ހދ. ކުޅުދުއްފުށި ސިޓީގައި އަވަށްޓެރި ފުލުހުންގެ ހިދުމަތް ތައާރަފްކޮށްފިއެވެ.
ހޯމް މިނިސްޓްރީ އާއި ފުލުހުންގެ އިސްވެރިން ތިލަދުންމަތީގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުގައި ރޭ ކުޅުދުއްފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ހިދުމަތް އެ ސިޓީގައި ރަސްމީކޮށް ފައްޓަވައިދެއްވީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދެވެ.
އަވަށްޓެރި ފުލުހުންގެ ހިދުމަތަކީ، ހިދުމަތް ދިނުމުގައި އިންސާނީ ހައްގުތަކަށް އިހްތިރާމްކުރުން އިސްކޮށް ރައްޔިތުންނާ ގާތުން ޖަވާބުދާރީވުން މައިގަނޑު އަސާސެއްގެ ގޮތުގައި ބެލެވިގެން ފޯރުކޮށްދެވޭ ހިދުމަތްދިނުމުގެ ނިޒާމެކެވެ.
ކުޅުދުއްުފުށީގައި މި ހިދުމަތް ފައްޓަވައިދެއްވުމަށް ފަހު ކޮމިޝަނަރު ވިދާޅުވީ މި އަހަރު އަލަށް އަމަލުކުރަން ފެށި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ލާމަރުކަޒީކޮށް، އެ އިދާރާގެ ހިދުމަތްތައް ދިނުމަށާއި ފުލުހުންނާއި މުޖުތަމައާ ދެމެދު އޮންނަ ގުޅުން ރަނގަޅުކުރުމަށް ވަރަށް ބޮޑަށް ބާރުއަޅާފައި ވާތީ، މިއީ އެ މަސައްކަތުގެ ތެރެއިން ދެވޭނެ މުހިންމު ހިދުމަތެއް ކަމަށެވެ.
”ރައްޔިތުންނަށް ފުލުހުން ދޭ ހިދުމަތް އަލުން ތަރުތީބުކޮށް، ޑިމޮކްރެޓިކް ވެއްޓަކަށް އެކަށޭނެ ތަރައްގީވެފައިވާ ފުލުހުންގެ ހިދުމަތްތަކެއް މުޅި ރާއްޖެ އަށް ފޯރުކޮށްދިނުމަކީ ފުލުހުންގެ އަމާޒެއް،“ ހަމީދު ވިދާޅުވި އެވެ.
މީގެ އިތުރުން މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓްރ ވިދާޅުވީ އަތޮޅުތެރޭގައި ފަށާ އަވައްޓެރި ފުލުހުންގެ ހިދުމަތަކީ ދިވެހި ފުލުހުންގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭ އަމާންކަމާއި ރައްކާތެރިކަަމަށް ފެށިގެންދާ ވަރަށް މުހިއްމު މަސައްކަތެއްކަމަށާއި މި މަސައްކަތުގެ ނަތީޖާ ފެނިގެންދާއިރު ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން އިހުސާސް ކުރެވިގެންދާނެ ކަމަށެވެ.
މީގެ އިތުރުން އަމާންވެއްޓެއް ގާއިމުކުރުމަށްޓަކައި ކުރެވޭ މަސައްކަތުގެ ތެރެއިން އަވައްޓެރި ފުލުހުންގެ ހިދުމަތަކީ މުޅި މުޖުތަމައު ގުޅި ލާމެހިގެން ކުރަންޖެހޭ ކަމެއް ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.