ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މުއްދަތު އަނެއްކާވެސް އިތުރު ކޮށްފި އެވެ.
ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ސޮއިކުރައްވާ މިއަދު ނެރުއްވި ގަރާރެއްގައި ވަނީ އަންނަ މަހުގެ އެކެއްގެ ނިޔަލަށް ކުއްލި ހާލަތުގެ މުއްދަތު ދައްމާލަން ނިންމާފައިވާ ކަމަށެވެ.
މުއްދަތު އިތުރުުކުރުމަށް ނިންމީ ރައްޖޭގައި އަދިވެސް ފުޅާ ދާއިރާއެއްގައި ކޮވިޑް ފެތުރުމުގެ ނުރައްކާ އޮތުމުން އެ ނުރައްކާ ކުޑަ ކުރުމަށް ހާއްސަ ފިޔަވަޅު އަޅަން ޖެހޭ ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ލަފާ ދެއްވުމުން ކަމަށް އެ ގަރާރުގައިވެއެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމުގެ ގޮތުން ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކާ އެންމެ ފުރަތަމަ އިއުލާން ކުރީ މިދިޔަ އަހަރުގެ މާޗު މަހުގެ 12އިގަ އެވެ. އޭގެ ފަހުން އެކިފަހަރުމަތިން މި މުއްދަތު އިތުރުކުރމަުން އައިސް މިއީ މި މުއްދަތު އިތުރުކުރި 18 ވަނަ ފަހަރެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރު ކުރި އިރު ކުރިއާ ބަލާއިރު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދައްވެ އެއްވަރެއްގައި ހިފެހެއްޓިފަ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ރޭ އާންމު ކުރި ތަފާސް ހިސާބަށް ބަލާއިރު އިއްޔެ މި ބައްޔަށް ޕްޒިޓިވް ވެފައިވަނީ 152 މީހުންނެވެ. އެއީ މާލެ ސަރަހައްދުން 26 މީހަކާއި އަތޮޅުތަކުން 74 މީހަކާއި ރިޒޯޓުތަކުން 48 މީހެއްގެ އިތުރުން ސަފާރީތަކުން ޕޮޒިޓިވް ވި ހަތަރު މީހެކެވެ.
ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 81،112 އަށް އަރާފައެވެ. އޭގެ ތެރެއިން މިވަގުތު ބަލި ޖެހިފައި ތިބީ 1,730 މީހަކަށެވެ. އަދި ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ 22 މީހަކަށެވެ.