޔެ ލޮލަށް ފެނުނު ހިތާމައިން ފުރިގެންވާ އަނިޔާވެރިކަން ތަކުރާރު ވިޔަނުދިނުމަށް ޓަކައި ގައުމު އެކީ ތެދުވާން ޖެހެނީ ތިމާޔާއި ތިމާގެ ޢާއިލާ އާ ގައުމުގެ އެންމެހައި ފަރުދުންގެ ހައްގުގައެވެ.

އަންނަ ރިޔާސީ އިންތިޚާބަށް ބައެއް ސިޔާސީން ތައްޔާރު ވަމުން އަންނައިރު ވެރިކަމުގެ ނިޒާމު ބަދަލުވެ ރިޔާސީ އިންތިޚާބެއް ނުއޮންނާނެ ކަމަށް ބައެއް ސިޔާސީ ލީޑަރުން އެބަ ވިދާޅުވެއެވެ. އެގޮތުން ބަރުލަމާނީ ނިޒާމް ގެނައުމަށް ޓަކައި ގިނަ އަދަދެއްގެ ރައްޔިތުން ދަނީ ޕެޓިޝަނެއް ހުށަހެޅުމަށް ތައްޔާރު ވަމުންނެވެ. ރައްޔިތުން ހުށަހަޅާ މިދެންނެވި ޕެޓިޝަނުގައި ގައުމުގެ އަޣުލަބިއްޔަތު ލިބޭނެ މިންވަރަކަށް ސޮއި ލިބިއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުން ގާނޫނު އަސާސީއަށް ބަދަލު ގެނެސް ވެރިކަމުގެ ނިޒާމު ބަދަލު ކުރާނެއެވެ. އޭރުން ރައްޔަތުންގެ ވޯޓަކަށް ނުގޮސް ނިޒާމު ބަދަލު ކުރެވޭނެއެވެ.

މިހާރު މިދާގޮތުން މަހުޖަނުންނަށް ގައުމުގެ ވެރިކަން ހޯދަން ފަސޭހަވެގެން ދާނެއެވެ. އެ ގޮތަކީ ރައްޔިތުންގެ މަޖިލީހުގެ ގިނަ ގޮނޑި ކާމިޔާބު ކުރަން ފައިސާ ހުރި ފަރާތްތަކަށް ފުރުސަތު ލިބިގެން ދިއުމެވެ. މިހެން ވެއްޖެނަމަ ވޯޓު ވިއްކުމުގެ އެއް މަރުޙަލާ ނިމިގެންދާނެއެވެ. ސިޔާސީ ފަރާތްތަކަށް ވޯޓު ގަންނަން ލިބޭ ހަމަ އެކަނި ފުރުސަތަކީ ރައްޔިތުންގެ މަޖިލިސް ގެ އިންތިޚާބެވެ.

އިންތިޚާބެއް ކުރިމަތި ވުމުން ރަށްރަށާއި މާލޭގެ ނަންހިނގާ ފަރާތްތަކާއި ސިޔާސީ ވެރިން ބައްދަލުކުރެއެވެ. އެއީ ހަމައެކަނި ވޯޓު ހޯދުމުގެ ބޭނުމުގައި ބައްދަލު ކުރާ ކުރުމެކެވެ. މިގޮތަށް ވިޔާފާރި ކުރާ ނަން މަޝްހޫރު ބައެއް ފާރާތްތައް އެވެރިންގެ ގުއި ރޯނުގައި ޖައްސައެވެ. ވެރިކަން ލިބިއްޖެނަމަ އެވެނި މިވެނި ކަން ކަން ކޮށްދޭނެ ކަމަށް ބުނެއެވެ. އަދި މީގެ އިތުރުން ސިޔާސީ ކޮންމެވެސް ބޮޑު މަގާމެއް ދޭނެ ކަމުގެ ހުވަފެން ދައްކައި ހައްލާލައެވެ.  މިގޮތަށް ފައިސާއަށް ހެއްލޭ މީހުން ގިނަވުމުގެ ސަބަބުން އަނިޔާވެރިން ގެ މުށުތެރެއަށް ގައުމު ވަދެގެން އެބަދެއެވެ. މިހެން ދިމާވުމުން ގައުމާއި ރައްޔިތުންގެ ދިފާޢުގައި ވަކާލާތު ކުރާނޭ  އެކަކުވެސް ނުހުރެއެވެ. އިދިކޮޅުން ބުނާ ވާހަކައެއްގެ އަޑު ވެރީންގެ ކަންފަތަކަށް ނުއިވޭނެއެވެ. އެހެންކަމާއެކު މިގައުމުދެކެ ލޯބިވާ އިޚުލާޞްތެރިން އަނިޔާ ވެރިންނާ ގުޅިގެން ރައްޔިތުންގެ ކުރިމަގު ބަންދު ނުކުރުމަށް އިލްތިމާސް ކުރަމެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް