ދަތުރުފަތުރު ކުރުމަށް ހަދާފައިހުރި ގިނަ ގަވައިދު ތަކަކަށް ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި އިނގިރޭސިވިލާތުގައި ލުއިލިބިގެން ދާނެއެވެ.
ޓްރާންސްޕޯރޓް ސެކްރެޓެރީ ގްރާންޓް ޝަޕްސް ވިދާޅުވި ގޮތުގައި ކުރޯނާއާ ގުޅިގެން އެޤައުމުން އަމަލު ކުރަމުން ދިޔަ ”ޓްރެފިކް ލައިޓް ސިސްޓަމް“ ފަސޭހަ ކުރެވި ވެކްސިން ޖަހާފައިވާ ފަރާތްތައް ޓެސްޓް ކުރުމަށް އިތުރު ލުއިތަކެއް ދެވިގެން ދާނެއެވެ. ކުރިން އަމަލު ކުރަމުން ދިޔަ ފެހި، އޮރެންޖް، ރަތް ލިސްޓް މިހާރު ބަދަލު ކުރެވިފައި ވަނީ ހަމަ އެކަނި ފެހި ލިސްޓަކާއި ރަތް ލިސްޓް އޮންނަ ގޮތަށެވެ. މީގެ އިތުރުން ވެކްސިން ޖަހާފައިވާ ފަރާތްތަކުން ފެހި ލިސްޓުގައިވާ ގައުމަކަށް ނަމަ ފުރުމުގެ ކުރިން ހަދަންޖެހޭ ޓެސްޓު މިހާރު ހަދާކަށް ނުޖެހެއެވެ.
އޮކްޓޯބަރު މަސް ނިމޭ ކޮޅުގައި ދެ ދުވަސް ނަގާ ޕީސީއާރު ޓެސްޓް ހެދުމުގެ ބަދަލުގައި އަގުހެޔޮ ލެޓަރަލް ފްލޯ ޓެސްޓް ނަގާ ގޮތަށް ނިޒާމު ބަދަލުވެގެން ދާނެއެވެ. ނަމަވެސް ވައިރަހަށް ޕޮސިޓިވް ވެއްޖެ ނަމަ ޕީސީއާރު ޓެސްޓު ހަދަން ޖެހޭނެއެވެ. އެއީ ކޮވިޑް ވައިރަހުގެ ވޭރިއަންޓްތައް ދެނެގަތުމުގެ ގޮތުންނެވެ. މި ގެނެސްފައިވާ ބަދަލު އައު އަހަރު ފެއްޓެންދެން އޮންނާނެ ކަމަށް ލަފާކުރެވެއެވެ.
މީގެ އިތުރުން އެ ގައުމުން ވަނީ 22 ސެޕްޓެމްބަރުން ފެއްޓިގެން އަށް ގައުމެއް ރެޑް ލިސްޓުން ނަގާނެ ކަމަށް އިއުލާނު ކޮށްފައެވެ. އެ ގައުމު ތަކަކީ ތުރުކީ، ޕާކިސްތާން، ދިވެހިރާއްޖެ، މިސްރު، އޮމާން، ބަނގްލަދޭޝް، ކެންޔާއެވެ.
”ޓްރެފިކް ލައިޓް“ ނިޒާމަށް ގެނެސްފައިވާ ބަދަލުތަކަށް އަމަލުކުރާނީ ހަމައެކަނި އިންގްލެންޑުންނެވެ. ސްކޮޓިޝް ސަރުކާރުން ވަނީ މި ބަދަލު ނުގެންނާނެ ކަމަށް ބުނެފައެވެ. މިކަމަށް ޓްރެވަލް އިންޑަސްޓްރީގެ ރެޕްރެސެންޓޭޓިވްސް ވަނީ ތަރުހީބު ދީފައެވެ. އެއީ މިފަދަ ބަދަލުތަކުގެ ސަބަބުން ކްރިސްމަސް އާއި ދިމާކޮށް ދަތުރު ކުރަން ނިންމާ ފަރާތްތަކުން ދަތުރު ކުރަން ފަސޭހަ ވާނެތީ އެވެ.