މަސްތުވާތަކެތި ވިއްކަން މަސައްކަތްކުރި މީހާއަށް ކުރި ހުކުމް ތަންފީޒު ކުރާނެ

Loading

Facebook
Twitter
WhatsApp

މެލޭޝިޔާ އާއި ސިންގަޕޫރުގެ ބޯޑަރު ސަރަހައްދުގައި މަސްތުވާތަކެތި ވިއްކަން މަސައްކަތް ކުރި އުމުރުން 33 އަހަރުގެ ނަގެންތުރާން ކޭ ދަރްމަލިންގަމް ފުލުހުން ހައްޔަރުކޮށްފައިވަނީ 2010 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އޭރު އޭނާގެ އުމުރަކީ 21 އަހަރެވެ. ފުލުހުން އޭނާ ހައްޔަރުކޮށްފައި ވަނީ ހަށިގަނޑުގައި 42.72 ގްރާމް ހެރޮއިން ފޮރުވައިގެން އުޅެނިކޮށެވެ.

ސިންގަޕޫރުގެ ގާނޫނުގެ ދަށުން 15 ގްރާމަށް ވުރެ ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާއެކު މީހަކު ފެނިއްޖެ ނަމަ އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވޭނެއެވެ. އެހެންކަމުން އެ ގައުމުގެ ހައިކޯޓުން ވަނީ އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވާފައެވެ. ނަގެންތުރާންގެ މައްސަލަ އަލުން ފެންމަތިވެފައި ވަނީ މިދިޔަ މަހުގެ ތެރޭގައެވެ. އެއީ އޮކްޓޯބަރު 26 ވަނަ ދުވަހު ސިންގަޕޫރްގެ ޕްރިސަން ސާރވިސްގެ ފަރާތުން ނަގެންތުރާންގެ މަންމައަށް ފޮނުވި ސިޓީއަކާ ގުޅިގެންނެވެ.

އެ ސިޓީގައި އޭނާގެ މައްޗަށް ކޮށްފައިވާ މަރުގެ ހުކުމް ނޮވެމްބަރު 10 ވަނަ ދުވަހު ތަންފީޒު ކުރާނެކަމަށާއި އާއިލާއަށް އޭނާއާ ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖައްސައި ދޭނެކަމަށް ބަޔާންކޮށްފައި ވެއެވެ. މި ސިޓީ ވަނީ މީސްމީޑިޔާގައި ވައިރަލްވެފައެވެ. އަދި އޭނާ ދޫކޮށްލުމަށް އެދި ހުށައަޅާ ޕެޓިޝަންއެއްގައި 75000 މީހުން ވަނީ ސޮއިކޮށްފައެވެ.

އޭނާއަކީ އައި ކިއު ދަށް މީހެއް ކަމަށާއި ބުއްދި ހަމަނުޖެހޭ މީހެއްކަމަށް ބުނެ، މިފަދަ މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުމަކީ އިންސާނިއްޔަތާ ޚިލާފް ކަމެއް ކަމުގައި ޕެޓިޝަންގައި ސޮއި ކުރި ފަރާތްތަކުން ވަނީ ވަކާލާތުކޮށްފައެވެ. ނަމަވެސް ސިންގަޕޫރުގެ ހައި ކޯޓުން ވަނީ މިކަން ދޮގުކޮށްފައެވެ. މިގޮތުން ހަތަރު ސައިކާޓްރިސްޓުން ލައްވައި އޭނާގެ އޮބްޒަވޭޝަނެއް ވަނީ ހަދާފައެވެ. އެރިޕޯޓުގައި ވަނީ އޭނާގެ ސިކުނޑީގެ އެއްވެސް އުނިކަމެއް ނެތްކަމަށާއި އޭނާއަކީ ބުއްދި ސަލާމަތުން ހުރި މީހެއް ކަމަށެވެ. މިކަމުގެ ހެއްކެއްގެ ގޮތުގައި އޭނާ ހައްޔަރު ކުރެވުނު ދުވަހުގެ ވީޑިޔޯތަކާއި އޭނާ ސަލާމަތްވުމަށް ފުލުހުންނަށް އޮޅުވާލަން ބޭނުންކުރި މަކަރުތައްވެސް ހައި ކޯޓުން ވަނީ ހާމަކޮށްފައެވެ. މިފަދަ ކަންކަން ބުއްދި ސަލާމަތުން ނެތް މީހަކަށް ނުކުރެވޭނެ ކަމަށް ހައިކޯޓު ހުކުމުގައި ވަނީ ބަޔާންކޮށްފައެވެ. އެހެންކަމުން އޭނާގެ މަރުގެ ހުކުމް ނޮވެމްބަރު 10 ވަނަ ދުވަހު ތަންފީޒުކުރާނެކަމަށް އެ ކޯޓުން ވަނީ އިއުލާނުކޮށްފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް