74 ރަށުކައުންސިލް އިދާރާ އެއްގެ އިތުރުން އަތޮޅު ކައުންސިލް އިދާރާ އަކަށް އެސްޖީގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

Loading

Facebook
Twitter
WhatsApp

 

74 ރަށެއްގެ ރަށުކައުންސިލް އިދާރާ އެއްގެ އިތުރުން ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާގޮތުން ލޯކަލް ކައުންސިލުތައް އިދާރީ ހިންގުމުގެ އެންމެ އިސްވެރިޔާއަކީ ސެކްރެޓަރީ ޖެނެރަލްއެވެ.

ސެކެޓްރީ ޖެނެރަލުންގެ މަގާމަށް މުވައްޒަފުން އައްޔަން ކުރަނީ 5 އަހަރު ދުވަހުގެ މުއްދަތަކަށެވެ.

މިއީ މި މަގާމަށް ހުޅުވައިލި ދެ ވަނަ ފަހަރެވެ. ސިވިލް ސާވިސް ކޮމިޝަނުން ބުނީ ކައުންސިލް އިދާރާތަކަށް ސެކްރެޓަރީ ޖެނެރަލުން އައްޔަން ކުރުމަށް ކުރިން އިއުލާން ކުރި ނަމަވެސް ބައެއް ކައުންސިލްތަކަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާކަމަށެވެ.

އެކޮމިޝަނުން ކުރިން އިއުލާން ކުރީ 200 ސެކްރެޓަރީ ޖެނެރަލުން ހޯދުމަށެވެ. އެއީ ސިޓީ ކައުންސިލާއި އަތޮޅު ކައުންސިލް އަދި ރަށުކައުންސިލް ހިމެނޭހެންނެވެ. އޭރު ކުރި އިއުލާނާގުޅިގެން އެ މަގާމަށް 511 މީހަކު ކުރިމަތިލައިގެން ޝޯޓްލިސްޓްކުރީ 272 މީހުންނެވެ.

ސިވިލް ސާވިސް ކޮމިޝަނުން ބުނީ ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މީހަކު އައްޔަން ކުރަން އިއުލާން ކުރީ ކުރިން އެމަގާމަށް ހަމައެކަނި ކުރިމަތިލި ފަރާތުން އިންޓަވިއުއައް ހާޒިރުވެފައި ނުވާތީއެވެ.

ސެކްރެޓަރީ ޖެނެރަލުންގެ މަސްޢޫލިއްޔަތުގެ ތެރޭގައި ކައުންސިލްގެ އެންމެ އިސް އިދާރީ މުވައްޒަފެއްގެ ހައިސިއްޔަތުން ކައުންސިލްގެ ހިންގުމަށް ބޭނުންވާ އެންމެހައި އިންތިޒާމުތައް ހަމަޖައްސައި އިދާރާގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުން ހިމެނެއެވެ.

ކައުންސިލުން ތައްޔާރުކުރަންޖެހޭ ޕްލޭންތަކާއި ބަޖެޓާއި ރިޕޯޓުތައް ތައްޔާރުކުރުމާއި ކައުންސިލުން ނިންމާ ގޮތެއްގެ މަތިން ތަންފީޒުކުރުމާއި، ދައުލަތުގެ މާލިއްޔަތު ގާނޫނުގެ ބޭނުމަށް، ކައުންސިލްގެ ރައީސް ނުވަތަ މޭޔަރުގެ ލަފާގެ މަތިން، ކައުންސިލްގެ މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު އަދާކުރުމަކީވެސް އެސްޖީންގެ ޒިންމާއެކެވެ.

އަދި ކައުންސިލް އިދާރާގެ މަސައްކަތްތަކާ ގުޅޭގޮތުން ކައުންސިލްގެ ރައީސް ނުވަތަ މޭޔަރަށް ރިޕޯޓްކުރުމާއި ޖަވާބުދާރީވުމާއި، ކައުންސިލުން ނިންމާ ނިންމުންތަކާއި ކަނޑައަޅާ އުސޫލުތައް ތަންފީޒުކުރުމަކީވެސް ސެކްރެޓަރީ ޖެނެރަލުންގެ މަސްއޫލިއްޔަތެވެ. އަދި މީގެ އިތުރުން ކައުންސިލުން ފޯރުކޮށްދޭ މުނިސިޕަލް ހިދުމަތްތައް ކައުންސިލްގެ އިދާރާގެ މުވައްޒަފުން މެދުވެރިކޮށް ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖައްސައި، ކައުންސިލުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް އެ ހިދުމަތްތައް ފޯރުކޮށްދިނުމަކީވެސް އެސްޖީންގެ މަސްއުލިއްޔަތެވެ.

ސެކްރެޓަރީ ޖެނެރަލުންގެ މުސާރައާއި އިނާޔަތުގެ ގޮތުގައި ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަށް 35500 ރުފިޔާ ލިބޭނެއެވެ. އަދި އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި 21000 ރުފިޔާ އަދި ރަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި 16100 ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް