ދެން އޮންނަ ރިޔާސީ އިންތިޚާބެއްގައި ގިނަ ސިޔާސީ ޕާޓީތަކުން ގިނަ ކެންޑިޑޭޓުން ވާދަކުރަން ދުރާލައި އަންނަނީ ތައްޔާރު ވަމުންނެވެ.
ރައީސުލް ޖުމްހޫރިއްޔާއަކީ ގައުމުގެ ވަލިއްޔުލް އަމްރެވެ. ރައްޔިތުންގެ އެންމެހައި ހައްގުތަކާއި ރައްޔިތުންނަށް ކާންބޯން ދިނުމާއި ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމާއި ރައްޔިތުންގެ އަސާސީ ހައްގުތަކަށް ރައީސުލް ޖުމްހޫރިއްޔާ ރާއްކާތެރި ވާންޖެހޭނެއެވެ. ރައްޔިތުންނަށް ބޯހިޔާވަހިކަން ދޭންވާނީ ހަމައެކަނި 25 ބުރީގެ ޓަވަރުތަކަކުން ނޫނެވެ. އެއްވެސް ރައްޔިތަކު ކާނެ ބޯނެ އެއްޗެއް ނެތި ބަނޑަށް ހުރިތޯ ބެލުމަކީ ރައީސުލް ޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެކެވެ. ބޮޑާކަމާއި ކިބުރުވެރިކަން ދެއްކުމަށްޓަކައި ރައްޔިތުންގެ މުދަލާއި ފައިސާއިން އިސްރާފު ކޮށްގެން ނުވާނެއެވެ. އަދި ހަމަ އެހެންމެ ރައީސުލް ޖުމްހޫރިއްޔާ ކަމުގައި ވިޔަސް ވައްކަންކޮށް ކޮރަޕްޝަނުގެ ޢަމަލެއް ހިންގައިފިނަމަ އެމަނިކުފާނާ ހަމަޔަށް ވެރިކަމުގައި ހުންނެވިއަސް ގާނޫނުގެ ދިގު އަތް ފޯރާންޖެހޭނެއެވެ. ރައީސުލް ޖުމްހޫރިއްޔާއަކީ ދައުލަތުގެ އެންމެ އިސް، އެންމެ މަތީ ވެރިޔާއެވެ.
އެމަގާމަށް ރައްޔިތުން ގެންނާން ވާނީ ފަސްބައި ސާފު ބޭފުޅެކެވެ. ގައުމަށް ޣައްދާރުވެ ވައްކަން ކޮށް ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވެ ރައްޔިތުންނަށް އަނިޔާ ވެރިވާ ޒާތުގެ ބޭފުޅަކު ވެރިކަމަށް ގެންނާކަށް ނުވާނެ އެވެ.
ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ވާދަކުރައްވާ ބޭފުޅުންގެ ތެރޭގައި މިދެންވި ހުރިހާ ސިފަތަކެއް ލިބިގެންވާ މީހުން ހިމެނޭއިރު ފައިސާއަށް ވޯޓްގަނޑު ވިއްކާ ލައިފިނަމަ ހުރިހާ ގެއްލުމަކާއި ހަލާކެއް ކުރިމަތި ވާނީ ވެސް ރައްޔިތުންނަށެވެ.
ކުރިމަތިލައްވާ ކެންޑިޑޭޓުންގެ ތެރޭގައި ގިނައީ 2012ވަނަ އަހަރު ރައްޔިތުންގެ ވެރިކަން ވައްޓާލި ފަރާތްތައް ކަން ހަނދުމަފުޅު ބަހައްޓަވާށެވެ! އިރުއިރުކޮޅުން ވެރިކަން ވައްޓާލުމަކީ އޭގެ ހިތިވޭން ރައްޔިތުންނަށް ކުރާނެކަމެއްކަން ޔަގީނެވެ.
ފެބުރުވަރީ 8، 2012ވަނަ ދުވަހު ރާއްޖޭގެ ފުލުހުންނާ ސިފައިން މަގުތަކަށް ނުކުމެ ކުރިކަންތައް ނުދެކޭ ރައްޔިތަކު މިގައުމުގައި ނުހުންނާނެއެވެ. އެ ހާދިސާ ހިނގީ ކީއްވެގެންތޯ ހަނދާނަށް ގެނެސް އެފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަކަށް އަމަލުތައް ބައްޓަން ކުރަން އެބަޖެހެއެވެ. ރައްޔިތުން އަމިއްލަ ފައިދާއަށް ނުވިސްނައި މުޅި ގައުމުގެ މަންފާއަށް ވިސްނާނީ ކޮން ދުވަހަކުން ބާވައެވެ؟ ކޮންމެ މީހަކީވެސް ޒަރޫރީ ބޭނުންތައް ނުފުދިގެން ތެޅިފޮޅެމުން ދާ ރައްޔިތެކެވެ. މިހެން ވާން ޖެހެނީ ވެރިކަމުގެ ފަރާތުން ރައްޔިތުން ފުދުންތެރި ބަޔަކަށް ވިޔަ ނުދޭތީ އެވެ. ކޮންމެ ފަސް އަހަރަކުން އެއްފަހަރު ރައްޔިތުންގެ ވޯޓް ގަނެވޭނީ ރައްޔިތުން ޙާލުގައި ތިބިއްޔާ ކަން ޔަގީން ތާއެވެ!
ލާމަރުކަޒީ ނިޒާމު އޮތަސް އެނިޒާމު ހިންގަން ތިބޭ މީހުންގެ ޢިލްމީ ޤާބިލްކަން ނެތީވިއްޔާ ލިބޭ ފައިދާ ކުޑަވާނެއެވެ. ހޮވަންވީ ޢިލްމު ލިބިފައިވާ ކަމަށް އެކަށޭނަ މީހުންނެވެ. ގާތް މީހުން ކުރިމަތި ލާތީ އެމީހާ ހޮވުމުން ލިބޭނީ ގެއްލުމެވެ.
އެއްވެސް މަގާމަކަށް އެމަގާމަކާ އެކަށީގެން ނުވާ މީހަކު ހޮވިއްޖެ ނަމަ އެކަމުގެ ގެއްލުން ޙިއްޞާ ކުރަން ތިބޭނީ ރައްޔިތު އެންމެންކަން ވިސްނާން ވާނެއެވެ!
ރައްޔިތުންގެ މަގާމުތަކަށް ރައްޔިތުން ހޮވާ މީހުންނަކީ ޣައްދާރުން ކަމަށް ނުހެދުމަށާއި ކަމަށް އެކަށޭނަ ގާބިލު ތަޖްރިބާ ހުރި ހެޔޮލަފާ އިޚުލާޞްތެރި ބޭފުޅުން ޚިޔާރު ކުރުމަށް ވިސްނައި ފިކުރު ހިންގާލުމަށް އިލްތިމާސް ކުރަމެވެ.
ރައީސުލް ޖުމްހޫރިއްޔާ ވާންޖެހޭނީ ހެޔޮލަފާ ބޭފުޅަކަށެވެ. އަދި ރައީސުލް ޖުމްހޫރިއްޔާ ވާންޖެހޭނީ ކަމަށް ޤާބިލު ބޭފުޅަކަށެވެ. އެހެން ނުވެއްޖެނަމަ ހުރިހާ ގެއްލުމަކާއި ނުފޮރުއްޕާނެއް ކުރިމަތި ވާނީ ގައުމަށާއި ރައްޔިތުންނަށެވެ.
One Response
ނާޒިމާއި ޢަބުދުއްﷲ ރިޔާޒް ގެ މިލިޓަރީ ފެކްޝަނަށް ވެސް ތާއިދުކުރާ ކުދިންކޮޅެއް އުޅޭނެއެވެ. އަދި ހޯދައިފަހުރި ލާރިތަކުން މެމްބަރުން ގަނެގެން ފެއްޓޭނެވެސް މެއެވެ. ރައްޔަތުންވެސް ބޭނުންވަނީ ވަގުތީ ނަފާއެކެވެ. އެ ހެޔޮ މަންމަގެ ފަށްޓަރުބައި ވިއްކާލަން ދީގެންނަމަވެސް. ދިވެހި ގިނަ މީހުންގެ މިއަދުގެ ޙާލަތަކީ މިއީއެވެ. ހަމަޖެހިލާނެ އެއްޗެއް ބޯން ލިބުނަސް ވަސްބަލާލަން ލިބުނަސް ވޯޓް ދީފާނެއެވެ. ޙާލަތު އަދުމިވަނީ ބަދަލޭވެވިފާ ދުނިޔޭން ނިމުމެއްނުވާ ތިއައީ މަގޭ ލޯބިން އާލާވީ. ލަވަޔަކަށް މި ލައިރިކްސްވެސް ފުދެއެވެ.