ރަހީނުކުރުމަށްފަހު މަރާލައި ފޮއްޓަކަށްލައި އެއްލައިލި 13 އަހަރުގެ ފިރިހެން ކުއްޖާގެ މަރުގެ މައްސަލައިގައި ދައުވާލިބޭ ދެ މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ދަމަހައްޓައިފިއެވެ.
މިމައްސަލާގައި ދަޢުވާކޮށްފައިވަނީ ނ.ލަންދޫ، ބަގީޗާގޭ އިބްރާހިމް ޒިހާނާއި އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖެއްގެ މައްޗަށެވެ. މި މައްސަލައިގެ ޝަރީއަތް ކުރިއަށްގެންދަން ކޯޓުން ނިންމާފައިވަނީ ސިއްރުކޮށްގެންނެވެ.
މިމައްސަލާގައި އިއްޔެ ކޯޓުން ވަނީ މި ދެމީހުން ބަންދުން ދޫކޮއްލަންޖެހޭ ހާލަތެއް ނެތްކަމަށް ކަނޑައަޅައި ބަންދުގައި ބަހައްޓަން ނިންމާފައެވެ.
ރަހުމްކުޑަކޮށް މަރައި އެއްލައިލި ކުޑަކުއްޖާގެ މަރުގެ މައްސަލާގައި މި ދެ މީހުން ހައްޔަރުކުރީ މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހުގެ ރެ އެވެ.
ކުޑަކުއްޖާ މަރާލި މަރާލި މައްސަލައާ ގުޅިގެން ޒިހާންގެ މައްޗަށްކުރާ 13 ދައުވާ ކްރިމިނަލް ކޯޓުގެ އަޑުއެހުމުގައި އިއްވުމުން، އޭނާވަނީ އެ ދައުވާތައް ސާފުވާކަމަށް ބުނެފައެވެ.
މިމައްސަލާގައި ޒިހާންގެ މައްޗަށް 7 ބާވާތެއްގެ 13 ދައުވާއެއް އުފުލާފައިވެއެވެ. އޭގެތެރޭގައި ގަސްތުގައި މީހަކު މެރުން، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމާއި ކުޑަކުއްޖަކަށް މަސްތުވާތަކެތި ދީގެން ޖިންސީ ގޯނާކުރުމުގެ އިތުރުން މައްޔިތެއްގެ ބޭނުން ނަހަމަގޮތުގައި ހިފުމުގެ ދައުވާވެސް ހިމެނެއެވެ.
އެ ދައުވާތައް ސާބިތުވެއްޖެނަމަ 100 އަހަރަށްވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް އޭނާއަށް އައުން އެކަށީގެންވާކަމަށް ޕީޖީން ވިދާޅުވިއެވެ.
ޕީޖީން ބުނީ މިމައްސަލައިގައި ދެން އޮންނަ އަޑުއެހުމުގައި ހެކި ރައްކާތެރިކުރުމާއި ގުޅޭ ގޮތުން ގޮތެއް ނިންމާނެކަމަށެވެ.
މިމައްސަލައިގައި ހައްޔަރުކޮށްފައިވާ ކުޑަކުއްޖާއަށް ތިން ދައުވާއެއް އުފުލާފައިވާ ކުޑަކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސް ބަންދުކުރަން ދަޢުލަތުން އެދުނުނަމަވެސް މިވަގުތު ކުޑަކުދިން ބައިތިއްބާ ޖަލުތަކުގެ ހާލަތު ރަނގަޅުނޫންކަމަށް ހިއުމަންރައިޓްސް ކޮމިޝަނުން ފާހަގަކުރައްވާފައިވާތީ، ކޯޓުންވަނީ އޭނާ ގޭބަންދުގައި ބަހައްޓަން ކުރިންކުރި އަމަރު ދަމަހައްޓާފައެވެ.
ކުޑަކުއްޖާ ރަހީނު ކޮށްގެން ގެންގުޅުމަށްފަހު އޭނާ މަރާލާ އެއްލާލާފައި އޮއްވާ ފެނުނީ މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހުގެ ރޭ މެންދަމު އެވެ. މިކުއްޖާ އަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަމުގެ ނިޝާންތައް ހަށިގަނޑުން ފެންނަންހުރިއިރު މަރުގެ ހަގީގަތްހޯދުމަށް ޕޯސްޓްމޯޓަމް ވެސް ވަނީ ހަދާފައެވެ.