ލޯބީގެ މަންޒިލު-3

Loading

Facebook
Twitter
WhatsApp

http://sandhaanu.today/13485  އާގުޅޭ

ރާމް މަޑުމަޑުން ކޮޓަރިން ނިކުމެއްޖެއެވެ.

ވަގުތަކީ މެންދުރު ކާގަޑިކަމަށް ވުމުން އެހެން ހުރިހާ މުއައްޒިފުން ތިބީ ކެންޓީނަށް ގޮހެވެ. އެކަމަކު ރާމްއަށް ބަނޑުހައިހޫނުކަމުގެ އެއްވެސް އިހުސާސެއް ނުވެއެވެ. އޭނާ ހުރީ ސަރޫޕު ދެކެ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ. ވަޒީފާ ހޯދަން ދަތި ދުވަސްވަރެއްގައި ވަޒީއާ މެދު ފަރުވާކުޑަކުރީ ކީއްވެގެން ބާވައޭ އޭނާގެ ހިތަށް އެރިއެވެ.

މީހަކު ދުވެފައި އަންނަ އަޑު އިވުމުން ކުއްލިއަކަށް ރާމް ސިއްސައިގެންދިޔައެވެ. އެއީ ސަރޫޕެވެ. އެއްވެސް ގޮތެއްފޮތެއް ނުބަލައި ސަރޫޕު އޮފީހަށް ވަދެގެން އަންނަތަން ފެނުމުން ރާމްގެ ހިތުގައި އުފެދިފައިވާ ރުޅިވެރިކަން އިތުރުވެގެންދިޔައެވެ.

ސަރޫޕު ދުވެފައި އައިސް ރާމްގެ ގާތަށް ހުއްޓިފައި ބުނެލިއެވެ. ”ބައްޕާ! އަޅުގަނޑަށް މައާފު ކުރައްވާ!“

”ކިހިނެއް މައާފު ކުރާނީ؟ ދެ ގަޑިއިރު ފަހުން ތިއައީ.“

”އަޅުގަނޑުގެ އަތުގައި ގަޑިއެއް ނެތުމުން ލަސްވީ.“

 

އެވަގުތު ނިރޯތަމް ދާސް ކުއްލިއަކަށް އޮފީސް ކޮޓަރިން ބޭރަށް ނިކުތުމުން ރާމް ސަރޫޕުގެ ގައިގައި ކޮއްޓާލާފައި މަޑުމަޑުން ބުނެލިއެވެ.

”އަވަހަށް ސަލާމް ކުރޭ! މިއީ މިތަނުގެ ވެރިމީހާ.“

ސަރޫޕު ވަރަށް އަދަބުވެރިކަމާއެކު ސަލާމް ކުރުމުން ރާމް އަވަސްއަވަހަށް ވާހަކަދައްކަން ފެށިއެވެ. ”ބައްލަވާ މިއީ އަޅުގަނޑުގެ ދަރިފުޅު ސަރޫޕު. ބަހުގައި އަންނަން ހަދައިގެން ލަސްވީ.“

ނިރޯތަމް ދާސް ސަލާމް ބަލައިގެންފައި ސަރޫޕުގެ ބޮލުން ފެށިގެން ފަޔަށް ރަނގަޅަށް ބަލައިލިއެވެ. އަދި އެނބުރި އޮފީސް ކޮޓަރިއާ ދިމާއަށް ހިނގައިގަންނަމުން ބުންޏެވެ. ”އެތެރެއަށް އާދޭ!“

ރާމްގެ ލޯ އުފަލުން ވިދަންފެށިއެވެ.

ކުޑައިރުކޮޅެއްގެ ތެރޭގައި ރާމްއާއި ސަރޫޕު ތިބީ ނިރޯތަމް ދާސްގެ ކުރިމަތީގައި އޭނާ ނިންމާ ނިންމުމެއްގެ އަޑު އެހުމުގެ އިންތިޒާރުގައި އިށީނދެގެންނެވެ.

ދުންބޯ ކަށިގަނޑުގައި ހުރި އަޅިތައް އަޅިކެނޑިއަށް އަޅާލާފައި ނިރޯތަމް ދާސް ސަރޫޕާ ވާހަކަދެއްކިއެވެ.

”އެމްއެސްސީ އިމްތިހާނު ހަދައިފިންދޯ!“

”ލައްބަ. އަޅުގަނޑު ފާސްވީ އެއްވަނަ ދަރަޖައިގައި.“

”އަހަރުމެންގެ ގައުމަށް ޓެކްނިކަލް މީހުން ބޭނުން ވެފައިވާވަރު ކަލެއަށް ވެސް އެނގެއެއްނު! ބީއެސްސީ ނިންމުމަށް ފަހު އިންޖިނިއަރިން ނެހެދީ ކީއްވެގެން؟“

”ބައްލަވާ!“ ސަރޫޕު ވަރަށް ފަރުވާތެރިކަމާއެކު ވާހަކަދެއްކިއެވެ. ”އަޅުގަނޑު އިންޖިނިއަރިން ހަދަން ގަސްތުކޮށް އެކަމަށް ކުރިމަތިލާން ބެލިއިރު އަޅުގަނޑަށްވުރެ ކުރީން 50 ހާސް މީހުން ޔުނިވަސިޓީތަކަށް ވަންނަން އެދިފައި ތިބި. އޭގެތެރޭން ވަދެވުނީ 30 ހާސް މީހުންނަށް. ދެން ބައްލަވާ 10 ހާސް މީހުން ފާސްވާނެ ކަމަށް. އެއްއަހަރު ދުވަހުގެ ތެރޭގައި 100 ހާސް މީހުން ވަޒީފާ ހޯދާނީ ކޮންތާކުންތޯ؟“

”ކަލޭ ވަރަށް ދުރަށް ވިސްނައިފިންދޯ!“ ނިރޯތަމް ދާސް ބުންޏެވެ. ”އަހަރުމެންގެ ފެކްޓްރީއަކީ އިންޑިއާގައި ހުރި ކޮސްމެޓިކްސްގެ އެންމެ ބޮޑު އެއްތަން. ފެކްޓްރީގައި ކެމިކަލް އެގްޒަމިނަރއެއްގެ ވަޒީފާ އެބައޮތް. އަހަރެން ގަސްތު ކުރަނީ ހަ މަސް ދުވަސް ވާނދެން ވަގުތީ މީހެއްގެ ވަޒީފާ ކަލެއަށްދޭން. ފެށޭ މުސާރައަކީ މަހަކު ދޮޅުހާސް ރުފިޔާ. ރަނަގަޅަށް ވަޒީފާ އަދާކުރާނަމަ ދާއިމީ ވަޒީފާއަކަށް ބަދަލުކުރުމުގެ އިތުރަށް މުސާރަވެސް ބޮޑު ކުރާނަން“

ލިބުނު އުފާވެރި ޚަބަރުގެ ސަބަބުން ރާމްގެ ހިތް ބާރަށް ތެޅިގަތެވެ. ސަރޫޕަށް ވެސް ލިބުނީ އުއްމީދު ނުކުރާވަރުގެ ބޮޑު އުފަލެކެވެ. އޭނާ ތުރުތުރުލާ އަޑަކުން ބުނެލިއެވެ. ”ވަރަށް ބޮޑަށް ޝުކުރިއްޔާ!“

”ވަޒީފާ ލިބުނުކަމުގެ ލިއުން ކަލެއަށް މާދަމާ ލިބޭނެ. މާދަމައިން ފެށިގެން ވަޒީފާއަށް ނިކުމޭ!“

”ލައްބަ.“

ކުއްލިއަކަށް ފޯނު ރަނގަބީލުވާން ފެށިއެވެ. ނިރޯތަމް ދާސް ފޯނުގެ އަތްގަނޑު ނަގައި ކަންފަތުގައި ޖައްސަމުން ވާހަކަދައްކަންފެށިއެވެ.

”މިއީ ނިރޯތަމް ދާސް.“

”މިއީ ފޯރަންގީ ލާލު.“

”އާނ. ލާލު! ކިހިނެއްވީ؟“

”ކޭކަކަށް އޯޑަރު ދިނީމެއްނު ދޯ! އެ ކޭކު އެޅިދާނެ. އެކަމަކު ކޭކު ފޮނުވައިދެވޭކަށް ނެތް.“

”އެއީ ކީއްވެގެން؟“ ނިރޯތަމް ދާސް ހައިރާންކަމާއެކު ސުއާލުކުރިއެވެ.

”ކީކޭ ބުނާނީ؟ މިހާރަކަށް އައިސް މަސައްކަތު މީހުން އެމީހުންގެ ބޭނުންތައް ހުށަހަޅަނީ ފަހުން. ފުރަތަމަ ކުރަނީ މުޒާހަރާ. މިރޭ 12 ޖަހާއިރު އަޅުގަނޑުމެންގެ ފެކްޓްރީގެ ހުރިހާ މުއައްޒިފުން މުޒާހަރާކުރަން ފަށާނެ. މުޒާހަރާ ނިންމާނެ ވަގުތެއް ނޭނގޭ.“

”ތީ ވަރަށް ދެރަކަމެއް.“ ނިރޯތަމް ދާސް ވަރަށް ކަންބޮޑު ވެފައިވާ އަޑަކުން ބުންޏެވެ. ”ތިހާ ދުރަށް ދާނެ ވަގުތެއް އަހަރެންގެ މުއައްޒިފަކަށް ވެސް މާދަމާ ނުލިބޭނެ.“

ރާމް ކުއްލިއަކަށް ސުއާލުކުރިއެވެ. ”ބައްލަވާ މާދަމާ ކުރަން ޖެހޭ މާ ބޮޑު ޚާއްޞަ ކަމެއް އޮތީތޯ؟

ނިރޯތަމް ދާސް ފޯނުގެ ރިސީވަރުގައި އަތްއަޅައިގެން އިނދެ ވެގެން އުޅޭ ގޮތް ކިޔައި ދިނުމުން ސަރޫޕާ ދިމާއަށް އިޝާރާތްކޮށްލާފައި ރާމް ބުންޏެވެ. “ މިއީ ވެސް ސާހިބާގެ މުއައްޒިފެއް. ކުރަންވީ ކަމެއް ބުނުއްވާ!“

ސަރޫޕާ ދިމާއަށް ބަލާލާފައި ޖެހިލުންވެ އިނދެ ނިރޯތަމް ދާސް ބުންޏެވެ. ”މާދަމާ އަހަރެންގެ ދަރިފުޅުގެ އުފަންދުވަސް ފާހަގަކުރަން ޕާޓީއެއް ބާއްވާނެ. ވަގުތަށް ކޭކު ގެއަށް ނުގެންދެވިއްޖެނަމަ ވަރަށް މައްސަލަ ބޮޑުވާނެ. އޭނާގެ މަންމަ ނިޔާވީއްސުރެ އަހަރެން އޭނާ ގެންގުޅެނީ ދުވަހަކުވެސް އޭނާގެ ހިތުގައި ނުޖައްސައި. އެއީ އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅުކަމަށް ވާތީ.“

”ކޭކު ބަލާ ދާންވީ ތަނުގެ އެޑްރެސް ދެއްވާ! އަޅުގަނޑު ކޭކު ގެނެސް ދޭނަން.“

ނިރޯތަމް ދާސް ކޭކު ބަލާ ދާންވީ އެޑުރެހާއި ގެންދާންވީ އެޑުރެސް ކަރުދާސްކޮޅެއްގައި ލިޔެ ސަރޫޕު އަތަށް ދީފައި ބުންޏެވެ. ”މާދަމާ ހެނދުނު ކޭކު ގެންގޮސް އަހަރެންގެ ގެއަށް ލާފައި އޮފީހަށް އާދޭ!“

”ވަރަށް ބޮޑަށް ޝުކުރިއްޔާ!“

ސަރޫޕު ވަރަށް އަދަބުވެރިކަމާއެކު ނިރޯތަމް ދާސްއާ ސަލާމް ކުރުމަށްފަހު އޮފީހުން ނިކުތެވެ.

ނުނިމޭ

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް