ފުލުހުން ކުޑަކުއްކަޖަށް އަނިޔާކުރި ކަމަށް ބުނެ ސޯޝަލްމީޑީއާގައި ދައުރުވަމުން އަންނަ ވިޑިއޯއާ ގުޅިގެން އެ މައްސަލަ ބަލަން ފަށައިފިއެވެ.
މި ވީޑިއޯއަކީ އައްޑޫ ސިޓީގެ މަރަދޫ ފޭދޫގައި ފުލުހުން ކުޑަ ކުއްޖަކަށް އަނިޔާކުރި ކަމަށް ތުހުމަތުކޮށް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯކެވެ. މި ވީޑިއޯއިން ފެންނަނީ ކުޑަކުއްޖަކު ފުލުހުންނާއެކީ މަގުމަތީ ހަމައެކަނި ސޯޓެއް ލައިގެން ހުއްޓައެވެ.
އެކުއްޖާ ވީޑިއޯގައި ބުނެފައިވަނީ އޭނާގެ އަތުގައި ބިޑި އަޅުވާފައި އޭނާއަށް އަނިޔާ ކުރި ކަމަށެވެ. އަދި އޭނާގެ ގެއަށް ފުލުހުން ވަނީ ކޯޓް އަމުރަކާ ނުލާ ކަމަށްވެސް އެ ކުއްޖާ ބުނެއެވެ. އެކުއްޖާ ކޯޓް އަމުރުގެ ވާހަކަ ބުނަން ފަށާއިރަށް އެކުއްޖާ ވާހަކަދެއްކުން ހުއްޓުމަށް މީހަކު ބުނާ އަޑުއިވެއެވެ. ބެލެވޭގޮތުގައި އެހެން ބުނީ އެކުއްޖާ ކައިރީގައި ތިބި ފުލުހުންގެ ތެރެއިން މީހެކެވެ.
ފުލުހުން ބުނީ މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާ އެކަން ހިނގައިދިޔަ ގޮތާގުޅޭ މައުލޫމާތު ބަލަމުން އަންނަ ކަމަށެވެ.
އަދި މި މައްސަލައިގައި ފުލުހުން އަމަލުކުރަންޖެހޭ އުސޫލުތަކާ ހިލާފަށް ފުލުހުން އަމަލުކޮށްފައިވާނަމަ އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.