މ. މުލީގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެ ގެއަށް ގެއްލުންތަކެއް ވެއްޖެއެވެ.
ރަށު ކައުންސިލުން ބުނީ މި އަލިފާނުގެ ހާދިސާ ހިންގާފައިވަނީ އެރަށު މާފަހިގޭ ރޭ ހަތެއްޖެހިއިރުގައި ކަމަށެވެ.
ކައުންސިލުން ބުނީ އަލިފާނުގެ ހާދިސާ ހިނގީ އެގޭގެ ވަކިން ހަދާފައިހުރި މަސްކައްކާ ބަދިގެއެއްގައި މަސްކައްކަމުން ދިޔަ ވަގުތެއްގައި ކަމަށާ ނަމަވެސް އަލިފާން ރޯވިއިރު އެބަދިގޭގައި މީހަކު ނޫޅޭކަމަށެވެ.
މިހާދިސާގައި އެ ބަދިގެއާ އިންވެގެން ހުރި ކޮޓަރީގެ ފާރުގެ އިތުރުން ގޭގައި ބަހައްޓާފައިހުރި ދެ ފެންތާނގީވެސް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަދާފައެވެ.
ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާކަމަށް ވެސް ކައުންސިލުން ބުނެއެވެ.
އަލިފާންގަނޑު ނިއްވައިލީ އާންމުންނާއި ފުލުހުންނާ އެކު ކުރި މަސައްކަތުންނެވެ.