ގދ ތިނަދޫގެ މަޝްރޫއުތައް ކުރިއަށް ނުދާތީ ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުއްލާ ސަނީފް ހައުސިން މިނިސްޓަރު މުހަމަދު އަސްލަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވައިފިއެވެ.
ވ. ފެލިދޫގެ ރަށް ގިރުން ހައްލު ކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިއަދު ކުރިއަށް ގެންދިޔަ ގަރާރުގެ ބަހުސްގައި ވާހަކަފުޅުދައްކަވަމުން ސަނީފް ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރަން މިނިސްޓަރު އަސްލަމް އެކަށީގެންވާ މަސައްކަތެއް ނުކުރައްވާ ކަމަށެވެ.
”އަޅުގަނޑު ހާއްސަކޮށް ފާހަގަކޮށްލަން ޕްލޭނިން މިނިސްޓްރީ ހިންގުމާ ހަވާލުވެ ހުންނެވި މިނިސްޓަރު. އަޅުގަނޑުމެންގެ މިނިސްޓަރަކަށް މިއަދު ނުކުރެވޭ ރައްޔިތުންގެ ބޯހިޔާވަހި ކަމަކަށް އެޓެންޑެއް. ތިނަދޫ ކަހަލަ ރަށެއްގައި ވެސް ނުކުރެވޭ.“ ސަނީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ތިނަދޫގެ މަޝްރޫއުތައް ބަޖެޓުގައި ހިމަނައި ބައެއް މަޝްރޫއުތައް ފެށި ނަމަވެސް އެއްވެސް މަޝްރޫއެއް ނިމުމުގެ ކޮޅުމަތި ފެންނަމުން ނުދާކަމަށެވެ.
“ ހާއްސަކޮށް ޓާޓާ ކުންފުނި 2008 ގައި ވައުދުވެ ކޮނެފައި ހިލަ ގެންގޮއްސައި ސިމެންތި ގެންގޮއްސައި ހުރި ހުރިހާ އެއްޗެއް ގަނޑުވެ ހަލާކުވަމުންދާ އިރުވެސް އެ އެއްޗެތި ހުރީ. އާންމު ރައްޔިތުންގެ ގުދަން ވެސް އެއްކޮށް ހަލާކުވެގެން ދިޔައީ. މިއަކަށް ވެސް ކުރެވޭނެ ކަމެއް ނެތް. އެހެންވީމާ ހައުސިން މިނިސްޓަރު ޕްލޭނިން މިނިސްޓްރީއާ ދެ މަގާމު އަދާ ކުރަމުންދާ އިރު މިއަށްވުރެ ރަނގަޅަށް ތަސައްރަފު ފުދޭގޮތަށް މިކަން ކުރަން ޖެހޭ.“ ސަނީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށްނުދާތީ ތިނަދޫ ދާއިރާގެ މެންބަރުންނަށް ރައްޔިތުންގެ ފަރާތުން ޕްރެޝަރު އަންނަކަމަށެވެ.
އެހެންކަމުން ސަރުކާރުން ވައުދުވެފައިވާ ގޮތަށް ވައުދުތައް ފުއްދަން ސަރުކާރުގެ ކެބިނެޓްގެ ވަޒީރުން މަސައްކަތް ކޮށްދެއްވުމަށް ސަނީފް ވަނީ ގޮވާލައްވާފައެވެ.