ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު (އިބޫ) އެމްއެމް ޕީއާރުސީގެ ޚިޔާނާތުގެ ފައިސާގެ ތެރެއިން 35 މިލިއަން ރުފިޔާއާ ހަވާލުވެވަޑައިގެންނެވި ކަމަށް ޖުމްހޫރީ ޕާޓީގެ ރައީސް އަދި އިބޫގެ ސަރުކާރުގައި ޓުއަރިޒަމް މިނިސްޓަރކަން ކުރެއްވި ތޮއްޑޫ ޢަލީ ވަހީދު ވިދާޅުވެއްޖެއެވެ.
އިބޫ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރަކަށް ހުންނެވި ދުވަސްވަރު ރެހެންދި ފްލެޓުގައި ޕީޕީއެމް ސަރުކާރުގެ އޭރުގެ ޓްއަރިޒަމް މިނިސްޓަރ އަޙުމަދު އަދީބުގެ އަތްޕުޅުން 35 މިލިއަން ރުފިޔާ ގެންދެވި ވާހަކައާއި އެކަން ހިނގިއިރު އެތައް ބަޔަކު އެތަނުގައި ތިބި ވާހަކައަކީ އައު ވާހަކައެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވެސް ވަނީ އެ ވާހަކަ މަޖިލީހުގެ ތަޅުމުގައި ދައްކަވާފައެވެ. އެއީ ގައުމީ ފެންވަރުގެ ބޮޑު ތަހުގީގެއް ހިންގަން ޖެހިފައިވާ ބޮޑު ޖަރީމާއެކެވެ.
ހޯމަދުވަހުގެ ރޭ ޢަލީ ވަޙީދު އިނގިރޭސިވިލާތުގައި ހުންނަވައިގެން ބޭއްވެވި ނޫސްކޮންފަރެންސްގައި ވިދާޅުވީ ރައީސް ޞާލިޙު ދަބަހުގައި ފައިސާ ގެންދެވި ސީސީޓީވީ ފުޓޭޖް ފުލުހުންގެ އިދާރާގައި ހުންނާނެ ކަމަށެވެ.
”އެބޭފުޅާ (ރައީސް އިބޫ) ކަޅުދަބަސް ގެންދެވި ވީޑިއޯ ހުންނާނެ ޕޮލިހުގައި ވެސް. މުޙައްމަދު ރިޔާޟު ތަހުގީގުގައި އިސްކޮށް ހުރެގެން ބައެއް މީހުންގެ ބަޔާނުން އެބޭފުޅާގެ (ރައީސް އިބޫ) ނަން ވެސް ވަނީ އުނިކޮށްފައި.“ ޢަލީ ވަޙީދު ވިދާޅުވިއެވެ.
ޚަބަރު ލިބިފައިވާ ގޮތުގައި ބަދުނާމުވެފައިވާ އަދީބާއި އިބޫއާ ދެބޭފުޅުން ކުޅުއްވި މިލިއަން މިލިއަން ރުފިޔާގެ ފައިސާ ކުޅިއަކީ އަދީބު ޓްއަރިޒަމް މިނިސްޓަރަކަށް ހުންނެވިއިރު ރައީސް ޔާމީނުގެ ސަރުކާރުން ގާނޫނުތަކަށް ގެންނަން ބޭނުންވި ބައެއް ބަދަލުތައް ގެނައުމަށާއި އަދީބު ނައިބު ރައީސް ކަމަށް ވަޑައިގަތުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް އަދީބު އެމްޑީޕީގެ މެންބަރުންނަށް ފައިސާ ދެއްވުމަށް ހިންގެވި ޖަރީމާއެކެވެ. އެ ވާހަކަ މީގެ ކުރިން ވެސް ތުހުމަތު ކުރެވި އެކިފެންވަރުގައި ދެކެވިފައި ވެއެވެ.
ޔާމީނާއި އެމްއެމްޕީއާރްސީގެ ފައިސާއާ ގުޅުވެން ނެތް
ޢަލީ ވަޙީދު ވިދާޅުވި ގޮތުގައި އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ރައީސް ޔާމީނުގެ އެކައުންޓަށް ޖަމާވެފައި ނެތްކަން ދެ ގައުމެއްގެ ތަހުގީގީ އިދާރާތަކުން ކުރި ތަހުގީގުން ކަށަވަރު ކުރެވިފައި ވާ ކަމަށެވެ.
ޢަލީ ވަޙީދު ވިދާޅުވީ ޔާމީންގެ މައްޗަށް ހުކުމް އިއްވާފައި ވަނީ ނާއިންސާފުންނެވެ. އަދި އެކަން މީޑިއާގައި ފާހަގަކޮށް ކުރީން ވާހަކަދައްކާފައި ނުވިކަމަށް ވިޔަސް ”އެވާހަކަ ދައްކަން ޖެހޭ ހިސާބުގައި އޮންނާނީ ދައްކާފައި“ ކަމަށް ވިދާޅުވިއެވެ.
ޔާމީންގެ ޝަރީޢަތަށް ސަރުކާރުން ނުފޫޒު ފޯރުވިކަމަށް ޢަލީ ވަޙީދުގެ ވާހަކަފުޅުގައި ތަކުރާރުކޮށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޔާމީންގެ މައްޗަށް ހުކުމް އިއްވި ފަނޑިޔާރުންގެ ތެރެއިން ބައެއް ފަނޑިޔާރުންގެ ލީކު ވެފައިވާ އޯޑިއޯތަކުގެ މައްސަލަ އިތުރަކަށް ބަލާކަށް ނުޖެހޭކަމަށެވެ.
”އެއީ އެފަނޑިޔާރުންގެ އަޑު. އެމައްސަލަ އިތުރަށް ތަހުގީގު ކުރާކަށް ނުޖެހޭ.“ ޢަލީ ވަޙީދު ވިދާޅުވިއެވެ.
ކުރީގެ ރައީސުން ޖަލަށް ލުން އެއީ ކުރަން ބޭނުންވާ ކަމެއް ނޫން ކަމަށާއި ރައީސް އިބޫ ވެސް ދެ އަހަރު ފަހުން ޖަލުގައި އޮންނަ މަންޒަރު ދެކެން ބޭނުން ނުވާކަމަށް ޢަލީ ވަޙީދު ވިދާޅުވިއެވެ.
ޢަލީ ވަޙީދު ވިދާޅުވީ ޔާމީންގެ މައްޗަށް ހުކުމެއް ކުރަން ސަރުކާރުން ފުރަތަމަ ބޭނުމެއް ނުވާކަމަށެވެ.
”އިދިކޮޅު ޕީޕީއެމް އިން ކާނިވާ ސަރަހައްދުގައި ބޮޑު ދެ ޖަލްސާއެއް ބޭއްވުމުން ޖެހިއްޖެ ޔާމީން ޖަލަށް ލާން.“ ޢަލީ ވަޙީދު ވިދާޅުވިއެވެ.
ޢަލީ ވަޙީދުގެ ކުށެއް ނެތް
ޖިންސީ ގޯނާގެ ބޮޑެތި ތުހުމަތުތަކެއް ކުރެވި ޝަރީޢަތަށް އެ މައްސަލަ ހުށަހެޅިފައި ވަނިކޮށް ބޭސްފަރުވާއަށް ކަމަށް ވިދާޅުވެ އިނގިރޭސިވިލާތަށް ވަޑައިގެން ހުންނެވި ޢަލީ ވަޙީދުގެ ނޫސް ކޮންފަރެންސްގައި އޭނާ ވަނީ އެމްޑީޕީއަށް ޚާއްޞަކޮށް ރައީސް އިބޫއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި އޭނާއަށް ތުހުމަތު ކުރެވި ހެކިހުރެގެން ކުރިއަށް ގެންދާ މައްސަލައިގައި އޭނާގެ ކުށެއް ނެތް ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ޖިންސީ ގޯނާގެ މައްސަލައަކީ އޭނާ ފްރޭމްކޮށް ބަޔަކު ހިންގި ޖަރީމާއެއްކަމަށެވެ.
މާގިރީގައި ސިޔާސީ މީހުން އެއްޖިންސުން ގުޅުން ހިންގި
މާގިރި ހޮޓަލުގައި ވެރިކަން ކުރާ އެމްޑީޕީގެ އިސް ސަފުގައި ހުރި މީހަކު އެއްޖިންސުން ގުޅުން ހިންގި ކަމަށާއި ރޯދަމަހު ދުވާލު ކައިބޮއި ހެދިކަމަށް ވެސް ކުރީގެ ޓްއަރިޒަމް މިނިސްޓަރު ޢަލީ ވަޙީދުގެ ޕްރެސް ކޮންފަރެންސްގައި ވިދާޅުވިއެވެ.
ޢަލީ ވަޙީދު ވިދާޅުވީ އޭނާ ”ފްރޭމް ކުރީ“ އެ ފަދަ ކަންކަމާ ދެކޮޅު ހެދުމުން ކަމަށެވެ.
ރައީސް އިބޫ ވެރިކަމަށް ގެންނަން މަސައްކަތް ކުރެވުނީތީ މާފަށް އެދުން
ޢަލީ ވަޙީދުގެ ޕްރެސް ކޮންފަރެންސުގައި އިބޫ ވެރިކަމަށް ގެންނަވަން މަސައްކަތް ކުރެއްވުނީތީ މާފަށް އެދިވަޑައިގަތެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމީން ވެރިކަމުން ދުރުކުރަން މަސައްކަތް ކުރެވުމަކީ ގޯހެއް ކަމަށާއި އެކަން ކުރެއްވުނީތީ ހިތާމަ ކުރައްވާ ކަމަށެވެ.
”އަޅުގަނޑު އިނގިރޭސިވިލާތުން މާލެ އައިސް ދިޔައިން ހުޅުމާލޭ ސެކަންޑް ފޭސްއަށް. އެތަނަށް ގެނެސްފައި އޮތް ތަރައްގީ ފެނިފައި އަޅުގަނޑުގެ ހިތަށް އެރި ރަނގަޅު ކަމެއް ބާއޭ މިކުރެވުނީ. “ އޭނާ ވިދާޅުވިއެވެ.
ރައީސް އިބޫގެ ފުރަތަމަ ޓްއަރިޒަމް މިނިސްޓަރު ޢަލީ ވަޙީދު ވިދާޅުވީ ސަރުކާރަށް ކުރެވުނު ކަމަކީ އައިޖީއެމްއެޗްގެ ދޮރު ކައިރީގައި ޓެކްސީ މަޑުކުރާނެ ތަނެއް ހެދުން އެކަނި ކަމަށެވެ. އެތަން ހުޅުވައި ދެއްވަން ނައިބު ރައީސް ފައިސަލް ނަސީމް ވަޑައިގެންނެވިކަން ފާހަގަ ކުރައްވައި އެކަމަށް ވެސް ޢަލީ ވަޙީދު ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.
ޖިންސީ ގޯނާގެ ބޮޑެތި ތުހުމަތުތަކެއް ކުރެވި ވަރަށް ބޮޑަށް ބަދުނާމު ވެފައިވާ ޢަލީ ވަޙީދުގެ ދިގު ޕްރެސް ކޮންފަރެންސުގައި އޭނާ މަސައްކަތް ކުރައްވާފައި ވަނީ އޭނާއާއި ރައީސް ޔާމީނުގެ ކުށެއްނެތްކަން ހާމަކޮށްދެއްވުމަށާއި އެމްޑީޕީގެ ގޮތެއްފޮތެއް ނެތްކަން ސާބިތުކޮށް ދެއްވުމަށެވެ.