މުޣަލް އެމްޕަޔަރ-8

Loading

Facebook
Twitter
WhatsApp

http://sandhaanu.today/category/report/ އާއި ގުޅޭ….

17 ވަނަގަރުނުގައި އަކްބަރް ރަސްގެފާނުގެ ރަސްކަނަށް ބަލައިލުމެއް:

ސަތާރަވަނަގަރުނުފެށުމާއެކު އިތުރުތަންތަން ފަތަހަކުރުން ކުރިއަށް ގެންދިޔައެވެ. ނަތީޖާއެއްގެގޮތުން އާމްދަނީ ލިބޭނެ އިތުރުވަސީލަތް ތަކާއި ޒިންމާއާއި ސިފައިންގެ ފައުޖުތަކާއި އެތައް އެތައް ކަމެއް އެތައްގުނައަކަށް އިތުރުވެގެން ހިގައްޖެއެވެ. 1605 އިން 1707 އަށް ފާއިތުވެގެން ދިޔަ ސަތޭކަ އަހަރަކީ މުޣަލްރަސްކަމުގެ އެންމެ ބާރުގަދަ ރަސްކަލުންގެ ޒަމާނެވެ. 1605 އިން 1627 އަށް ޖަހާންގީރު ރަސްގެފާނު، 1628 އިން 1658 އަށް ޝާހުޖަހާން އަދި 1658 އިން 1707 އަށް އައުރެންގްޒެބް ގެ ރަސްކަމެވެ. މިތަނުން ޖަހާންގީރު ރަސްގެފާނާއި ޝާހުޖަހާން ގެ ރަސްކަމަކީ ރައްޔިތުންނަށް ހަމަޖެހުމާއި ކުރިއެރުން ގެނެސްދިން އަދި އިމާރާތްކުރުމާއި އިގްތިސާދަށްވެސް ކުރިއެރުންތަކެއް ލިބިގެންދިޔަ ދުވަސްތަކެކެވެ.

އައުރެންގްޒެބް ގެ ރަސްކަމުގައި މުޣަލް ރަސްކަން އިތުރު ސަރަހައްދުތަކެއް ކާމިޔާބުކުރިނަމަވެސް ކުރިން އިޝާރާތްކުރި ބައެއް ނުރަނގަޅު ފިޔަވަޅުތަކުގެ ސަބަބުން ރައްޔިތުންގެ ހމަޖެހުމަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދިއުމުން އެ ރަސްކަމުގެ ތަރި މެދުއުޑުން ކައްސާލައިފިކަމުގެ ނިޝާންތައް ފާހަގަކުރެވެން ފެށިއެވެ. ވަރިކަމުގެ ބާރުގެދަށަށް ސަރަހައްދުތައް އިތުރުވުމުގެ ނަތީޖާއެއްގެ ގޮތުން އިތުރުވެގެންދިޔަ ބޭރުގެ ވިޔަފާރި އާއި ގަނޑުވަރުތެރޭ ބޭފުޅުންގެ ދެއްކުންތެރި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބިނާކޮށް އިތުރު މަރުކަޒުތަކަށް ވިޔަފާރީގެ މުގޫތައްވެސް ދޭންޖެހިއްޖެއެވެ.

ލާހޯރާއި ދިއްލީއާއި އާގްރާ އަދި އަހްމަދުއާބާދު އެއްގަމާއި ކަނޑުގެ މަގުން މައިގަނޑު ވިޔަފާރި މަރުކަޒުތަކާއި ގުޅާލެވުނެވެ. އެދުވަސްވަރުގައި އެ މަރުކަޒުތަކަކީ ދުނިޔޭގެ ނިސްބަތުންވެސް ފާހަގަކުރެވޭ ތަންތަނެވެ. މުޣަލް ރަސްކަމުގެ އިގްތިސާދާއި ފައިސާގެ ނިޒާމް ފުޅާވެގެން ދިއުމާއި ޢާންމު އުފެއްދުންތަކާއި ދަނޑުގޮވާން ކުރުމުގެ އުފެއްދުންތައް ކުރިއެރުވުމުގެ މަޝްރޫޢުތަކުން ކުދިކުދި އަވަށްތަކާއި ބޮޑެތި ޝަހަރުތައް ގުޅިގެންދިޔައެވެ. މިކަންތައްތައް މިގޮތަށް ތަރުތީބު ކުރެވިގެން ހިނގަންފެށުމުން މިލްކިއްޔާތާއި މުދަލާއި ފައިސާގެ މުޢާމަލާތުތަކާއި އަދި ފައިސާބަދަލުކުރުމާއި ޓްރާނސްފަރ ކުރުންފަދައެތައް މަގުތަކެއް ހުޅުވިގެން ދިޔައެވެ. އެހެންކަމުން މިކަމުގައި މުޣަލްރަސްކަމަށް ނިސްބަތްކުރެވޭ ޢިއްޒަތްތެރިންގެ ބައިވެރިވުންވެސް އިތުރުވެގެންދިޔައެވެ.

ތައްޓާއާއި ސޫރަތު ހުގުލީ އާއި ލާހޯރަކީ 1640 އިން 1650 އަށް މިރޮނގުން އެންމެ ޙަރަކާތްތެރި މަރުކަޒުތަކެވެ. ސަރުކާރުގެ މިލްކުގައި ހިމެނޭ އާގުބޯޓުފަހަރުވެސް ހުރުމާއި އަދި އެކިފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އެހީތެރިވުމުގެގޮތުން ކުރިއަށް ފައިސާދިނުންވެސް އޮތީ ތަޢާރުފް ކުރެވިފައެވެ.

މިފަދަރިވެތިގޮތަކަށް ތަރުތީބުކުރެވިގެން ހިގަހިގާއޮތް ރަސްކަމުގެ ވިޔަފާރީގެ ސިޔާސަތަށް އީރާނުގެ ނުފޫޒު ވަންނަން ފެށުމާއެކު ނުރަނގަޅު ބަދަލުތަކެއްގެ ކޮޅުމަތި ފެންނާން ފެށިއެވެ. އީރާނުގެ ވެރިންނަކީ ވިޔަފާރިއާއި އިގްތިސާދުގެ ތެރެއަށް ވެރިކަމުގެ ނުފޫޒުވެއްދުމުގެ ދިގުތާރީޚެއް އޮތްބައެކެވެ.

ޝާހު ޢައްބާސް 1 ގެވެރިކަމުގައި މި ނުފޫޒު އިތުރަށް ވަރުގަދަކުރިއެވެ. އެޒަމާނުގައި ހިނގަމުންދިޔަ ބާރުގަދަ އިސްލާމީ ރަސްކަންތަކުގައި ހިމެނޭ އުސްމާނީ ޚިލާފަތާއި ސަފާވިދުންގެ ރަސްކަމާއި މުޣަލް އެމްޕަޔަރަކީ ފެންނަފެނުމުގައި އެއް ފަލްސަފާއެއްގެ އަހުލުވެރި ބައެއްކަމުގައި ފެނުނުކަމުގައިވިޔަސް ހަގީގަތަކީ އިގްތިސާދީ މައިދާންތަކުގައި މުޅިންތަފާތު ވިސްނުމަކާފިކުރެއް ގެންގުޅުމެވެ. އެއްބަޔަކު އަނެއްބައެއްގެ ކުރިއެރުމަށް ހުރަސް އަޅަމުންގެންދިޔައީ ވަރަށް ސިއްރިޔާތުގައެވެ.

މިހިސާބުން ދެންފެންނަންފެށީ ނުވެ ނުދާނެ ގިނަކަންތައްތަކަކަށް މަގުވެސް ހުޅުވިގެންދާންފެށިތަނެވެ. ބާރަކީ ކިތަންމެ ގިނައިން ލިބުނަސް ހިތްފުރޭ އެއްޗަކަށްނުވާ އުސޫލުގެ މަތިން ބާރުތައް ހިފޭއްޓުމަށްޓަކައި ނުރަނގަޅު ބައެއް ފިޔަވަޅުތައް އަޅަން ފެށިތަން ފެނުނެވެ. އިތުރު ގަވައިދުތައްހެދި މިހާރުގެ ބަހުރުވައިންނަމަ ރައްޔިތުންގެ ޖީބަށް އަތް ބޭނޭނެ މަގުތަށް ކޮށަމުން ދާން ފަށައިފިއެވެ. މި ފަޔަވަޅުތަކާއި ގަވައިދުތަކުގެ ސަބަބުން ތަފާތު ނަސްލުތަކުގެ އިސް ސަފުގައި ޙަރަކާތްތެރި ވަމުންދިޔަ މީހުންނަށް ރައްޔިތުންގެ ޕްރެޝަރބޮޑުވެ ހަމަނުޖެހުމުގެ ޙަރަކާތްތަކުގެ އަލިފާންގަނޑު މަޑުމަޑުންނަމަވެސް ރޯވާން ފަށައިފިއެވެ.

ޖަހާންގީރުގެ ރަސްކަން:

ޖަހާންގީރުގެ ރަސްކަން ފެށުނުތަނާހެން އޭނާގެ ދޮށީ ފިރިހެންދަރިފުޅު ޚުޝްޜޫ އާއި އޭނާއަށް ތާއީދުކުރާ ބަޔަކާއެކު ފަށާގަތް ބަޣާވަތަކާ ދެކޮޅަށް ތެދުވާންޖެހުނެވެ. އެބަޣާވަތުގައި ސިކުންގެ ގުރޫ އެއް ކަމުގައިވާ އަރުޖުން ސިންގްވެސް ޚުޝްރޫއާއި ބައިވެރިވިއެވެ. ލާހޯރުގައި ޚުޝްރޫ ބަލިވުމުން ރަސްގެފާނުގެ ދަރުބާރަށް ގެނެވުނީ ހަތަރެސްފައިގާ ހިލިހިލާ ޖަހައިގެންނެވެ. އަދި އަރުޖުން ސިންގަށް މަރުގެ އަދަބުދެވުނެވެ. މިކަމުގެ ސަބަބުން ސިކުންނާއި ދެމެދު އޮތް ގުޅުން އެކުގައި ކެނޑިގެން ހިގައްޖެއެވެ.

ޚުޝްރޫގެ ބަޣާވަތާއެކު ކުދިކުދި އެހެން ކުރިމަތި ލުންތައްވެސް އުފެދިގެންދިޔައެވެ. އެހެންނަމަވެސް އެ ކުރިމަތިލުންތައް މާބޮޑުކަމަކަށް ނުވަނީސް މަތަކޮށްލެވިއްޖެއެވެ. އީރާނުގެ ޝާހްއައްބާސް މިއުފެދުނު ކުރިމަތިލުންތަކުގެ ފައިދާނަގައި 1606 ވަނައަހަރު ކަންދަހާރު ހިސާރުކުރިއެވެ. އެހެންނަމަވެސް ޖަހަންގީރުގެ ބިޔަލަޝްކަރު އަންނަކަންއެނގުމުން އެތަންދޫކޮށް ދިޔައީއެވެ.

1622 ވަނައަހަރު އަނެއްކާވެސް ޝާހްއައްބާސް ކަންދަހާރަށް ހަމަލާދިނެވެ. މިފަހަރު ޖަހާންގީރު ރަސްގެފާނު އޭނާގެ ޕްރިންސް ޚުއްރާމް ( ފަހުން ޝާހްޖަހާން ) އާއި ކަންދަހާރު ދިފާޢު ކުރުމުގެ މަސްއޫލިއްޔަތު ޙަވާލު ކުރެއްވިއެވެ. އެހެންނަމަވެސް އޭރު ޝާްޖަހާން ރާވަމުންގެންދިޔައީ އޭނާގެ ބައްޕައާއި އިދިކޮޅަށް ސިއްރިޔާތުގައި ބަޣާވަތެއްވެސް ރާވަމުން ގެންދިއުމުގެ ސަބަބުން ކަންދަހާރު ދިފާޢުކުރުން ކާމިޔާބެއް ނުވިއެވެ. އެންމެފަހުން 45 ދުވަސްވަންދެން ހިސާރުގައި އޮތުމަށްފަހު ޝާހުއައްބާސްގެ ބާރުގެ ދަށަށް އެރަށް ދިޔައީއެވެ. އަދި އެއީ އީރާނުގެ ޝަހަރެއްކަމުގައި ހަމަޖެއްސީއެވެ. ޝާހްޖަހާންގެ ނަޒަރުގައި މިއީ މަކަރާހީލަތުން ޝާހްއައްބާސް އަތުލި ޝަހަރެކެވެ. އެހެންކަމުން އެތަން އަލުން އަތުލުމަށްޓަކައި ލަޝްކަރެއް ފޮޏުވިއެވެ. އެކަމަކު ޝާހުޖަހާންގެ ބަޣާވަތާއި އަދި ރަސްގެފާނުގެ އަމިއްލަ ސިއްހަތުވެސް ގޯސްވެ ގިނަދުވަސް ތަކެއްގައި ބަލިވެ އުޅުއްވުމާއި އަދި އެބަލީގައި އަވަހާރަވުމުގެ ސަބަބުން ކަންދަހާރު ގެއްލިގެން ދިޔައީއެވެ. ކާބުލްގެ މައްޗަށް ޖަހާންގީރުގެ ފުރިހަމަބާރު އޮތްކަމުގައިވިޔަސް ކަންދަހާރު ގެއްލިގެންދިއުމަކީ މުޣަލް އެމަޕަޔަރަށް އެރި ވަރަށްބޮޑު ލޮޅުމެކެވެ.

އެހެންކަމުން ކާބުލްގެ މައްޗަށް އިތުރަށް ބާރުގަދަކުރުމުގެ ގޮތުން ޖަހާންގީރު ރަސްގެފާނުގެ ވަރަށް އަރިސް ބޭފުޅެއްކަމުގައިވާ ޚާން ޖަހާން ލޯދީއަށް އެތަނުގެ ވެރިކަން ޙަވާލުކުރިއެވެ. ލޯދީއަކީ އަފްޣާނުގެ އުތުރުގެ އަވަށްތަކުގެ ގަބީލާތަކުގެ މެދުގައި ވަރަށް ނުފޫޒުގަދަ ބޭފުޅެކެވެ.

މޭވާރ ސަރަޙައްދުގެ ކާމިޔާބީ:

ޖަހާންގީރުގެ ރަސްކަމުގައި ހޯދުނު އެންމެބޮޑު ކާމިޔާބީއެއްކަމަށް ދެކިވަޑައިގަންނަވަނީ މޭވާރ ސަރަހައްދުގައި އެފެދެމުންދިޔަ ކުރިމަތިލުންތައް ނިމުމަކަށް ގެނައުމެވެ. ޕްރިންސް ޚުއްރާމަށް އެންމެހާ ލަޝްކަރުތަކުގެ ވެރިކަންދިނުމަށްފަހު 1613 ވަނައަހަރު ސީދާ ރަސްގެފާނު އަޖްމަރަށް ވަޑައިގެން ކުރެއްވި މަސައްކަތުގެ ފޮނި ނަތީޖާއެވެ. 1615 ވަނައަހަރާދެމެދު ރާނާ އަމަރ ސިންގއާއެކު ބޭއްވުނު މަޝްވަރާތަކުގެ އެންމެފަހު ނިންމުކަށްވެގެންދިޔައީ ޖަހާންގީރުގެ ވެރިކަން ރާނާ އަމަރސިންގ ގަބޫލުކޮށް ޗިތޯރުގެ ސަރަހައްދާއެކު އޭނާގެ ބާރުގެދަށޔގައިހުރި އެންމެހާ ސަަރަހައްދުތަކެއް މުޣަލް ރަސްކަމުގެ ބާރުގެދަށަަށް ގެނެވުމެވެ. އެހެންނަމަވެސް އަމަރސިންގއަށް ރަސްކަމުގެ ދަރުބާރުގައި ހިނގާ ބައްދަލުވުން ތަކުގައި ބައިވެރިވުމުގެ ހުއްދައެއް އަދި ގަނޑުވަރުތެރެއަށް ނިސްބަތްކުރެވޭ އަންހެން ބޭފުޅުންނާއި ކައިވެނިކުރުމުގެ ހުއްދައެއް ނޯވެއެވެ. އޭނާގެ ބަދަލުގައި އެފަދަ ބައްދަލުވުންތަކުގައި ބައިވެރިވެވޭނީ އެނާގެ ފިރިހެންދަރިއެވެ.

ކަނގްރާއާއި ކަޝްމީރުގެ ކިޝްތްވާރއާއި ނަވަނަގަރާއި ކަޗްގެ ރާޖްޕުތުގެ ވެރިންވެސް މުޣަލް އެމްޕަޔަރގެދަށުގައި ދެމިތިބުމަށް އެއްބަސްވިއެވެ. ބީރްސިންގެ ބުންޑޭލާއަށް ރަސްކަމުގެތެރޭން ވަރަށް އިސްމަގާމެއް ހަމަޖެހި އެ ޚާންދާނުގެ އަންހެންދަރިއަކު ގަނޑުވަރުތެރޭ ބޭފުޅަކާ ކައިވެނި ބައްލަވައިގަތެވެ. ދެން ފާހަގަކޮށްލެވޭ މުހިންމުކަމެއްގެ ގޮތުގައި ބަންގާލާއި އޮރިއްސާގައި ބާރުގަދަކޮށްގެނތިބި އަފްޣާނަށް ނިސްބަތްކުރެވޭ ސިފައިން އެ ސަރަހައްދުން ފައްސާލުން ހިމުނެއެވެ.

ނުނިމޭ……

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް