މަނީލޯންޑްރިންގެ ކުށުން ރައީސް ޔާނީން މިނިވަން ވެއްޖެއެވެ.
ސްޕްރީމް ކޯޓުގައި މިއަދު އޮތް ޝަރީޢަތުގެ މަޖިލީހުގައި ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލް އުސްތާޒު މަޙާޒު ޢަލީ ޒާހިރު ކުރެއްވި ހުކުމުގައި ވިދާޅުވެފައި ވަނީ ދަށު ކޯޓުތަކުން ރައީސް ޔާމީނުގެ މައްޗަށް ކޮށްފައިވާ ހުކުމް ބާޠިލުކުރައްވާފައެވެ. އެ ހުކުމް ބާޠިލު ކުރައްވާފައި ވަނީ މައްސަލަ ބެއްލެވި ސްޕްރީމް ކޯޓުގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ރައީސް ޔާމީނަށްގެ މައްޗަށް ކްރިމިނަލް ކޯޓުން މީގެ ދެ އަހަރާއި ދެ ދުވަސް ކުރިން މަނީލޯންޑްރިންގެ ކުށް ސާބިތުވާކަމަށް ހުކުމް ކޮށްފައިވާއިރު ހައިކޯޓުން ވެސް ވަނީ އެހުކުމަށް ތާއިދުކޮށް އެކުމް ދަމަހައްޓާފައެވެ. ނަމަވެސް ސްޕްރިމް ކޯޓުގައި މިއަދު އިސްތިއުނާފީ މަރުހަލާގެ ހުކުމް ކުރެއްވުމަށް ބޭއްވި މަޖިލީހުގައި ފަޑިޔާރު މަޙާޒު ޢަލީ ޒާހިރު ވިދާޅުވެފައި ވަނީ އެސްއޯއެފް ކުންފުނިން ރައީސް ޔާމީނުގެ އެކައުންޓަށް ޖަމާކުރި ފައިސާއަކީ ކުށްކޮށްގެން ހޯދި ފައިސާކަން އެނގެން ނެތްކަމަށެވެ.
”ކުށުގެ ވާގިއާއާ ގުޅޭ އެއްވެސް މަރުހަލާއެއްގައި ތަހުގީގެއް ނުކުރެވޭ.“ ފަނޑިޔާރު މަޙާޒު ވިދާޅުވިއެވެ.
ރައީސް ޔާމީނުގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާކޮށް މައްސަލަ ސާބިތުވާކަމަށް ކްރިމިނަލް ކޯޓާއި ހައިކޯޓުން ހުކުމް ކުރި އިރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާއެއްކަން އެއްވެސް މަރުހަލާއެއްގައި ސާބިތުވެފައެއްނުވެއެވެ. އެ މައްސަލައި ގައި ރައީސް ޔާމީނުގެ މައްޗަށް ކުރެވިފައި އޮތީ ހަމައެކަނި އާދައިގެ ތުހުމަތެކެކެވެ. ރައީސް ޔާމީނުގެ މައްޗަށް ކުރެވިފައިވާ ހުކުމް ބާޠިލުކުރަން ޖެހުނު މައިގަނޑު ސަބަބަކަށް ވީވެސް ޔާމީނުގެ އެކައުންޓަށް ޖަމާކުރި އެއްމިލިއަން ޑޮލަރަކީ ”ވަގު ފައިސާ“ކަމަށް ސާބިތުކޮށް ނުދެވުމެވެ.
ގއ. ވޮޑަމުލާ ކިޔާ ރަށެއް ކުއްޔަށް ދޫކުރުމުގައި ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރު، އެމްއެމްޕީއާރްސީ ޚިޔާނާތުގެ ފައިސާ ޖަމާކުރި އެސްއޯއެފް ކުންފުނިން ޔާމީންގެ އެކައުންޓަށް ޖަމާކުރުމުން އެ ފައިސާގެ އަސްލު އޮޅުވާލައި ލޯންޑާކުރި ކަމުގެ ކުށުގައި ޔާމީން ޖަލަށް ލާން ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުން ހުކުމް ކުރީ ނޮވެމްބަރު 28، 2019 ގަ އެވެ.
ރައީސް ޔާމީން މިނިވަން ވުމާ ގުޅިގެން އެމަނިކުފާނަށް ތާއިދުކުރާ މީހުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ދަނީ އުފާ ފާޅުކުރަމުންނެވެ.